Roadha Mihaaru
އެންމެންގެ ޒިންމާއެއް ވެސް ވޭ! އެ އަދާކުރަމާ!

"މަރުން" ސަލާމަތްވުމަށް އެންމެންގެ ޒިންމާ ވެސް އެބައޮތް؛ އެ އަދާކުރަމާ!

21 މާޗް 2017

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކަށް އިރު އަރައިފައި އޮއްސޭ އިރު، ހަތަރު ފަސް އެކްސިޑެންޓް ނުހިނގާ ދުވަހެއް ނާދެ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، ބައެއް މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެކްސިޑެންޓްތަކުގައި އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކަށް އިރު އަރައިފައި އޮއްސޭ އިރު، ހަތަރު ފަސް އެކްސިޑެންޓް ނުހިނގާ ދުވަހެއް ނާދެ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، ބައެއް މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެކްސިޑެންޓްތަކުގައި އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ޒިންމާ ވާނީ ކޮން ބައެއް ހެއްޔެވެ؟ މިއީ، ހަމަ އެކަނި ކަމާ ބެހޭ ފަރާތްތަކުން އެކަނި ޒިންމާ ނަގަން ޖެހޭ ކަމެއް ހެއްޔެވެ؟ ނޫނެކެވެ؛ ދުއްވާ މީހުންގެ ވެސް ޒިންމާތަކެއް އެބައޮތެވެ. ކަމާ ބެހޭ ފަރާތްތަކުގެ ވަރަށް ބޮޑު ޒިންމާތަކެއް ވެސް އެބަ އޮތެވެ.

މިކަން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްމެޓް އަޅަން ގާނޫނަކުން މަޖުބޫރު ކުރެވިއްޖެ އެވެ. ތާރު އެޅި މަގުތަކުގައި ސްޕީޑް ބްރޭކަރުތައް އެޅިއްޖެ އެވެ. ދުއްވާ އިރު ސަމާލުކަން ދިނުމަށް ޓްރެފިކް ސައިންތައް، އެތައް ބެނާއެއް، ބިލްބޯޑެއް ބެހެއްޓިއްޖެ އެވެ. ހޭލުންތެރިކަމުގެ ތަފާތު އެތައް ޕްރޮގްރާމެއް ހިންގިއްޖެ އެވެ. އެވަރުން ނުވެގެން ފުލުހުން ޓްރެފިކް އީދަށްހެން މިދިޔަ އަހަރުގެ ތެރޭގައި އައްޑޫގައި "ރައްކާ" ގެ ނަމުގައި އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ބޮޑު ޕްރޮގްރާމެއް ވެސް ހިންގައިފި އެވެ. އެކަމަކު މިއިން އެއްވެސް ކަމަކުން ނިކުތް އެދެވޭ ބަލަދަލެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. ލިބުނު ފިލާވަޅެއް ނެތެވެ.

ހިތަދޫ ލިންކް ރޯޑްގައި ސްޕީޑްބްރޭކަރެއް އެމްއާރްޑީސީގެ މުވައްޒަފުން ހަރުކުރަނީ. ފޮޓޯ: އެމްއާރްޑީސީ

ހިތަދޫ ލިންކް ރޯޑްގައި ސްޕީޑްބްރޭކަރެއް އެމްއާރްޑީސީގެ މުވައްޒަފުން ހަރުކުރަނީ. ފޮޓޯ: އެމްއާރްޑީސީ

އައްޑޫގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި ގިނަ ހާދިސާތަކަށް ބަލާ އިރު، ގިނަ އެކްސިޑެންޓްތައް ހިނގާފައި ހުރީ ބާރު ސްޕީޑްގައި ދުއްވައިގެންނެވެ. ފުރާނަ ދިޔަ އެތައް ބަޔަކު ދުނިޔެއާ ވަކިވެގެން ދާން މެދުވެރިވެފައިވާ މައިގަނޑު އެއް ސަބަބަކީ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުމެވެ. ހެލްމެޓް އަޅަން ޖެހެނީ އެ ސަބަބާ ހުރެ އެވެ.

"ބައެއް މީހުން ހަމަ ނަމަކަށް ހެލްމެޓް އަޅަނީ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްމެޓް އަޅާ ނަމަ، ބޮލަށް ރައްކާތެރިކަން ލިބޭ ކަހަލަ ހެލްމެޓެއް އަޅަން ވާނީ. އެކަމަކު ވަރަށް ގިނައިން ފެނޭ ހެލްމެޓަކަށް ނުފުދޭ ޒާތުގެ އެއްޗެހި އަޅައިގެން ދުއްވާ ތަން،" އައްޑޫގައި މަސައްކަތް ކުރާ ފުލުހަކު ބުންޏެވެ.

ހެލްމެޓް އަޅައިގެން މީހަކު ލިންކް ރޯޑްގައި ސައިކަލް ދުއްވާފައި ދަނީ.

