Roadha Mihaaru
ސިޔާސަތަށް ކުއްލި ބަދަލުތައް، ގެއްލުން ރައްޔިތުންނަށް

ސިޔާސަތަށް ކުއްލި ބަދަލުތައް، ގެއްލުން ރައްޔިތުންނަށް

25 ފެބުރުއަރީ 2021

ބޯހިޔާވަހިކަމުގެ މައްސަލައަކީ އެތައް ހާސް ބައެއްގެ ބޮލުރިހުމެކެވެ. މި ރިހުން އިތުރަށް ބޮޑުކޮށްދެނީ ސިިޔާސަތަށް އަންނަ ކުއްލި ބަދަލުތަކާއި ދައްކާ ވާހަކަ ރަނގަޅަށް ސާފުނުކޮށްދީ، އިތުރު އޮޅުންތަކެއްގެ ތެރެއަށް ރައްޔިތުން ވައްދާތީ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ބޯހިޔާވަހިކަމުގެ މައްސަލައަކީ އެތައް ހާސް ބައެއްގެ ބޮލުރިހުމެކެވެ. މި ރިހުން އިތުރަށް ބޮޑުކޮށްދެނީ ސިިޔާސަތަށް އަންނަ ކުއްލި ބަދަލުތަކާއި ދައްކާ ވާހަކަ ރަނގަޅަށް ސާފުނުކޮށްދީ، އިތުރު އޮޅުންތަކެއްގެ ތެރެއަށް ރައްޔިތުން ވައްދާތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތައް، އާ ސަރުކާރަކަށް "ނުފެނެ" އެވެ. މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވާހަކައިން ދޭހަވަނީ އެއް ކޮޓަރީގެ ފްލެޓް ލިބެން ހުރީ ހަމައެކަނި އެމްޑަބްލިޔުއެސްސީން އިމާރާތްކުރި ޓަވަރުތަކުން އެކަނި ކަމެވެ. އެއީ ވެސް އެންމެ 36 ފްލެޓެވެ.

އެމްއޭސީއެލް އާއި އެމްޕީއެލް އަދި ސްޓެލްކޯ އިން ހަދާ ޓަވަރުތަކުން ސަރުކާރަށް ދޭނެ އެއް ކޮޓަރީގެ ފްލެޓެއް ނެތްކަން، އަސްލަމްގެ ވާހަކަތަކުން މިހާރު މިވަނީ ޔަގީންވެފަ އެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. ކުއްލިއަކަށް ބަދަލުވެގެން މި އުޅެނީ ސިޔާސަތެވެ. އެ ދެ ކުންފުނީގެ ޓަވަރުތަކުގައި، ކުރީ ސަރުކާރުން ޝަރުތުކުރި ގޮތަށް އެއް ކޮޓަރީގެ ފްލެޓްތައް އެބަ ހުއްޓެވެ. އަދި ސަރުކާރަށް ދޭން ވެސް އެ ކުންފުނިތަކުން ތައްޔާރެވެ. އެކަމަކު އެތައް ހާސް ބަޔަކު ފޯމް ހުށައަޅާފައިވާ ކެޓެގަރީތަކެއް ކުއްލިއަކަށް ކެންސަލްކޮށް ފާޅުގައި ސަރުކާރުން ބުނީ އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތް ކަމަށެވެ.

ސިޔާސަތު ބަދަލުވާ ނަމަ ވަރަށް ސާފުކޮށް ކަންކަން އެނގެން އެބަ ޖެހެ އެވެ. ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެ ސަރުކާރުގެ އެންމެ ފަހު ހަފުތާގައި ކުރެއްވި މަސައްކަތްތަކަކީ، އާ ސަރުކާރަށް ޖެއްސުންކުރުންކަން އެންމެންނަށް ވެސް އެނގެ އެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނުކަމުގެ ލިއުން ދިނީ އޭރު ސަރުކާރުގެ ކުންފުނިތަކާއި ކަސްޓަމްސް ކަހަލަ ބައެއް އިދާރާތަކާ ހަވާލުކޮށްގެން އިމާރާތްކުރަން ޕްލޭންކުރި ތަންތަނުގައި ހުންނާނެ ވަރަށް ވުރެ ވެސް ގިނައިންކަން، އަސްލަމުގެ ވާހަކަތަކުން ދޭހަވެ އެވެ.

ސަރުކާރަކުން ދޭ ރަސްމީ ލިއުމެއްގައި އަގެއް ހުންނާނެ އެވެ. އަދި އެއީ ގާނޫނީ ގޮތުން ސައްހަ އެއްޗަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންކަމުން އެފަދަ ލިއުންތަކެއް، ހާއްސަކޮށް ބޯހިޔާވަހިކަން ފަދަ ނާޒުކު މައްސަލައެއްގައި، ރައްޔިތުންނަށް ދޭން ޖެހޭނީ ހަމައެކަނި ސަރުކާރުގެ ވެރިންގެ ހިޔާލުގައި ހުރި ޕްލޭންތަކަކަށް ބިނާކޮށެއް ނޫނެވެ. ނުވަތަ އަލަށް އަންނަ ސަރުކާރަށް އުނދަގޫކުރުމުގެ ވިސްނުމުގައެއް ވެސް ނޫނެވެ.

