Roadha Mihaaru
ޓިކްޓޮކްގެ ބަދަލުގައި އިންޑިއާ އަށް "ދަކްދަކް"

ޓިކްޓޮކްގެ ބަދަލުގައި އިންޑިއާ އަށް "ދަކްދަކް"

18 ފެބުރުއަރީ 2021

މިދިޔަ އަހަރު އިންޑިއާގައި ޕަބްޖީ ގޭމް މަނާކުރުމުން އޭގެ ބަދަލުގައި އެ ގައުމުން އުފެއްދި "ފައު-ޖީ" މިދިޔަ މަހު ނެރެފައި ވަނިކޮށް ޗައިނާގެ ޓިކްޓޮކްގެ ބަދަލުގައި ވެސް އިންޑިއާ އިން އާ އެޕެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އިންޑިއާގައި ޕަބްޖީ ގޭމް މަނާކުރުމުން އޭގެ ބަދަލުގައި އެ ގައުމުން އުފެއްދި "ފައު-ޖީ" މިދިޔަ މަހު ނެރެފައި ވަނިކޮށް ޗައިނާގެ ޓިކްޓޮކްގެ ބަދަލުގައި ވެސް އިންޑިއާ އިން އާ އެޕެއް ލޯންޗްކޮށްފި އެވެ.

ޓިކްޓޮކް ގޮތަށް ކުރު ވީޑިއޯ ރެކޯޑްކޮށްޕައި އަޕްކުރެވޭ ގޮތަށް ޝައުގުވެރި އެތައް ފީޗާއެއް ވެސް ހިމެނޭ ގޮތަށް ލޯންޗްކުރި އެޕް "ދަކްދަކް: އިންޑިއާ ކޭ ދިލްކީ ދަޅުކަން" މިހާރު ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ. ޕޫނޭގެ ސްޓާޓަޕެއް ކަމަށްވާ ދަކްދަކް ޕްރައިވެޓް ލިމިޓެޑުން ގެނެސްދިން މި އެޕަށް މިހާރު ވެސް އެއް ލައްކަ ޑައުންލޯޑް ލިބިފައިވާ އިރު، ކޮންޓެންޓް ކުރިއޭޓަރުންގެ އަދަދު 20،000 އަށް ވުރެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާ އިން ޗައިނާ އަށް ބަރޯސާވުން އިންޑިއާ އިން ހުއްޓާލުމަށް ބޮޑުވަޒީރު ނަރެންދުރަ އިއުލާންކުރެއްވި "މޭކް އިން އިންޑިއާ" އިނިޝިއޭޓިވްގެ ދަށުން އިންޑިއާގެ ޓެކް ދާއިރާގައި އުޅޭ މީހުން މިހާރު އަންނަނީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ނެރެން ވަރަށް މަސައްކަތްކުރަމުންނެވެ. "ފައު-ޖީ" އާއި "ދަކްދަކް" އަކީ މީގެ ނަތީޖާތަކެވެ. އަދި ދާދި ފަހުން ޓްވިޓާގެ ބަދަލުގައި ބޭނުންކުރެވިދާނެ އެ ގައުމެއްގެ އަމިއްލަ އެޕެއް "ކޫ" ގެ ނަމުގައި ލޯންޗްކޮށްފައިވެ އެވެ. ޓްވިޓާގައި އިންނަ ނޫކުލައިގެ ދޫނީގެ ބަދަލުގައި "ކޫ" ގައި އިންނަނީ ރީނދޫ ކުލައިގެ ފިޔޮކެކެވެ.

އިންޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮތް ޓިކްޓޮކް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާ އިން މަނާކުރުން ވެގެން ދިޔައީ އެ ބޭނުންކުރަމުން ދިޔަ އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ލިބުނު ވަރަށް ބޮޑު މާޔޫސީއަކަށެވެ. ސަބަބަކީ ޓިކްޓޮކްވެފައި ވަނީ ވަރަށް ގިނަ ބަޔަކު އާމްދަނީ ވެސް ހޯދަން ބޭނުންކުރާ ވަސީލަތަކަށްވެފައި އޮތުމެވެ.

އާންމުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ "ދަކްދަކް" އާ ބެހޭ ގޮތުން އޭގެ ބާނީންގެ ތެރޭގައި ހިމެނޭ އަނިރުދާ ކޮތުގިރީ ބުނީ އަމާޒަކީ ޓިކްޓޮކް މަތިން އިންޑިއާގެ އެންމެން އަބަދުގެ އަބަދަށް ހަނދާން ނައްތައިލާ ވަރުގެ އެއްޗަކަށް "ދަކްދަކް" ހެދުން ކަމަށެވެ.

"އަހަރެމެން މީތި ފަރުވާ ވެސް ކޮށްފައި އިންނާނީ ޓިކްޓޮކް ދެވުނު ޝައުގުވެރިކަން އިތުރު ވެސް ކޮށްދޭ ގޮތަށް." އޭނާ ބުންޏެވެ. "އަހަރެމެން ދެކެން ބޭނުންވޭ މި އެޕްގެ ބޭނުން ހިފާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ މިއީ އެ މީހުން އާމްދަނީ ހޯދަން ބޭނުންކުރާ ވަސީލަތަކަށް ހަދަން. އެގޮތުން ދަކްދަކްގައި ދައްކައިލެވޭ ހުނަރުތަކުން ފިލްމުތަކާއި ސީރީޒްތަކާއި އިޝްތިހާރު ފަދަ އެއްޗެހިން ގިނަ ބަޔަކަށް ފުރުސަތުތައް ލިބޭނެ ގޮތް ވުމަކީ ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމެއް. މި އެޕްގެ އަމާޒަކީ ވެސް ހުނަރުވެރިންނަށް ކުރިއަށް ދާނެ ދޮރުތައް ހުޅުވައި ދިނުން."

އަނިރުދާ ބުނިގޮތުގައި "ދަކްދަކް" ގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ބޮޑެތި ޕްރޮމޯޝަނަލް ކެމްޕޭންތައް ވެސް ކުރިއަށް ގެންދާނެ އެވެ.

"އެގޮތުން އިންޑިއާގެ މަޝްހޫރު ބައެއް ތަރިން ބޭނުންކޮށްގެން އަހަރެމެން ކޮމާޝަލްތަކެއް ވެެސް ގެނެސްދޭނަން. އަދި ޓިކްޓޮކުން ސެލެބްރިޓީންގެ ދަރަޖަ ހޯދި ފަންނާނުންނަށް ވެސް ކެމްޕޭންތަކުގައި ބޭނުންކުރާނަން." އޭނާ ބުންޏެވެ.

"ދަކްދަކް" ވުޖޫދަށް ގެނައުމުގައި މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކީ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ގުރުމީތު ސިންގް އެވެ.