Roadha Mihaaru
އަތުނުޖެހި ދުއްވައިގަތީ، ދެންފެނުނީ މަރުވެފައި އޮއްވައި

މާމަގެ އަތު ނުޖެހި ދުއްވައިގަތީ، ދެން ފެނުނީ މަރުވެފައި އޮއްވައި

30 ނޮވެމްބަރ 2020

އދ. ފެންފުށީގައި މޫދަށް ވެއްޓި އިއްޔެ މަރުވީ ހެދިބޮޑުވުމުގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ އަތުން ފޯނު އަތުލުމުން ދުވެފައި ދިއުމުން ގެއްލިގެން ހޯދަނިކޮށް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އދ. ފެންފުށީގައި މޫދަށް ވެއްޓި އިއްޔެ މަރުވީ ހެދިބޮޑުވުމުގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ އަތުން ފޯނު އަތުލުމުން ދުވެފައި ދިއުމުން ގެއްލިގެން ހޯދަނިކޮށް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހަތަރު އަހަރު ފުރުނު އެ ފިރިހެން ކުއްޖާ ގެއްލިގެން ހޯދާތާ ގަޑިއިރެއްހާ އިރު ފަހުން ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ. ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

"މިހާރު" އަށް ވާހަކަ ދެއްކި އެ ކުއްޖާގެ ބޮޑުދައިތައެއް ބުނީ، އެ ހާދިސާ ހިނގީ އެ ކުއްޖާގެ މަންމަ ފިހާރަޔަކަށް ދިޔަ ވަގުތު ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިހާރަ އަށް ދިޔައީ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފަ އެވެ. އެ ވަގުތު ކުއްޖާގެ ބައްޕަ ފާހާނާ އަށް ވަންނަންވެގެން، ކުއްޖާގެ މާމައާ ހަވާލުކުރީ ކަމަށާއި ކުއްޖާ ދުވެފައި ދިޔައީ ފޯނާ ކުޅެން އިންދައި ފޯނު އަތުލުމުން ކަމަށް ކުއްޖާގެ ބޮޑުދައިތަ ބުންޏެވެ.

"އެ ކުއްޖާގެ މަންމަ ފިހާރައަށް ގޮސް އަނބުރާ އަންނަން ނެގީ 15 ވަރަކަށް މިނެޓް. ފޯނު އަތުލުމުން ހިނގި ކަމެއް ވީމަ މާމައަށް ހަމަ ރޮވެނީ،" އޭނާ ބުންޏެވެ.

ކުއްޖާ ދުވެފައި ދިއުމާ އެކު އެ ކުއްޖާ ހޯދަން މުޅި ސަރަހައްދު ބެލި ކަމަށާއި ނަމަވެސް މޫދުގައި އޮއްވައި ފެނުނީ އޭގެ ގަޑިއިރެއްހާ އިރު ފަހުން އެގޭގައި އުޅޭ އެހެން ކުއްޖަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ހަތަރު އަހަރުގެ ކުއްޖަކާ ބަލާފައި ވާހަކަ ދެއްކުމުގަ އާއި ދައްކާ ވާހަތައް ދެނެގަތުމުގައި ވެސް ދަތިތަކެއް އެ ކުއްޖާގެ ކިބައިގައި ހުންނަ ކަމަށް އާއިލާ އިން ބުންޏެވެ. ބޮޑުދައިތަ ބުނި ގޮތުގައި އެ ކުއްޖާގެ އަކީ ކުއްލިކުއްލި އަށް ދުއްވައިގަނެ އަތުނުޖެހި މާ ދުރަށް ދާ ކުއްޖެކެވެ.

"ނަފްސާނީ ޑޮކްޓަރަކަށް ދައްކާފައި ތެރަޕީ ވެސް ހޯދަމުން އަންނަނީ ކޮންމެ ވެސް ވަރަކަށް. ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީނުކޮށް އެ އާއިލާއިން މަޑުކުރަމުން އައީ އެ ކުއްޖާ އަދި ކުޑަވީމާ. ބޮޑުވަމުން އަންނަ ވަރަކަށް ޑިވެލޮޕްމެންޓް މައްސަލަތައް ބަދަލުވުން އެކަށީގެންވާތީ،" އޭނާ ބުންޏެވެ.

މަރުވި ކުއްޖާގެ އިތުރުން އެ ދެމަފިރިންގެ ދެ އަހަރުގެ އަންހެން ކުއްޖެއް ވެސް ހުރެ އެވެ. "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ ކުއްޖާ މަރުވާން މެދުވެރިވި ހާދިސާގައި ކުއްޖާގެ ބެލެނިވެރިންގެ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.