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުގެ ގޯސްތަކާއި އޮޅުވާލުންތަކުގެ ވާހަކަ، މިހާރުގެ ސަރުކާރަށް ދެއްކެން އެބަ އޮތެވެ. އެކަމަކު މި ސަރުކާރުން ވެސް މި ފެންނަނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ރައްޔިތުން ވައްދާތަނެވެ. އެ ސިލްސިލާގެ ތެރެއިން ހެދި އެންމެ ބޮޑު އެއް ގޯހަކީ، އެމްޑަބްލިޔުއެސްސީގެ ޓަވަރުތައް ފިޔަވައި އެހެން އިމާރާތަކުން އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތް ކަމަށް ބުނުމެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. އެމްއޭސީއެލް އާއި އެމްޕީއެލްގެ އިމާރާތްތަކުގައި ހުރި އެއް ކޮޓަރީގެ ފްލެޓްތައް އެތަންތަނުގެ މުވައްޒަފުންނަށް ދޭން ނިންމީ ސަރުކާރުން ބޭނުންނުވުމުންނެވެ. އެހެންކަމުން އެއީ ސަރުކާރުން ގަސްދުގައި ދޫކޮށްލި ފްލެޓްތަކެކެވެ. އަދި އެ ފްލެޓްތައް ލިބުމުގެ ފުރުސަތު އޮތް އެތައް ބައެއްގެ ފޯމްތައް ވެސް ކެންސަލްކޮށްލީ އެވެ.

މިއީ ކުޑަ މައްސަލައެއް ކަމަށް ބެލެވޭކަށް ނެތެވެ. އަދި މިއީ މިނިސްޓަރަކު ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިޔަސް، ވިދާޅުވާހާ ފަސޭހަ ވިސްނުމަކުން ރައްޔިތުންނަށް ނެގޭނެ މައްސަލައެއް ވެސް ނޫނެވެ. އެއީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ އުއްމީދުގައި ތިބި ބަޔަކަށް ގަސްދުގައި ދޭ ހިތްދަތިކަމެކެވެ.

އެއް ކޮޓަރީގެ ފްލެޓަކީ މިހާރުގެ ސަރުކާރަށް "މާ ކުދިކުދި" ތަންތަނުގެ ގޮތުގައި ފެނުމަކުން، އެ ވަރުގެ ފްލެޓެއް ލިބުނަސް ހެޔޮކަމަށް ގަބޫލުކޮށްގެން ތިބި ރައްޔިތުން އެ ވާހަކަ ގަބޫލެއްނުކުރާނެ އެވެ. ސަރުކާރުން ސަމާލުކަން ދޭން ޖެހޭނީ އަބަދުވެސް ރައްޔިތުންނަށް ފުރުސަތުތައް ހޯދައިދޭށެވެ. ލިބެން ހުރި އެއްޗެއް ދޫކޮށްލާކަށެއް ނޫނެވެ. އެއް ކޮޓަރީގެ ފެލްޓް ހޯދުމުގެ އުއްމީދުގައި ތިބި މީހުންނަށް، ކަނޑައެޅިގެން ދޮގެއްގެ ތެރެއިން ފޯމްތައް ކެންސަލްނުކޮށް، މި ވަގުތު ހަދާފައި ހުރި މިންވަރަށް އެ ތަންތަން ފޯރުކޮށްދިން ނަމަ، އެވާނީ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އަޅަމުން އަންނަ ފްލެޓްތައް: މިތަންތަނުގެ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ދޭން ޖެހޭ ގޮތަށް ކުރީ ސަރުކާރުން އޮތީ ޝަރުތުކޮށްފައި --ފޮޓޯ:ނިޝާން އަލީ/މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އަޅަމުން އަންނަ ފްލެޓްތައް: މިތަންތަނުގެ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ދޭން ޖެހޭ ގޮތަށް ކުރީ ސަރުކާރުން އޮތީ ޝަރުތުކޮށްފައި --ފޮޓޯ:ނިޝާން އަލީ/މިހާރު

އެކަމަކު ސަރުކާރުން ކަން ކުރީ އެއާ އިދިކޮޅަށެވެ. އެ ފްލެޓްތައް ދޫކޮށްލާފައި، އެމްޑަބްލިޔުއެސްސީގެ އެންމެ 36 ފްލެޓާ ހަވާލުވީ އެވެ. އޭގެ ތެރެއިން 34 ފްލެޓް ދެނީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް އަމާޒުކޮށެވެ. އަނެއް ދެ ފްލެޓް، މާލޭ ކެޓަގަރީން އެއް ކޮޓަރީގެ ފްލެޓް ބޭނުން ކަމަށް ބުނި މީހުންގެ ތެރެއިން ދެ މީހަކަށެވެ. އެންމެ ދެ މީހުން ހެއްޔެވެ؟ އެކަމަކު އެމްޕީއެލް އާއި އެމްއޭސީއެލްގެ ޓަވަރުތަކުގެ އެއް ކޮޓަރީގެ ފެލްޓްތައް ސަރުކާރަށް ނެގި ނަމަ މަދުވެގެން 400 އާންމުންނަށް އެ ތަންތަން ދެވުނީހެވެ. އެމްޕީއެލްގެ ޓަވަރުތަކުގައި އެކަނި ވެސް އެއް ކޮޓަރީގެ 204 ފްލެޓް ހަދާފައި އެބަ ހުއްޓެވެ.

