Roadha Mihaaru
މިނިސްޓަރު އަސްލަމާއި ޑރ. މުއިއްޒު ކޮމިޓީ އަށް

މިނިސްޓަރު އަސްލަމާއި ކުރީގެ މިނިސްޓަރު މުއިއްޒު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރަނީ

16 ޖުލައި 2020

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ދެ ބޭފުޅުން ހާޒިރުކުރަން ނިންމާފައި ވަނީ މިއަދު 11:00 އަށެވެ. އެ ކޮމިޓީގެ މެމްބަރުން ސުވާލުކުރައްވަން ނިންމަވާފައި ވަނީ ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުންނެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި އޮޅުވާލުންތައް ހިމެނޭ ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެ މަޝްރޫއުގައި 7،000 ފްލެޓް ދިނީ ބޭއިންސާފުން ކަމަށް ކުރި ޝަކުވާތައް ބަލަން އުފެއްދި ކޮމިޓީގެ މެމްބަރުން ވެސް އިއްޔެ ވަނީ ގައުމީ ތަރައްގީގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީން ބުނެފައި ވަނީ ހިޔާ މަޝްރޫއުން ފްލެޓް ލިބޭ މީހުން ކަމުގެ ލިސްޓުތައް ކުރީގެ ސަރުކާރުން އިއުލާންކޮށްފައި ވަނީ އޮޅުވާލުންތަކާ އެކުގަ އެވެ. އެއް ކަމަކަށް ފާހަގަކުރީ، 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި އިރު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތުމެވެ.

މީގެއިތުރުން ފްލެޓް ލިބޭނެ ލިސްޓެއް ނެރެފައިވާ އިރު ލިޔެކިޔުން ފުރިހަމަނުކޮށް ފްލެޓް ދީފައިވާ މައްސަލަ ވެސް ފްލެޓް ކޮމިޓީން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ކޮމިޓީ އަށް މުއިއްޒު ހާޒިރުކުރާ އިރު ހިޔާ މަޝްރޫއާ ގުޅޭ ގޮތުން އޭނާ އަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފާޑުކިއުންތައް ވަނީ އަމާޒުކޮށްފަ އެވެ. އެކަމަކު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމުގެ ކަށަވަރު ކަމުގެ ލިއުން ދޫކޮށްފައި ވަނީ އެންމެ ހައްގުވެރިންނަށެވެ. އެއީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި އެ ލިއުން ދޫކުރި މީހުންނާ ފްލެޓްތައް ވީހާވެސް އަވަހަކަށް ހަވާލުކުރަން އޭނާ ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެކަމަކު ހިޔާ މަޝްރޫއުގައި، ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ ހުރިހާ ކެޓަގަރީއަކުން ވެސް އާ ލިސްޓެކެވެ. އެހެންކަމުން ކުރީގެ ސަރުކާރުގަައި އާއްމުކޮށްފައިވާ ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ފްލެޓް ކޮމިޓީން އިއްޔެ ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ އެ ފްލެޓްތައް ނިންމައި މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނީ މި ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އަދި ހަތް މަސް ފަހުންނެވެ. މިއީ، ވަރަށް ލަސް ތާރީޚެއް ކަމަށާއި ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކުރަން އިދިކޮޅުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.