Roadha Mihaaru
ކްރިތީގެ އަތުން އަމީތާބަށް ކުއްޔަށް މަހަކު 10 ލައްކަ

ކްރިތީގެ އަތުން އަމީތާބަށް ކުލީގެ ގޮތުގައި މަހަކު 10 ލައްކަ ރުޕީސް

12 ޑިސެމްބަރ 2021

ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން މިހާރު މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓުން ކުލީގެ ގޮތުގައި އަމީތާބް ބައްޗަނަށް މަހަކު 10 ލައްކަ ރުޕީސް ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން މިހާރު މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓުން ކުލީގެ ގޮތުގައި އަމީތާބް ބައްޗަނަށް މަހަކު 10 ލައްކަ ރުޕީސް ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑެކްސްޓެޕްއާ ހަވާލާދީ މީޑިއާތަކުން ބުނީ މުމްބާއީގައި ފިލްމީ ތަރިން އެންމެ ގިނައިން ދިރިއުޅޭ މަޝްހޫރު އަނދޭރީގައި ހުރި އަމީތާބްގެ ޒަމާނީ ލަގްޒަރީ އެޕާޓްމަންޓެއްގެ ދެ ފްލޯ ކްރިތީ އަށް ދެ އަހަރަށް ކުއްޔަށް ދިނީ މަހަކު 10 ލައްކަ ރުޕީސް އަށް ކަމަށެވެ. އަދި އެ ކުއްޔާ އެކު ކްރިތީ ހިފާފައިވާ 27 އާއި 28 ވަނަ ފްލޯގް އެޕާޓްމަންޓްގެ ސެކިއުރިޓީ އަށް 60 ލައްކަ ރުޕީސް ވެސް ދައްކާފައިވެ އެވެ. އަމީތާބްގެ އެޕާޓްމަންޓެއް ކްރިތީ، 31، ކުއްޔަށް ހިފި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ ދާދިފަހުންނެވެ.

އަމީތާބްގެ ކުލީ އެޕާޓްމަންޓެއްގައި ކްރިތީ ދިރިއުޅެމުން އަންނަ އިރު އޭނާ އަކީ މި ވަގުތު ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކެކެވެ. މި އަހަރު ރިލީޒްކުރި "މިމީ" އާއި "ހަމް ދޯ ހަމާރޭ ދޯ" ގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޭޅިޔާ"، "ބައްޗަން ޕާންޑޭ"، "އާދިޕުރުޝް"، "ގަނަޕަތު" އަދި "ޝެހެޒާދާ" ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބަކީ މުމްބާއީގެ އިތުރުން އިންޑިއާގެ އެހެން ހިސާބުތަކާއި ގައުމުން ބޭރުގައި ވެސް އަމިއްލަ ޕްރޮޕަޓީތައް ހުންނަ ތަރިއެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މުމްބާއީގެ ޖުހޫގައި ހުންނަ އަމީތާބާއި ދަރިފުޅު އަބީޝެކް ބައްޗަންގެ އަގުބޮޑު އިމާރާތެއް 15 އަހަރުގެ މުއްދަތަކަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަރަށް ބޮޑު ބޮޑު އަގަކަށް ކުއްޔަށް ދީފައިވެ އެވެ.