Roadha Mihaaru
އިންޒާރަކާ ހެދި އަމީތާބްގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި

އިންޒާރަކާ ހެދި އަމީތާބްގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި

22 ފެބުރުއަރީ 2021

އިންޑިއާ ރައްޔިތުންނަށް ދަތިވާ ބޮޑެތި މައްސަލަތަކުގައި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އަކްޝޭ ކުމާރު އެއްވެސް ވާހަކައެއް ނުދައްކާތީ އެއީ އަސްލު ހީރޯ އިން ނޫން ކަމަށް ބުނެ އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސްގެ އިސް ވެރިޔަކު ދިން އިންޒާރަކާ ގުޅިގެން އަމީތާބްގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ރައްޔިތުންނަށް ދަތިވާ ބޮޑެތި މައްސަލަތަކުގައި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އަކްޝޭ ކުމާރު އެއްވެސް ވާހަކައެއް ނުދައްކާތީ އެއީ އަސްލު ހީރޯ އިން ނޫން ކަމަށް ބުނެ އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސްގެ އިސް ވެރިޔަކު ދިން އިންޒާރަކާ ގުޅިގެން އަމީތާބްގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީގެ ޖޫހޫގައި ހުންނަ އަމީތާބްގެ ގެ ޖަލްސާގެ ބޭރުގައި މިހާރު ފުލުހުން ފޯރިމަރަމުން އަންނަ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް ނާނާ ޕަޓޯލޭ އަމީތާބާއި އަކްޝޭއާ ދެކޮޅަށް ވާހަކަ ދެއްކީ މިހާރު ޕެޓްރޯލް އަގުބޮޑުވެގެން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލާތީ އެ މައްސަލާގައި އެއްޗެއް ނުބުނެ ހިމޭނުން ތިބޭ ކަމަށް ބުނެ އެވެ. އޭނާ ބުނީ އެފަދަ މީސްމީހުންނަކީ ގައުމުގެ އަސްލު ބަތަލުންގެ ގޮތުގައި ނުދެކޭ ކަމަށާއި އަމީތާބާއި އަކްޝޭގެ ފިލްމުތައް ވެސް ރިލީޒްކުރާ ކޮންމެ ފަހަރަކު އެ މީހުންނާ ދެކޮޅަަށް ނުކުނެ އަޑު އުފުލާނެ ކަމަށެވެ.

"އަދިި އެ މީހުން ފެންނަ ކޮންމެ ތާކުން އެ މީހުންނާ ދިމާއަށް އަހަރެމެން ކަޅު ދިދަ ނަގައި އަޑު އުފުލާނަން. މިއީ ޑިމޮކްރަސީގެ ތެރެއިން އަހަރެމެންނަށް ލިބިގެންވާ ހައްގެއް،" ޕަޓޯލޭ ބުންޏެވެ.

އޭނާ ބުނީ ޒާތީ ގޮތުން އަމީތާބާއި އަކްޝޭ ފަދަ ނުފޫޒު ގަދަ ފިލްމީ ތަރިންނާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އެކަމަކު އެ މީހުންގެ އަމަލުތަކާ ދޭތެރޭ އަހަރެމެން ހިތްހަމަނުޖެހެނީ. ހަގީގީ ބަތަލުން ކަމަށް ވަންޏާ ގައުމުގައި ހުރި ރައްޔިތުންނަށް ދަތިވާ މައްސަލަތަކުގައި އެ މީހުން ވާހަކަ ދައްކައި ބަސް ބުނާނެ،" ޕަޓޯލޭ ބުންޏެވެ. "އެ މީހުންނަށް ކަމެއް ދިމާވާ ވަގުތެއްގައި ވިއްޔާ ރައްޔިތުންގެ ގާތަށް ވެސް އާދެވޭ. އަދި ރައްޔިތުންގެ ބޭނުން ހިފޭ. އެކަމަކު އާދައިގެ ރައްޔިތުންނަށް ކަމެއް ޖެހޭ ވަގުތެއްގައި އެއްޗެއް ބުނެލެވޭ ކަމަކަށް ވެސް ނުވޭ."

އަމީތާބްގެ ފިލްމު "ޖުންދު" މި އަހަރުގެ ޖޫން 18 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު އަކްޝޭގެ "ސޫރިޔަންވަންޝީ" އެޕްރީލް 2 ގައި، "ބެލް ބޮޓަމް" މެއި 28 ގައި، "އަތުރަންގީ ރޭ" އޮގަސްޓް 6 ގައި އަދި "ޕްރިތުވީރާޖް" ނޮވެމްބަރު 5 ގައި ސިނަމާތަކަށް ގެންނާނެ އެވެ.