Roadha Mihaaru
މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ.ގައި ޖާގައެއް ނެތް

މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ. އިން ޖާގައެއް ނުދިން

15 ޑިސެމްބަރ 2022

އދ. މަޖިލީހުގައި މިޔަންމާ ތަމްސީލު ކުރުމުގެ ފުރުސަތު، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރަށް ނުދޭން އދ. މަޖިލީހުން އަނެއްކާ ވެސް ނިންމައިފި އެވެ.

އދ. މަޖިލީހުގައި މިޔަންމާ ތަމްސީލު ކުރުމުގެ ފުރުސަތު، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރަށް ނުދޭން އދ. މަޖިލީހުން އަނެއްކާ ވެސް ނިންމައިފި އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުން ބުނި ގޮތުގައި މިޔަންމާގެ އަސްކަރީ ސަރުކާރުން ފޮނުވާ އެއްވެސް މީހަކު، އދ.ގެ އާންމު މަޖިލީހުގައި މިޔަންމާ އަށް ޚާއްސަކޮށްފައިވާ ގޮނޑީގައި އިށީނުމުގެ ފުރުސަތު ނުދޭން، އދ.ގެ ކްރެޑެންޝަލްސް ކޮމިޓީން މި ހަފުތާގައިވަނީ ނިންމައިފަ އެވެ. އެ ކޮމިޓީން މި ގޮތަށް ނިންމީ، މިޔަންމާގައި މިހާރު އޮތް ސަރުކާރުން ކަނޑައަޅާ މަންދޫބުންނަށް، އެ ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ދިނުމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހުށަހެޅި ހުށަހެޅުމާ މެދު އެ ކޮމިޓީގައި ބަހުސް ކުރުމަށް ފަހު އެވެ.

އދ.ގެ ނިންމުމާ ގުޅޭ ގޮތުން، މިޔަންމާ އެކައުންޓެބިލިޓީ ޕްރޮޖެކްޓްގެ ޑިރެކްޓަ ކްރިސް ގަނެސް ވިދާޅުވި ގޮތުގައި އދ.ގެ މި ނިންމުމަކީ، މިޔަންމާގެ އަސްކަރީ ސަރުކާރު ގަބޫލުކުރުމަށް އެދި ބައިނަލްއަގުވާމީ މުޖްތަމައުގައި މިޔަންމާގެ އަސްކަރީ ވެރިން އާދޭސް ކުރަމުން ދަނިކޮށް، ޑިޕްލޮމެޓިކް ގޮތުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުޖްތަމައު އޮތީ މިޔަންމާ ސަރުކާރާ ދެކޮޅަށް އަދި މިޔަންމާގެ އާންމު ރައްޔިތުންނާ އެކުގައިކަން ހާމަކޮށްދިން ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި އދ.ގެ ކްރެޑެންޝަލްސް ކޮމިޓީގެ ނިންމުން ރަސްމީކޮށް އާންމު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ކޮމިޓީގައި ހިމެނެނީ ޖުމްލަ މެމްބަރު ނުވަ ގައުމެވެ. އެއީ، އެމެރިކާ، ރަޝިޔާ، ޗައިނާ، ބަހަމާސް، ބޫޓާން، ޗިލީ، ނެމީބިއާ، ސިއެރާ ލިއޯން އަދި ސްވިޑްން އެވެ.

އދ.ގެ ކްރެޑެންޝަލްސް ކޮމިޓީގެ މި ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އދ.ގެ ހުރިހާ އިދާރާތަކެއްގައި މިޔަންމާގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވާނީ، އަސްކަރީ ބަޣާވާތުގެ ކުރިން އެ ގައުމުގައި އޮތް މަދަނީ ސަރުކާރުން ކަނޑައަޅާފައި ހުރި ސަފީރު ކިޔާއު މޯއެ ޓުން އެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން މިހާރު ބޭނުންވަނީ، ކިޔާއުގެ ބަދަލުގައި، އަސްކަރީ ސަރުކާރުން ކަނޑައަޅާ ސަފީރަކަށް އެ ފުރުސަތު ދޭށެވެ.

އަސްކަރީ ސަރުކާރުގެ މަންދޫބަށް، މިޔަންމާ ތަމްސީލު ކުރުމުގެ ފުރުސަތު ނުދިނުމުން ދެން ސުވާލު އުފެދެނީ، އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ހިންގި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ޝަރީއަތުގައި މިޔަންމާ ތަމްސީލު ކުރާނެ މަންދޫބަކާ މެދުގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގަ އެވެ. އޭގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ހިނގަމުންދާ ދައުރުގައި މިޔަންމާ އަށް ލިބިފައިވާ ގޮނޑި ފުރާނެ މެމްބަރަކަށް ވެސް ހުންނަވާނީ، ކުރީގެ މަންދޫބެވެ.

މި ދެ ހާލަތުގައި ވެސް، މިޔަންމާ ސަރުކާރާ ދެކޮޅަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި މިޔަންމާ ދިފާއުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ، މިޔަންމާގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައި ހުރި، އަދި މިހާރު އޮތް އަސްކަރީ ސަރުކާރު ބަލައިނުގަންނަ ސަފީރެކެވެ.