17 ނޮވެމްބަރ 2016
ޑޮލަރު ގަންނަން ބޭންކުތަކުގެ ދޮށުގައި ކިއޫ ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ގިނަވެ، ކިއޫ ނަމްބަރު ބޮޑު އަގުގައި ވިއްކާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ޑޮލަރު ގަންނަން ބޭންކުތަކުގެ ދޮށުގައި ކިއޫ ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ގިނަވެ، ކިއޫ ނަމްބަރު ބޮޑު އަގުގައި ވިއްކާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ކޮންމެ ބަންދު ދުވަސްވަރަކާ ދިމާކޮށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ޑޮލަރު ގަންނަން ބޭންކުތަކުގެ ދޮށުގައި ބޮޑެތި ކިއޫތައް ކޮންމެ ދުވަހަކު ވެސް އޮވެ އެވެ. މިއަދު ސްކޫލުތައް ބަންދުވެ، އަހަރުގެ ބޮޑު ބަންދު ފެށިފައި ވާއިރު، ބޭރަށް ދަތުރުކުރަން ޓިކެޓު ނަގާފައިވާ އެތައް ބަޔަކު ޑޮލަރު ގަންނަން ކިއޫގައި ތިބޭތާ ދުވަސްތަކެެއް ވެއްޖެ އެވެ.
އެންމެ ގިނަ އަދަދަކަށް ޑޮލަރު ވިއްކާ ބީއެމްއެލް އިން ރާއްޖޭން ބޭރަށް ދާ ދިވެހިންނަށް ޑޮލަރު ވިއްކަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބްރާންޗުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ހަވީރު 6:00 އަށެވެ. ބީއެމްއެލް އިން ޓިކެޓަކަށް 500 ޑޮލަރުގެ މަގުން ވިއްކާއިރު، ކިއޫ ނަމްބަރު ދޫކުރަން ފަށަނީ 2:45 ގަ އެވެ.
އެކަމަކު ޑޮލަރު ގަންނަން ކޮންމެ ދުވަހަކު ވެސް ހެނދުނުން ފެށިގެން ޓްރޭޑް ސެންޓަރު ދޮށުގައި ކިއޫ ޖެހެ އެވެ. މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، ވާރޭގެ ތެރޭގައި ކުޑަ އަޅައިގެން ވެސް ގިނަ އަދަދެއްގެ ބަަޔަކު އެތައް ގަޑިއިރެއް ވަންދެން ކިއޫގައި ތިބެ އެވެ.
ކިއޫގައި ތިބޭ މީހުންނަށް މިހާރު ވަނީ މާ ބޮޑު މައްސަލައެއް ދިމާވެފަ އެވެ. ބާޒާރުމަތީގައި އުޅޭ ބައެއް މީހުންނާއި ވަޒީފާގައި ނޫޅޭ ބައެއް ޒުވާނުން ކޮންމެ ދުވަހަކު ހެނދުނު ކިއޫ އަށް އަރައި ނަމްބަރު ނެގުމަށް ފަހު، ޑޮލަރު ގަންނަން ބޭނުންވެގެން އަންނަ މީހުންނަށް އެ ނަމްބަރު ބޮޑު އަގުގައި ވިއްކާ މައްސަލަ އެވެ.
ބާޒާރުމަތީގައި އުޅޭ ބައެއް މީހުން ޑޮލަރު ކިއޫގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ސްކޫލު ބަންދުގައި އާއިލާގެ 10 މީހުންނާ އެކު ލަންކާ އަށް ދާ އަހުމަދު ނަސީމް ބުނީ ބައެއް މީހުން ފަތިހު ކިއޫ އަށް އަރައިގެން ނަމްބަރު ހޯދާތީ ޑޮލަރު ގަންނަން އަަސްލު ބޭނުންވާ މީހުންނަށް ނަމްބަރު ނުލިިބޭ ކަމަށެވެ. ނަމްބަރު ހޯދާ މީހުން އެ ނަމްބަރު ވިއްކަނީ ޓިކެޓުގެ އަދަދަށް ބަލައިގެން ކަމަށާއި ދެ ޓިކެޓަށް 500 ރުފިޔާގެ މަގުން ނަމްބަރެއް ވިއްކާއިރު، ގިނަ އަދަދެއްގެ ޓިކެޓު ހިފައިގެން ދާ މީހުން ބައެއް ފަހަރު 1،500 ރުފިޔާ، ނަމްބަރު ގަންނަން ހޭދަކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ތިން ދުވަހު ކިއޫ އަށް އަރައިގެން ވެސް ނަމްބަރު ނުލިބިގެން އެންމެ ފަހުން 1،500 ރުފިޔާ ދީގެން ނަމްބަރު ގަނެގެން ޑޮލަރު ހޯދަން ޖެހުނީ. އެ ނޫން ގޮތެއް ނޯވޭ،" ނަސީމް ބުންޏެވެ.
