01 ފެބުރުއަރީ 2021
ނޭ ޕީ ޓޯ (ފެބްރުއަރީ 1) - މިއަންމާ އަށް ސިފައިން މިއަދު ގެނައި އަސްކަރީ ބަޣާވާތެއްގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އާއި އެހެން ސިޔާސީ އިސް ފަރާތްތައް ހައްޔަރު ކޮށްފި އެވެ.
ނޭ ޕީ ޓޯ (ފެބްރުއަރީ 1) - މިއަންމާ އަށް ސިފައިން މިއަދު ގެނައި އަސްކަރީ ބަޣާވާތެއްގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އާއި އެހެން ސިޔާސީ އިސް ފަރާތްތައް ހައްޔަރު ކޮށްފި އެވެ.
އަސްކަރީ ޓީވީން އިއުލާންކޮށްފައިވާ ގޮތުގައި މިއަންމާގައި މިހާރު ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ބާރުތަކާ ސިފައިން ވަނީ ހަވާލުވެފަ އެވެ. ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ. ސިފައިން ދަނީ ވެރިރަށް ނޭ ޕީ ޓޯ އާއި އެންމެ ބޮޑު ސިޓީ ޔަންގޫންގެ މަގުތަކުގައި ފޯރިމަރަމުންނެވެ.
ސިފައިން ބަޣާވާތެއް ގެނެސްފައި މި ވަނީ މަދަނީ ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އިންތިޚާބުގެ ނަތީޖާއާ މެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ވަނީ ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުން ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުން އެންއެލްޑީ ވަނީ 83 ޕަސެންޓް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ސިފައިން ވަނީ އިންތިޚާބުގެ ނަތީޖާއާ މެދު މައްސަލަ ޖައްސައި އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައިފަ އެވެ.
މިއަންމާގައި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް 2011 ވަނަ އަހަރު ގެންނަން ފެށުމުގެ ކުރިން އެ ގައުމުގައި ވެރިކަން ކުރީ ސިފައިންނެވެ. ނޮވެމްބަރު މަހު ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ ފަހުން ދެ ވަނަ އިންތިޚާބެވެ.
ބަޣާވާތަކުން ވެރިކަން ހޯއްދެވި މިއަންމާގެ ސިފައިންގެ ވެރިޔާ މިން އައުންގް. --ފޮޓޯ:ރޮއިޓާސް
މިއަންމާ އަށް ގެނައި ބަޣާވާތް އެކި ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އެމެރިކާ އިން ބުނެފައި ވަނީ މިއަންމާގައި ދާދި ފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅު ކަމަށެވެ. އެމެރިކާގެ އާ ސަރުކާރުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ ބަޣާވާތުގައި ހައްޔަރު ކުރި ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވަނީ މިއަންމާގެ އަސްކަރިއްޔާ އިން ގާނޫނާއި ގަވާއިދަށް އިހްތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ހައްޔަރުކޮށްފައިވާ މަދަނީ އެންމެން ދޫކޮށްލުމަށް އެ ގައުމުން ވަނީ ގޮވާލައިފަ އެވެ.
ސިފައިން ބަޣާވާތް ގެނައުމަށް ފަހު ބޮޑެތި ސިޓީތަކުން ވަނީ މޯބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ. ރަސްމީ ޓީވީ އެމްއާރްޓީވީން ވެސް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ކަމަށް ބުނެ ބްރޯޑްކާސްޓް ކުރުން ހުއްޓާލައިފަ އެވެ. މިއަންމާގެ ވެރިރަށުން މިހާރު ވަނީ މުވާސަލާތީ ހުރިހާ ޚިދުމަތެއް ކަނޑާލައިފަ އެވެ. މިއަންމާގެ އެންމެ ބޮޑު ސިޓީ އަދި ކުރީގެ ވެރިރަށް ޔަންގޫނުގައި ވެސް ފޯނާއި އިންޓަނެޓުގެ ޚިދުމަތަށް ވަނީ މައްސަލަ ދިމާވެފަ އެވެ.
މިއަންމާގެ ލީޑަރު ސޫކީ. --ފޮޓޯ:އޭއެފްޕީ
ސޫކީ، 75، އަކީ މިއަންމާގެ މިނިވަންކަމުގެ ބަތަލް ޖެނެރަލް އަން ސަންގެ ދަރިކަނބަލެކެވެ. ސޫކީގެ އުމުރުން ދެ އަހަރުގައި ބައްޕާފުޅު ވަނީ އަވަހާރަކޮށްލައިފަ އެވެ. ސޫކީ ވަނީ މިއަންމާގައި އިންސާނީ ހައްގުތައް ގާއިމް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. މިއަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ފާޅުގައި އަޑު އުފުއްލެވުމުގެ ނަތީޖާއެއްގެ ގޮތުން ސޫކީ ވަނީ 1989-2010 އާ ދެމެދު 15 އަހަރު ގޭ ބަންދުގައި ހުންނަވަން ޖެހިފަ އެވެ. ގޭ ބަންދުގައި ހުންނަވަނިކޮށް ސޫކީ އަށް 1991 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ.
ނޮވެމްބަރު 2015 ގައި މިއަންމާގައި ބޭއްވި އިންތިޚާބުން ސޫކީގެ އެންއެލްޑީ ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ނަމަވެސް ސޫކީ އަށް ވެރިކަމަށް ވަޑައިނުގެންނެވުނީ އެކަމަނާގެ ދެ ދަރިކަލުން ބޭރު ގައުމެއްގެ ރަށްވެހިކަން އޮންނާތީ އެވެ. ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ސްޓޭޓް ކައުންސެލާގެ ހައިސިއްޔަތުން މިއަންމާގެ ލީޑަރެއްގެ ގޮތުގައި ސޫކީ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު މިއަންމާ ސަރުކާރުން އަމަލު ކުރި ގޮތުން ސޫކީގެ އަގު ވަނީ މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
މިއަންމާ އިން 3،000 ގައިދީންނަށް މައާފް ދެނީ
މިޔަންމާގެ އަސްކަރީ ވެރިޔާ އަމިއްލައަށް ބޮޑުވަޒީރަކަށް
މިއަންމާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް: 18 މަރު
މިއަންމާ ސިފައިން ސޫކީގެ ޕާޓީގެ އޮފީހަށް ވަދެގެންފި
ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުން ވައިގައި ހިފައިފި
ބަޣާވާތަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް
ބަޣާވާތް ހިންގިއިރު ވެސް ފޯރީގައި "ނަށަނީ"
ސޫޗީއަށް އިތުރު ހުކުމަކާއެކު ޖަލު އަދަބު 33 އަހަރަށް
މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ.ގައި ޖާގައެއް ނެތް
ކޮރަޕްޝަންގެ ތުހުމަތުގައި ސޫޗީ ހަ އަހަރަށް ޖަލަށް