Roadha Mihaaru
އާތިފްގެ ދިފާއުގައި ހެކި ހުށަހަޅަން ފަސް ދުވަސް

އާތިފްގެ ދިފާއުގައި ހެކި ހުށަހަޅަން ފަސް ދުވަސް ދީފި

23 ފެބުރުއަރީ 2021

ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ޝައްކު ކުރެވޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިތައް ހާމަކުރި އެވެ. ވަކިވަކި ހެކިތަކުގެ މައުލޫމާތު ދިނުމުގެ ބަދަލުގައި ދައުލަތުން ބުނީ ދައުވާ ފޯމާ އެކު ހުށަހެޅި ހެކިތައް ދައުލަތުން ހުށަހަޅާ ކަމަށެވެ.

އާތިފްގެ ވަކީލް އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ހާޒިރުވި ފަހުން، ދައުލަތުގެ ބައެއް ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ކޯޓުން އޭނާއާ ހަވާލު ކޮށްފައިވާ ކަމަށެވެ. ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ދައުލަތުން ސިއްރުކުރަން އެދެނީ ކޮން ހެކިތަކެއް ކަމެއް އަދިި ސިއްރުކުރަނީ ކިހާ މިންވަރަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނޭނގެނީސް، ދިފާއުގައި ހެކި ހުށަހަޅަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އާތިފްގެ ފަރާތުން ލިޔުމުން ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ ހެކިތައް ތަފްސީލުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އޭގެފަހުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އާތިފްގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ، 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދުން ޖޫރިމަަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރާނެ އެވެ.