މިދިޔަ ހަފުތާގައި ޑޮލަރު ކިއޫގައި ޖެހުނު އެހެން މީހަކު، ނަން ނުޖަހަން އެދި، ބުނީ ޑޮލަރު ކިއޫ "ކޮންޓްރޯލް ކުރާ" ވިއްސަކަށް މީހުންގެ ޓީމެއް އޮންނަ ކަމަށެވެ. އެ މީހުންގެ ބޭނުމަކީ، އޭނާ ބުނި ގޮތުގައި، ކުރީ ބައިގައި ކިއޫ އަށް އަރައި އެ ޖާގަ ނުވަތަ ނަމްބަރު ނެގުމަށް ފަހު ބޮޑު އަގުގައި އެ ނަމްބަރު ވިއްކުމެވެ.
"އޮފީސް ނިންމާފައި ކިއޫ އަށް ދާއިރު މި އޮންނަނީ ނަމްބަރު ބަހާ ނިންމާފައި. ދެން ނަމްބަރު ވިއްކާ ގްރޫޕް އަތުން ގަންނަން ޖެހެނީ. ހަތަރު ޓިކެޓަށް ޑޮލަރު ގަންނަން، 1،000 ރުފިޔާ އަށް ނަމްބަރު ގަތިން،" އެ މީހާ ބުންޏެވެ.
ޑޮލަރު ގަންނަން ގޮސް ތިބި މީހުންގެ ކިއޫ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ އިރުމަތީ ގޯޅިތެރޭގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ޑޮލަރު ކިއޫ އަށް ބައެއް މީހުން އަރައި ނަމްބަރު ވިއްކަން ފެށުމުން ފުލުހުން ވަނީ އެ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެ ގޮތުން، ޓިކެޓަށް ޑޮލަރު ގަންނަން ނޫން ގޮތަށް ކިއޫ އަށް އަރާ މީހުން ބެލުމަށް ފަހު، އެ މީހުން ކިއޫ އިން ދުރުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކޮންމެ ދުވަހަކު ކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެކޭ ނުބުނެ އެވެ. އެކަމަކު، ޑޮލަރު ކިއޫ އިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަން ފުލުހުންގެ ތަރުޖަމާނަކު ކަށަވަރު ކޮށްދެއްވި އެވެ.
މި ދުވަސްވަރު ޑޮލަރު ގަންނަ މީހުންގެ އަދަދު އިތުރުވެ، ބޭންކަށް ބާރު ބޮޑުވެފައިވާ ކަމަށް ބީއެމްއެލް އިން ވެސް އެއްބަސްވެ އެވެ. ނަމްބަރު ވިއްކުން ފަދަ ކަންކަން ހިނގާ ކަމަށް ސީދާ ނުބުންޏަސް، އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މި ހިދުމަތް "ނަހަމަ ގޮތުގައި" ބޭނުންކުރުން ހުއްޓުވުމަށާއި ހަމައެކަނި ދަތުރުވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހަދަން އެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެ ގޮތުން، ދާދި ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުކުރާ ކޮންމެވެސް އެކަކު ބޭންކަށް ޑޮލަރު ގަންނަން އައުމާއި ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހުުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކުން ޑޮލަރު ވިއްކުމުގެ ހިދުމަތް ދެމުން ދަނީ މުހިއްމު އާއްމު ހިދުމަތެއްގެ ގޮތުގައި. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންނަށް މި ހިދުމަތް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ޑޮލަރު ގަންނަން ގޮސް ތިބި މީހުން ކިއޫގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު، 15.42 އަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ނުލިބޭތީ ވަރަށް ގިނަ ފަހަރު ވިޔަފާރިވެރިން ވެސް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުުންނެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 17.50ރ. އަށް ވުރެ ވެސް މައްޗަށް ގޮސްފަ އެވެ.
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ
ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދައިގައި
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި