Roadha Mihaaru
އައްޑޫގެ އިތުރު މަގުތަކެއްގައި ތާރު އަޅަން ފަށަނީ

އައްޑޫގެ އިތުރު މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށަނީ

25 ސެޕްޓެމްބަރ 2020

ތާރު އަޅައިގެން އައްޑޫގެ އިތުރު މަގުތަކެއް ހަދަން ބޭނުންވާ ސާމާނު ގެނެސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތާރު އަޅައިގެން އައްޑޫގެ އިތުރު މަގުތަކެއް ހަދަން ބޭނުންވާ ސާމާނު ގެނެސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރު މަގުތައް ހަދަނީ އިންޑިއާގެ އެހީގެ ދަށުންނެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގެ 18 މަގެއްގައި ތާރު އަޅައިގެން ހަދާނެ އެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ގަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޖީކޭ ޑިވެލޮޕްމަންޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން، ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑު އަށް ޖެނުއަރީ މަހު ގެނެސްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ދެވަނަ ޝިޕްމަންޓްގެ ދަށުން ތަކެތި ގެނެސްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މިއާ އެކު އައްޑޫގެ މަގުތައް ހެދުމުގެ ދެވަނަ މަޝްރޫއެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ހަވާލުކޮށްފަ އެވެ.

އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގެ މަގުތަކެއް ތާރު އަޅައިގެން ހަދާ އިރު 2010 ގައި ސްރީ ލަންކާ ސަރުކާރުގެ ހިލޭ އެހީގައި، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑުމަގުތައް ތާރު އަޅައިގެން ހަދާފައިވެ އެވެ. އަދި އައްޑޫގެ ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ބޮޑުމަގުގައި ތާރު އަޅައިގެން ހެދުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެ އެވެ.