އެއް ކޮޓަރީގެ ފްލެޓްތަކާ މެދު ސަރުކާރުގެ ސިޔާސަތު ބަދަލުވި ގޮތަށް ދެން ކުއްލިއަކަށް މި އެނގުނީ ކުރީ ސަރުކާރުގެ މަޝްރޫއެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި 1،300 ފްލެޓް ވިއްކުގައި ވެސް ވަރަށް ތަފާތު އުސޫލެއް ހަމަޖެއްސިކަމެވެ. އެޗުޑީސީން މިހާރު ނިންމާފައި ވަނީ މެދު ފަންތީގެ އެ ފްލެޓްތައް، ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ވިއްކާލާށެވެ. އޭރުން އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ލިބޭނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. އާންމުންނަށް އެ ފުރުސަތު، މިހާރު އެ އޮތީ، ބަންދުވެފަ އެވެ.

ސަރުކާރުގެ މި ނިންމުމުން އާންމު އެތައް ބައެއްގެ ހައްގުތަކެއް އެބަ ގެއްލެ އެވެ. ކުންފުންޏެއްގައި މަސައްކަތްކުރުމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ހޯދަން ކަނޑައަޅާ ޝަރުތަކަށް މި އޮތީ ވެފަ އެވެ. އެކަމަކު ގާތްގަނޑަށް 2.2 މިލިއަނުން ފެށިގެން 2.7 މިލިއަން ރުފިޔާގެ އަގުތަކުގައި އުޅޭ ތިން ކޮޓަރީގެ އެ ފްލެޓްތައް ގަންނާނެ އެތައް ސަތޭކަ އާންމުން އެބަ އުޅެ އެވެ. އެ އެންމެންނަށް ފުރުސަތު ބަންދުކޮށް، ހަމައެކަނި ވަކި ތަނެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް އެ ފްލެޓްތައް ވިއްކަން އެޗުޑީސީން ނިންމީ ކީއްވެގެންކަމެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރުގެ ކުންފުންޏަކުން އެއިން ފްލެޓްތަކެއް ގަނެފި ނަމަ މުވައްޒަފުންނަށް ދޭނެކަމުގެ ޔަގީންކަން އޮވެދާނެ އެވެ. އެކަމަކު އަމިއްލަ ކުންފުންޏަކުން ގަންނަ ފްލެޓްތައް އެތަންތަނުގެ މުވައްޒަފުންނަށް ދޭތޯ/ނުދޭތޯ ބެލުމަކީ، އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހޭ ވިޔަފާރިއެއްގައި، ހަމަޖެހޭ ކަމެއް ވެސް ނޫނެވެ. އަމިއްލަ ބަޔަކު ފްލެޓްތައް ގަނެ، ފަހުން ބޮޑު އަގުގައި ވިއްކިޔަސް އެޗުޑީސީއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެޗުޑީސީން ބުނާހާ ޝަރުތެއް ގަބޫލުކޮށް ފްލެޓްތައް ގަންނަން އަމިއްލަ ވިޔަފާރިވެރިން ބޭނުންވާނެ ހެއްޔެވެ؟ މިހާރު އެޗުޑީސީ އޮތް ހާލަތަށް ބަލާ ނަމަ، އެޗުޑީސީ ބޭނުންވާ ގޮތަށް ވުރެ ކައިރީ އެ ގަންނަން ޝައުގުވެރިވާ ވިޔަފާރިވެރިން ބޭނުންވާ ގޮތަކަށް އެޗުޑީސީގެ ސިޔާސަތު ބަދަލުކުރުމާ އެވެ. އެޗުޑީސީއަށް މުހިންމީ ވީހާވެސް އަވަހަކަށް ލާރި ލިބުމެވެ. ބޮޑެތި އެތައް ލޯނުތަކެއް ބޮލުގައި އަޅައިގެން އޮތް ކުންފުނިން، 1،300 ފްލެޓް ވިއްކާލަން އުޅެނީ ވެސް، ފައިސާގެ ދަތިތަކެއް ހުރުމުން ކަމަށް ބެލެވެ އެވެ.

މީގައި މައްސަލައަކީ އާންމު ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމުގައި ގެންގުޅެން ޖެހޭ ސިޔާސަތަށް މި އަންނަ ކުއްލި ބަދަލުވުންތަކެވެ. އެ ބަދަލުވުންތަކާ ބެހޭ މައުލޫމާތު ސާފުނުވުމެވެ. ބައެއް ފަހަރަށް ކަނޑައެޅިގެން ދޮގުހެދުމެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލިބޭ ނުތަނަވަސްކަމާއި އުއްމީދުތަކަށް އެޅޭ ހުރަސްތައް ހަނދާންނައްތާލައިގެން ނުވާނެ އެވެ.