Roadha Mihaaru
ދައުލަތަށް 35 އަހަރު ޚިދުމަތްކުރުމުން ގައުމީ އިނާމު

ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރުމުން ގައުމީ އިނާމެއް ދެނީ

23 ފެބުރުއަރީ 2021

ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ މީހުންނަށް ގައުމީ އިނާމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ މީހުންނަށް ގައުމީ އިނާމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން މި އިނާމު ދޭން ނިންމަވައި ރައީސް ވަނީ އެކަން މިއަދު ކެބިނެޓާ ހިއްސާކުރައްވާފައި ކަމަށެވެ.

ރައީސްއާ ހަވާލާދީ ރައީސް އޮފީހުން ބުނީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެ ބޭފުޅުންގެ ޚިދުމަތް ވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ކަމަށެވެ.

"އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމުގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ރައީސް ވަނީ އެކަމާބެހޭ މަސައްކަތް، ގައުމީ އިނާމާ ބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވަ އެވެ. އިނާމު ދިނުމު އުސޫލު އެ ކޮމިޓީން ކަނޑައެޅުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލު ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި ކަމުގައި ރައީސް އޮފީހުން ބުންޏެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޚިދުމަތްކުރާ މީހުންނަށާއި ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ގައުމީ އިނާމައި ޝަރަފުވެރިކަމުގެ އިނާމު ދެމުންނެވެ.