Roadha Mihaaru
އައްޑޫ ލިންކްރޯޑް ތަރައްގީކުރަނީ މޮނޮރެއިލް ލެވޭ ގޮތަށް

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަނީ މޮނޮރެއިލް ލެވޭ ގޮތަށް: ސޯބެ

27 ފެބުރުއަރީ 2021

އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ސަރަހައްދު ގުޅިފައި އޮތް ލިންކް ރޯޑްގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ މަގު ތަރައްގީކުރާނީ ކުރިއަށް އޮތް ތަނުގައި މޮނޮރެއިލް ވެސް ލެވޭ ގޮތަށް ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ސަރަހައްދު ގުޅިފައި އޮތް ލިންކް ރޯޑްގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ މަގު ތަރައްގީކުރާނީ ކުރިއަށް އޮތް ތަނުގައި މޮނޮރެއިލް ވެސް ލެވޭ ގޮތަށް ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ދޭ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާގެ ލޯނު އެހީގައި ހިންގާ އައްޑޫ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓް ބެހޭ ބައެއް މައުލޫމާތު ޓްވިޓާގައި ހިއްސާކުރައްވައި މޭޔަރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެ ލިންކް ރޯޑުން ވަކިކޮށް، އެ ރަށާ ދެ ފަރާތުން ގުޅިފައި އޮތް މަރަދު އާއި ގައުކެނޑި، ހަންކެޑާ ވަކިކޮށް ހަތަރު ލޭނަކަށް ވާ ގޮތަށް މަގު ފުޅާކުރާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތް ނިމޭ އިރު އެ ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުމެއް ވެސް މޭޔަރުގެ ޓްވީޓްގައި ހިމަނުއްވި އެވެ.

"ހަތަރު ލޭނަކަށް މަގު ފުޅާކުރެވޭ ގޮތަށް 1.4 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ،" މޭޔަރު ވިދާޅުވި އެވެ.

"އަދި ގަން އެއާޕޯޓުން ހިތަދޫ އޮޑައްސަލާ [ހިތަދޫގެ އެންމެ ކޮޅުން މީހުން އަލަށް އާބާދުވަމުން އަންނަ ސަރަހައްދު] ހަމައަށް ލިންކް ރޯޑް ހަތަރު ލޭނަކަށް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައި އޮތީ މުސްތަގުބަލުގައި މޮނޮރެއިލް ލޭނެއް އެޅޭ ގޮތަށް."

ގަމުން ފެށިގެން ހިތަދުއާ ހަމައަށް ގުޅާލާފައި އޮތް 19 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑް ހެދީ 2003 ގަ އެވެ. އެއީ އޭރު ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ.

އެކަމަކު މަގުގެ މަރާމާތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި ގިނަ ދުވަސް ވުމާއި މަގުގެ ބެންޑްތައް ވެސް ގިނަވުމުން، މަގުގެ ހާލަތު ގޯހެވެ. އަދި އެކްސިޑެންޓް ގިނަވުމުން އެއީ ރާއްޖޭގައި އޮތް އެންމެ ނުރައްކާތެރި މަގަށް ވެސް ވަނީ ވެފަ އެވެ.

އަލުން ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތުގައި ހަންކެޑެ ތެރެއިން އެ މަގުގެ އެއްވެސް ބައެއް ނުގެންދާ ގޮތަށް ނިންމި އިރު، އެއީ 2005 ހިސާބުން ފެށިގެން އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްފައި އޮތް ރަށެކެވެ. ކުރިން އެތަނުގައި ސިޓީ ހޮޓަލެއް ހެދުމާ ގުޅޭ އެކި ވާހަކަތައް ދެކެވި، ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވެސް ކުރި އެވެ. ނަމަވެސް އެ މަޝްރޫއު ހަގީގަތަކަށް ހެދޭވަރެއް އަދި ނުވެ އެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާކުރަން މިހާރު ރާވާފައިވާ ޕްލޭންގައި ވެސް ހެންކެޑެ ވަރަށް މުހިންމެވެ. އެގޮތުން އެ ރަށުގައި ހޮޓަލާއި ގެސްޓްހައުސް އާއި ސްޕާ އާއި ބީޗް ކުލަބާއި ކޮންފަރެންސް ހޯލާއި ފިޓްނެސް އާއި ކުޅިވަރާއި ވޯޓަ ސްޕޯޓްސް އާއި ޑައިވިން އަދި އިވެންޓް ސްޓޭޖް ފަދަ ތަންތަން ހަދަން ވަނީ ޕްލޭންކޮށްފަ އެވެ.

ސޯބެ ވިދާޅުވީ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ސަބް ލޭޔަރު އަޅާފައި ހުރިހާ މަގެއްގައި ތާރު އަޅާނެ. އަދި ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ހަދައި ސަބް-ބޭސްއާ އެއްކޮށް ކުދި ގޯޅިތައް ނިންމާނީ ކޮންކްރީޓް ފިނިޝިން އިން،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތައް ފުރިހަމަވެފައި ރައްކާތެރިކަން ވެސް ބޮޑުވާނެ އެވެ.

"ހުރިހާ މަގެއްގައި ބައްތި ޖަހާފައި ސްމާޓް ރިޖަކުން ގުޅާލެވޭނެ. އަދި ސީސީޓީވީ ކެމެރާ ނެޓްވޯކެއް އޮންނާނެ،" ސޯބެ ވިދާޅުވި އެވެ.

"މަގުތަކުގައި ބޮޑެތި ގަސްތަކާއި ރުކާއި މާގަސްތައް ޖަހައި ނަލަކުރެވޭނެ. އަދި ހުރިހާ މަގެއް ކުރަހައި ސައިން ބޯޑް ޖަހައި ބަސް ސްޓޮޕް/ސްޓޭންޑް ޖަހާނެ."

އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން މިދިޔަ ހަފުތާގައި އިންޑިއާ ސަރުކާރާ އެކު ވަނީ ސޮއިކޮށްފަ އެވެ. މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އެވެ.