Roadha Mihaaru
"ރޭވިގޮތަށް ފްލެޓް ނިންމި ނަމަ އެއީ ހައްގު މިންވަރު"

ޕްލޭނާ އެއްގޮތަށް ފްލެޓްތައް ނިންމި ނަމަ އެއީ ހައްގު މިންވަރު: ޑރ.މުއިއްޒު

16 ޖުލައި 2020

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތަށް ބަދަލެއް ނުގެނެސް މި ސަރުކާރުން ނިންމައި ފްލެޓްތައް ހަވާލުކުރި ނަމަ އެއީ ރައްޔިތުންނަށް ހައްގު މިންވަރަށް ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތަށް ބަދަލެއް ނުގެނެސް މި ސަރުކާރުން ނިންމައި ފްލެޓްތައް ހަވާލުކުރި ނަމަ އެއީ ރައްޔިތުންނަށް ހައްގު މިންވަރަށް ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ގައުމީ ތަރިކައިގެ ކޮމިޓީ އަށް ހާޒިރުކުރުމުން އެ ކޮމިޓީގެ މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވީ ޔުނިޓަކަށް 62،000 ޑޮލަރު ނަގައިގެން ހަދާ ތަންތަނުގެ ސައިޒު ކުޑަވެފައި އިމާރާތްތަކުގެ ތޮއްޖެހުން ބޮޑުވާ ގޮތަށް ޕްލޭންކޮށްފައިވާ ސަބަބާ ގުޅޭ ގޮތުންނެވެ.

މުއިއްޒު ވިދާޅުވީ ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ ޓަވަރުތައް އަޅަން ފެށީ، ހުރިހާ މަސައްކަތެއް ނިންމައި ހައްގުވެރިންނަށް ވަދެވޭވަރަށް ހަވާލުކުރަން ކަމަށެވެ. އެކަމަކު އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށާއި ފިނިޝިން ފުރިހަމަ ނުކޮށް ހަވާލުކުރުމަކީ ކުރީގެ ސަރުކާރުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ސޯޝަލް ހައުސިން އަށް ފްލެޓް ދޫކުރުމަކީ އެެެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެ ފްލެޓްތަކަކީ އެންމެ ކުދި، އަދި އެންމެ އަގުބޮޑު ފްލެޓްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ފިނިޝިންއާ އެކީގައި އަގު ހަދާފައި ހުރީ. މި ސަރުކާރު އައިސް އެއީއެއް ނޫނޭ ރައްޔިތުންނަށް ހައްގު މިންވަރަކީ ކަނޑައަޅާފައި ބޭރު ދޮރު އެކަނި ލާފައި ދިނުމަކީ ކުރީ ސަރުކާރުން ޒިންމާވާން ޖެހޭ ކަމެއް ނޫނޭ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން ރާވާފައި އޮތް ގޮތަށް ނިންމި ނަމަ އެއީ ހައްގު މިންވަރު. އެކަމަކު މިހާރު މިދެނީ އެއްބައި އުނިކޮށްލާފައި. އަނެއްކާ އަޅުގަނޑުމެން ނިންމާފައި އޮތް އަގު ދެ ގުނައަށް ބޮޑުކޮށްލާފައި. އެހެން ވެއްޖިއްޔާ، ހައްގު މިންވަރެއް ނޫން."

މުއިއްޒުގެ މި ވާހަކަ އަށް ރައްދު ދެއްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޗައިނާގެ ސްޓޭޓް ކުންފުންޏާ އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ފެންނާން އޮތީ، ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރާ ގޮތަށް ކަމަށެވެ. އެއީ މި ސަރުކާރުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓެއް 62،000 ޑޮލަރަށް ހަވާލުކުރީ، ފުރަތަމަ އެއްބަސްވެފައިވާ ގޮތުން ނަމަ އެ އަށް ވުރެ ހެޔޮ އަގުގައި 52،000 ޑޮލަރަށް އިމާރާތް ކުރެވެން އޮއްވަ އެވެ. ފަހުން އަގު ބޮޑުވި ސަބަބާ މެދު އަސްލަމް ހާމަކުރެއްވި މައުލޫމާތުތަކުގައި އޭނާ ސުވާލު އުފެއްދެވި އެވެ.

އެޗްޑީސީ ޒިންމާވާ ގޮތަށް ލޯނެއް ނަގައިގެން އިމާރާތްކޮށްފައިވާ ފްލެޓްތައް، ކުރީގެ ސަރުކާރުން ހިސާބު ޖަހާ ގޮތަށް މަހު ކުލީގެ ގޮތުގައި 5،600ރ. އަށް ނުދެވޭނެ ކަމަށާއި އެ ވާހަކައިގައި ހަގީގަތެއް ނެތް ކަަމަށް އަސްލަމް ވިދާޅުވި އެވެ. އެޗްޑީސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި ހިސާބު ޖެހުމުން ކޮންމެ މީހަކަށް ވެސް ފްލެޓްތަކުގެ ހަގީގީ އަގު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

2،500 ފްލެޓް އަޅަން ހަވާލުކުރި

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ތަފްސީލް ދެމުން ފްލެޓް ކޮމިޓީން އިއްޔެ ބުނެފައި ވަނީ 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް މިދިޔަ ސަރުކާރުގައި އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ނެތް ކަމަށެވެ. އެކަމަކު މި ތުހުމަތު މުއިއްޒު ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 7،000 ފްލެޓު އަޅަން ޗައިނާގެ ސްޓޭޓް ކުންފުންޏާ ހަވާލުކުރި ގޮތަށް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި އެހެން ވެސް އަމިއްލަ ކުންފުނިތަކާ އެކު ހިޔާ މަޝްރޫއުގެ އެއްބަސްވުންތަކެއް ހެދި އެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ އެއް ކޮޓަރީގެ ފްލެޓްތައް ހަވާލުކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. ފްލެޓް ކޮމިޓީން އެ ބުނާ 2،500 ފްލެޓް އަޅަން ވެސް ބަޔަކާ އެކު ސޮއިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު ކުރީ ސަރުކާރުގައި ފެށި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި އެވެ.