ހެލްމެޓް އަޅައިގެން މީހަކު ލިންކް ރޯޑްގައި ސައިކަލް ދުއްވާފައި ދަނީ.

ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ދުއްވާ އިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ. އެގޮތަށް އަމަލު ނުކޮށްފި ނަމަ ޖޫރިމަނާ ވެސް ކުރެވެ އެވެ.

އެކަމަކު ބައެއް އާންމުންގެ ސުވާލަކީ ހެލްމެޓް އަޅައިގެން ދުއްވާތޯ ކިހާ ވަރަކަށް ބެލޭތޯ އާއި ދުއްވާ ސްޕީޑް ކޮންޓްރޯލް ކުރަން ފުލުހުންނަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވޭތޯ އެވެ؟

"މީގައި ވަކި ބައެއްގެ ޒިންމާގެ ވާހަކަ ދައްކާނެ ކަމެއް ނެތް. މަގު ބޭނުން ކުރާ މީހުންނަކީ އާންމު ރައްޔިތުން. އެހެންވީމަ މަގަށް ދޭން ޖެހޭ ސަމާލު ކަމާއި ދުއްވާ އިރު ތިމާގެ ރައްކާތެރިކަމާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ދުއްވާ މީހުން ޖެހޭނެ ސަމާލުކަން ދޭން،" އެކްސިޑެންޓްތަކާ މެދު ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ. "މީގައި ދުއްވާ މީހުން ޒިންމާދާރުވެގެން ނޫނީ، އެއްވެސް ބަޔަކަށް ނެތް ރައްކާތެރި ކަމެއް. އަހަންނަށް މީގައި ގޯހީ ހަމަ ދުއްވާ މީހުން."

އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ބޮޑު މަގުތަކާއި އެ ނޫން ވެސް ބައެއް މަގުތައް ތާރު އަޅައިގެން ހެދި ފަހުން، މިހާރު މާ ނުރައްކަލެވެ. ބައެއް މީހުން މުއްގަނޑު ފެލާލައިފައި ދުއްވާ ތަން ފެނުމުން ބިރުން ފިތްކަނޑައިގެންދާ ވަރުވެ އެވެ.

ފޭދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއް: އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަ.

ފޭދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއް: އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަ.

އައްޑޫގެ ހުރިހާ މަގުތަކެއްގައި ވެސް ސައިކަލް ދުއްވާ އިރު، ހެލްމެޓް އަޅަން މަޖުބޫރު ކުރުމަކީ ކުރަންވެފައި އޮތް ކަމެކެވެ. ހަމަމިއާ އެކު، ޓްރެފިކް ފުލުހުންގެ ދައުރު ވެސް މިހާރަށް ވުރެ ބޮޑު ކުރަން ޖެހެ އެވެ. ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި ލައިސަންސް ނެތި ދުއްވުން ފަދަ ގާނޫނާ ހިލާފު ކަންކަން ހުއްޓުވޭނީ ވެސް އޭރުންނެވެ.

އެކްސިޑެންޓްތައް ގިނަވެ، އެތައް ބައެއްގެ ފުރާނަ މިހާތަނަށް ގެއްލިފައިވާ އިރު، އައްޑޫގެ މަގުތަކުގެ ހާލަތަކީ ކޮބައިތޯ ވެސް ބަލަން ޖެހެ އެވެ. ލިންކް ރޯޑަށް ބަލައިފި ނަމަ، މި މަގުގެ ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. މަގުގެ ހާލަތު ވަރަށް ދަށެވެ. މި ފަހަކަށް އައިސް މަގުގައި ވަޅުގަނޑު ހެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. އެހެން ދިމާވަނީ މަގުގެ ތާރުގަނޑުގެ ފެންވަރު ދަށްވެގެންނެވެ. އެހެންވެ އަބަދު ވެސް އޮންނަނީ ޕެޗް އަޅަން ޖެހިފަ އެވެ.

މަރަދޫ ލިންކް ރޯޑްގައި ބޮޑު ވަޅުގަނޑެއް ހެދިފައި: މި މަގުގެ ހާލަތު ވަރަށް ދަށް.

މަރަދޫ ލިންކް ރޯޑްގައި ބޮޑު ވަޅުގަނޑެއް ހެދިފައި: މި މަގުގެ ހާލަތު ވަރަށް ދަށް.

"އަސްލު މަގުގައި ވަޅުގަނޑުތައް ހެދިފައި ހުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް. ވާރޭ ވެހި ވަޅުގަނޑުތަކުގައި ފެން ހެދިފައި ހުއްޓައި، ނޭނގި ބައެއް މީހުން ސައިކަލާ އެކު ވެއްޓި ބޮޑެތި އަނިޔާތަކެއްވެފައި އެބަހުރި،" ލިންކް ރޯޑްގައި ހުންނަ ވަޅުގަނޑުތައް ވަރަށް ގިނައިން ފޮޓޯ ނަގައި، ފޭސްބުކަށްލާ މީހަކު ބުންޏެވެ. "އޭގެ އިތުރަށް ލިންކް ރޯޑްގެ ބައެއް ސަރަހައްދުގައި ހުންނަ ލައިޓްތައް ރޭގަނޑު ނުދިއްލޭތީ އެ ވެސް ނުރައްކަލެއް."

