Roadha Mihaaru
ފައިނުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

ފައިނުގައި ފަސް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

19 ފެބުރުއަރީ 2021

ރ. ފައިނުގައި މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު، ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރ. ފައިނުގައި މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު، ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފައިނު ކައުންސިލުން ބުނީ، އެ ފިރިހެން ކުއްޖާ އެ ރަށު އަތިރިމަތީގައި އުޅުނީ އެ އުމުރުފުރައިގެ ދެ ތިން ކުއްޖަކާއެކު ކުޅެން ކަމަށެވެ. އެކަމަކު، ކުޑައިރުކޮޅެއްގެ ފަހުން ކުއްޖާ ވީނުވީ ތަނެއް ނޭނގި ގެއްލުނީ ކަމަށާއި ފެނުނީ، ހޯދަނިކޮށް މޫދުގެ އަޑީގައި މަރުވެފައި އޮއްވައި ކަމަށް ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި އެ ކުއްޖާ ފެނުނީ، ރައްޔިތުން ނުކުމެ އެ ކުއްޖާ ހޯދާތާ ބައިގަޑިއިރެއްހާއިރު ފަހުން، 5:35 ހާއިރު އެވެ.

"މީހުން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދު އަތިރިމަތީގައި ކުޅެން ތިބީ. އެކަމަކު އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ، ގޮނޑުދޮށުގައި އޮންނަ އާނުގަނޑެއްގެ ބޭރުން ކަމަށް ވުމުން ލަފާ ކުރެވެނީ އޭގެ މައްޗަށް އަރައި އުޅެނިކޮށް ކައްސާލީ ކަމަށް،" ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުއްޖާ ފެނުނު ތަނުގައި ދެ ފޫޓުބައިހާ ފުންމިން ހުންނާނެ ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި ކުޑަކުދިން ކުޅެން ތިބިތަނުގައި އެ ވަގުތު ބޮޑު މީހެއް ނެތް ނަމަވެސް، ތަންކޮޅެއް ދުރުގައި މީހުން ތިއްބެވެ. ހަވީރު ވަގުތު ގިނަ ބަޔަކު އުޅޭނީ އަތިރިމަތީގައި ކަމަށް އެތަނުން ބުންޏެވެ.