Roadha Mihaaru
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ

ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ

25 ފެބުރުއަރީ 2021

ދިރާގުގެ ފައިބާ ބްރޯޑްބޭންޑަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދިނުމުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ ފައިބާ ބްރޯޑްބޭންޑަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދިނުމުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރުން 50 ޕަސެންޓުގެ ޑިސްކައުންޓު ވެސް ލިބޭނެ އެވެ. އަދި ފައިބާ ކޭބަލް ނެތް އިމާރާތްތަކުގައި ކަނެކްޝަން ގުޅައިދޭ ނަމަ ކަނެކްޝަނުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

މީގެ އިތުރުން އަންނަ މަހުގެ 15ގެ ކުރިން މި ހިދުމަތަށް އެޕްލައި ކުރާ މީހުންގެ ތެރެއިން ހޮވޭ 25 މީހަކަށް އެ މީހަކު ނަގާ ޕެކޭޖެއްގެ މަހު ފީއިން 50 ޕަސެންޓުގެ ޑިސްކައުންޓް ވެސް ލިބޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ ދެ މަސް ދުވަހަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބާ ބްރޯޑް ބޭންޑުގެ ހިދުމަތް މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ބޫސްޓާތަކުން 50 ޕަސެންޓް ހިލޭ ޑޭޓާ ލިބޭނެ އެވެ. ދިރާގުން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ ނިޔަލަށެވެ.

އެ ކުންފުނީގެ ސީނިއާ މެނޭޖާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ހަސަން ވިދާޅުވީ މި ދުވަސްވަރަކީ އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރަކަށްވާތީ މި ފުރުސަތަކީ ހަލުވި ފައިބާ ނެޓްވޯކެއް ގުޅައިލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި ވަގުތު ރާއްޖެ އިން ލިބޭ އެންމެ ހަލުއި ސްޕީޑް ވެސް ދިރާގުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖާއި އެންމެ ބާރު ސްޕީޑް ލިބޭ 1ޖީބީޕީއެސް ޕެކޭޖްވެސް ދިރާގުން ލިބޭނެ،" މިރުޝާން ވިދާޅުވި އެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ 64 ރަށަކަށް މި ހިދުމަތް ފޯރުކޮށްދެ އެވެ.