Roadha Mihaaru
އައިޝްވާރިއާ އާއި ދަރިފުޅު އެޑްމިޓްކޮށްފި

އައިޝްވާރިއާ އާއި ދަރިފުޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

18 ޖުލައި 2020

ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ އާއި ދަރިފުޅު އަރަދިއާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިވްވެ، ހޯމް ކަރަންޓީނުގައި ބައިތިއްބައިގެން ފަރުވާދެމުން އަންނަނިކޮށް ހާލު ގޯސްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ އާއި ދަރިފުޅު އަރަދިއާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިވްވެ، ހޯމް ކަރަންޓީނުގައި ބައިތިއްބައިގެން ފަރުވާދެމުން އަންނަނިކޮށް ހާލު ގޯސްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި ދެމައިން ވެސް ހުކުރު ދުވަހު އެޑްމިޓްކުރީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގަ އެވެ. އެތަނުގައި އައިޝްވާރިއާގެ ފިރިމީހާ އަބީޝެކް ބައްޗަނާއި ބަފައިބެ އަމީތާބް ބައްޗަން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ މި މަހުގެ 11 އިން ފެށިގެންނެވެ.

އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދެމައިންނަށް ހޯމް ކަރަންޓީނުގައި ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ސިއްހީ ގޮތުން ކޮން ކަހަލަ ނުރައްލެއް ދިމާވެގެން ކަމަށް ސާފެއް ނުވެ އެވެ.

ނަމަވެސް އެޑްމިޓްކުރި ފަހުން އަމީތާބް އަންނަނީ ޓްވިޓާގައި އާއިލާގެ މީހުންގެ ހާލު ގޯސް ނޫން ކަމަށާއި ފޭނުން ކަންބޮޑުނުވުމަށް އިލްތިމާސްކުރަމުންނެވެ.

ބައްޗަން އާއިލާވެގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަަތަމަ ފަހަރަށެވެ. މިކަމާ ގުޅިގެން އެ އާއިލާގެ ގިނަ ބަޔަކާއި އެ މީހުންގެ މުވައްޒަފުންތަކެއް ވެސް ޓެސްޓްކޮށްފައިވެ އެވެ. އެކަމަކު އެންމެން ވެސް ނެގަޓިވް އެވެ.

އަދި ބައްޗަން އާއިލާ މުމްބާއީގައި ދިރިއުޅޭ ގެ ޖަލްސާ ހުރި ސަރަހައްދު ކޮންޓައިންމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.

އިންޑިއާގައި ކޮންޓްރޯލް ނުވެ، ކޮވިޑް-19 ފެތެރެމުންދާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކަށް އަރައިފަ އެވެ. އަދި އިންޑިއާގެ ފިލްމީ ތަރިން ދިރިއުޅޭ މުމްބާއި ހިމެނޭ މަހާރަޝްތުރާ ސްޓޭޓަކީ މިހާތަނަށް އެ ގައުމުން އެންމެ ގިނަ އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވް ސްޓޭޓް ވެސް މެ އެވެ.