އައްޑޫގެ މަގުތައް މަރާމާތު ކުރުމުގެ ޒިންމާއާ ހަވާލުވެގެން މިހާރު ތިބެނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ. އެ މަސައްކަތް އެ ކުންފުނިން ކުރަނީ ހައުސިން މިނިސްޓްރީން އަންގާ ގޮތަކަށެވެ.

"މިނިސްޓްރީން އަންގާ ގޮތަކަށް، އަޅުގަނޑުމެންނަށް ވީ ވަރަކުން މަގުތައް މަރާމާތުކޮށް ބަލަހައްޓަމުން އަބަދު ވެސް މި އަންނަނީ،" އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިންކް ރޯޑަކީ އަބަދު މަރާމާތު ކުރަން ޖެހޭ ފަދަ ހާލަތެއްގައި އޮތް މަގަކަށްވުމަކީ ވެސް ގޮންޖެހުމެއް ކަމަށެވެ.

ލިންކް ރޯޑްގައި ހުރި ވަޅުގަނޑެއް މަރާމާތު ކުރަނީ.

ލިންކް ރޯޑްގައި ހުރި ވަޅުގަނޑެއް މަރާމާތު ކުރަނީ.

"އެ މަގުގައި ވަޅުގަނޑުތައް ގިނަ ވާހަކައަކީ ހަމަ ތެދެއް. ހަމަ ކަންބޮޑުވުމެއް. އަހަރެމެންގެ މުވައްޒަފުން މެދުކެނޑުމެއް ނެތި ކުރާ އެއް މަސައްކަތަކަށްވެފައި މިއޮންނަނީ ހަލާކުވެފައި ހުންނަ ތަންތަނުގައި އަލުން ތާރު އެޅުން،" އޮފިޝަލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް މީހުންގެ ޝަކުވާއަކީ މިއެވެ؛ ވަޅުގަނޑުތައް މަރާމާތު ކުރަން ދުވަސް ނަގާތީ އެވެ.

"ބައެއް ދިމަދިމާލުގައި ހެދޭ ވަޅުގަނޑުތައް ބޮޑެތިވެ، ފުންވެ އެންމެ ނުރައްކާ ހިސާބަށްދާ އިރު ވެސް އެބަ ހުރޭ މަރާމާތު ނުކުރެވި ލަސްވެފައި،" ސޯޝަލް މީޑިއާގައި ލިންކް ރޯޑަށް ހޭލުންތެރިކަން އުފައްދާ މީހަކު ބުންޏެވެ.

ދެން އޮތް އަނެއް މައްސަލައަކީ މަގުތައް އަބަދު ކޮންނަން ޖެހިފައި އޮތުމެވެ. ކޭބަލް ވަޅުލުމާއި އެ ނޫން ވެސް އެކި ބޭނުންތަކަށް މި ފަހަކަށް އައިސް މަގުތައް ކޮނުން ވަރަށް އާންމެވެ.

އެހެންވެ ބައެއް ފަހަރު މަސައްކަތް ނިންމާލައިފައި ވެސް، އަތުން ދޫވެފައި ހުންނަ ބައެއް ކަހަލަ ކަންކަމާ ހެދި އެކްސިޑެންޓްތައް ހިނގަން މެދުވެރިވެ އެވެ. މިއީ އެފަދަ މަސައްކަތްތައް ކުރާ މީހުން ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއް.

ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއް.

އެކްސިޑެންޓްތައް ގިނަވެގެން އެ ވާހަކަ ދެއްކުމަކުން ކަންކަން ހައްލެއް ނުވާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ވެސް ކުރެވިދާނެ ކަންކަން ހުންނާނެ އެވެ. ބާރުތައް މިނިސްޓްރީ އަށް ނެގީއޭ ކިޔާފައި، ސިޔާސީ މޭރުމަކުން ވާހަކަ ދެއްކުމުގެ ބޭނުމެއް ހަގީގަތުގައި ނެތެވެ. އެއް ކަމަކަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަކީ ކައުންސިލަށް ގައިމު ވެސް ކުރެވިދާނެ ކަމެކެވެ. އެއީ އަދިވެސް މުހިއްމުކަން ބޮޑުވެފައި އޮތް ދާއިރާއެކެވެ.

އައްޑޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ. ހާއްސަކޮށް ދުއްވާ މީހުން އެ މީހުންގެ ޒިންމާއާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިގެންނެވެ.