Roadha Mihaaru
ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުން ވައިގައި ހިފައިފި

މިއަންމާގެ ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުން ވައިގައި ހިފައިފި

06 ފެބުރުއަރީ 2021

ނޭޕީޓޯ (ފެބްރުއަރީ 6) - މިއަންމާގެ މަދަނީ ސަރުކާރު ވައްޓާލައި ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ފަށާފައިވާ މަދަނީ ބަސްނޭހުން ވައިގައި ހިފައި، އެންމެ ފަހުން ޓީޗަރުންނާއި ދަރިވަރުން ވެސް އެ ހަރަކާތުގައި ބައިވެރިވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޭޕީޓޯ (ފެބްރުއަރީ 6) - މިއަންމާގެ މަދަނީ ސަރުކާރު ވައްޓާލައި ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ފަށާފައިވާ މަދަނީ ބަސްނޭހުން ވައިގައި ހިފައި، އެންމެ ފަހުން ޓީޗަރުންނާއި ދަރިވަރުން ވެސް އެ ހަރަކާތުގައި ބައިވެރިވެއްޖެ އެވެ.

މިއަންމާގެ އެންމެ ބޮޑު ސިޓީ ޔަންގޫންގެ ޔުނިވާސިޓީގައި އިހްތިޖާޖް ކުރި މީހުން ވަނީ ވެރިކަމުން ދުރުކޮށް ގޭބަންދުކޮށްފައިވާ އަން ސަން ސޫކީ އަށް ތާއީދުކުރުމުގެ ގޮތުން ރަތް ރިބަން ހެދުމުގައި ހަރުކޮށްފަ އެވެ. ހުކުރު ދުވަހު މެންދުރު ފަހުން އެތައް ސަތޭކަ ޓީޗަރުންނަކާއި ދަރިވަރުން ވަނީ ޔަންގޫންގެ ޑޭގަން ޔުނިވާސިޓީ އަށް ޖަމާވެފަ އެވެ.

"އަޅުގަނޑުގެ ޖީލުގައި މިފަދަ އަސްކަރީ ބަޣާވާތެއް ތަހައްމަލް ކުރަން ފުރުސަތެއް ނުދޭނަން،" ދަރިވަރެއް ކަމަށްވާ މިން ސިތޫ އޭއެފްޕީ އަށް ބުންޏެވެ.

މުޒާހަރާގައި ބައިވެރިވި ލެކްޗަރާއިން ބުނެފައި ވަނީ އެކަން މިކުރަނީ ކުރިއަށް އޮތް ޖީލުގެ ހައްގުގައި ކަމަށެވެ.

"އަޅުގަނޑުގެ ހުރޭ 18 މަހުގެ ކުޑަ ކުއްޖެއް. އަޅުގަނޑު ބޮޑުވީ އަސްކަރީ ވެރިކަމެއްގައި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި. އަޅުގަނޑުގެ އުއްމީދަކީ މުޅިން ތަފާތު ބަރުމާ (މިއަންމާ) ގައި އެ ދަރިފުޅު ބޮޑުވުން. އެކަމަކު އަޅުގަނޑަށް ޔަގީންކަމެއް ނެތް ދަރިފުޅުގެ ކުރިމަގު ވާނީ ކިހިނެއްކަމާ މެދު،" މުޒާހަރާގައި ބައިވެރިވި ލެކްޗަރާއަކު ބުންޏެވެ.

ޔަންގޫންގެ މަގުތަކަށް މިއަދު ވެސް އެތައް ހާސް ބަޔަކު ނުކުމެ ވަނީ ބަޣާވާތް ފެއިލްވެއްޖެ ކަމަށާއި ޑިމޮކްރެސީ ކާމިޔާބުވާނެ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ.

ބަޣާވާތާ ދެކޮޅަށް މިއަންމާގެ ޔަންގޫން ޔުނިވާސިޓީގެ ޓީޗަރުންނާއި ދަރިވަރުން އަޑުއުފުލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ބަޣާވާތާ ދެކޮޅަށް މިއަންމާގެ ޔަންގޫން ޔުނިވާސިޓީގެ ޓީޗަރުންނާއި ދަރިވަރުން އަޑުއުފުލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ހޯމަ ދުވަހުގެ ބަޣާވާތަށް ފަހު މިއަންމާގެ އެކި ހިސާބުތަކުގައި މަގުތަކަށް މީހުން ނުކުމެ ބަޣާވާތާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. ސިއްހީ ޚިދުމަތްތެރިން ވެސް މިހާރު ވަނީ ބަޣާވާތާ ދެކޮޅު މަދަނީ ބަސްނޭހުމުގައި ބައިވެރިވެފަ އެވެ. ޔަންގޫން ފަދަ ބޮޑެތި ސިޓީތަކުގެ މީހުން ރޭގަނޑު ގޭގައި ތިބެގެން ވެސް ދަނީ ބަޣާވާތަށް ތާއީދެއް ނެތްކަން އެންގުމުގެ ގޮތުން ތެލި، ތަވާ ފަދަ ތަކެތި ތަޅުވަމުން އަޑު އިއްވަމުންނެވެ. ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބަޣާވާތާ ދެކޮޅުކަން ފާޅުގައި ހާމަކޮށްފަ އެވެ.

އަސްކަރީ ބަޣާވާތާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އޮންލައިންކޮށް ވެސް އަޑު އުފުލައިފަ އެވެ. އެކަމަކު ސިފައިން މިހާރު ވަނީ ފޭސްބުކާއި ޓްވިޓާ ބްލޮކްކޮށްފަ އެވެ.

ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހުގެ އިންތިޚާބު ސައްހަ ނޫން ކަމަށް ބުނެ އެވެ. އެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްފައި ވަނީ ސޫކީގެ ޕާޓީންނެވެ.

މިއަންމާގެ ބަޣާވާތް ކުށްވެރިކޮށް ބައެއް ގައުމުތަކުން ވަނީ އިންޒާރު ވެސް ދީފަ އެވެ. އދ. ސަލާމަތީ މަޖިލީހުން ވަނީ ސޫކީ ދޫކޮށްލުމަށް އަސްކަރިއްޔާ އަށް ގޮވާލައިފަ އެވެ. ނަމަވެސް ބަޣާވާތް ކުށްވެރި ކުރަން ސަލާމަތީ މަޖިލީހުން ފާހެއް ނުކުރި އެވެ. ސަބަބަކީ ދާއިމީ މެންބަރެއް ކަމަށްވާ ޗައިނާ ދެކޮޅު ހެދުމެވެ.