Roadha Mihaaru
ބްރެޑް ޕިޓާއި ސަންޑްރާ ބުލަކް އެއް ފިލްމަކަށް

ބްރެޑް ޕިޓާއި ސަންޑްރާ ބުލަކް އެއް ފިލްމަކަށް

12 ފެބުރުއަރީ 2021

ހޮލީވުޑްގެ އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ބްރެޑް ޕިޓާއި ބަތަލާ ސަންޑްރާ ބުލަކް ފުރަތަމަ ފަހަރަށް ފިލްމަކުން އެކީގައި ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ބްރެޑް ޕިޓާއި ބަތަލާ ސަންޑްރާ ބުލަކް ފުރަތަމަ ފަހަރަށް ފިލްމަކުން އެކީގައި ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މި ދެ ތަރިން މިހާތަނަށް އެކީގައި މަސައްކަތްކޮށްފައި ނުވާތީ މިއީ ސްކްރީނުން ބަލައިލަން ފޭނުން ވަރަށް ބޭނުންވާ ޖޯޑެކެވެ. އެކަން ހަގީގަތަކަށް މި ވަނީ ޑައިރެކްޓަރު ޑޭވިޑް ލީޗްގެ އާ ފިލްމު "ބްލެޓް ޓްރެއިން" އިންނެވެ.

މި އެކްޝަން ތުރިލާގެ ކާސްޓަށް، އޮސްކާ އެވޯޑް އެވޯޑް ވެސް ހާސިލުކޮށްފައިވާ ސަންޑްރާ، 56، ގުޅިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު ކާސްޓްގައި ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ އިތުރުން ޖޯއީ ކިންގް އާއި އާރޮން ޓޭލާ-ޖޯންސަން، މައިކަލް ޝެނަން، އެންޑްރޫ ކޯޖީ، ބްރަޔަން ޓައިރީ ހެންރީ ފަދަ ތަރިން ހިމެނެ އެވެ.

"ބްލެޓް ޓްރެއިން" އިން ސަންޑްރާ ފެންނާނެ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ފިލްމުގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި މި ފިލްމު ހަދާ ސޮނީ ޕިކްޗާޒް އިން ވެސް އެކަމާ ބެހޭ ގޮތުން ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫނެވެ.

"ޑެޑްޕޫލް 2" އާއި "އެޓޮމިކް ބްލޮންޑް" އަދި "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިންއޮފް "ހޮބްސް އެންޑް ޝޯ" ގެނެސްދިން ޑޭވިޑް 85.9 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ "ބްލެޓް ޓްރެއިން" އަކީ ޖަޕާނުގެ ލިޔުންތެރިޔާ ކޮޓާރޯ އިސާކާ ގެނެސްދިން ވާހަކަ "މަރާޔާ ބީޓްލް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.