Roadha Mihaaru
ވެރިކަން ހަވާލުކުރާނީ އާ އިންތިޚާބަކަށް ފަހު: ސިފައިން

ވެރިކަން ހަވާލުކުރާނީ އާ އިންތިޚާބަކަށް ފަހު: މިއަންމާ ސިފައިން

01 ފެބުރުއަރީ 2021

ނޭ ޕީ ޓޯ (ފެބްރުއަރީ 1) - މިއަންމާގައި މިހާރު ހިންގާފައިވާ އެއް އަހަރު ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ބާއްވާ އާ އިންތިޚާބަކުން މޮޅުވާ ބަޔަކަށް ވެރިކަން ހަވާލު ކުރާނެ ކަމަށް އެ ގައުމުގެ ސިފައިން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޭ ޕީ ޓޯ (ފެބްރުއަރީ 1) - މިއަންމާގައި މިހާރު ހިންގާފައިވާ އެއް އަހަރު ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ބާއްވާ އާ އިންތިޚާބަކުން މޮޅުވާ ބަޔަކަށް ވެރިކަން ހަވާލު ކުރާނެ ކަމަށް އެ ގައުމުގެ ސިފައިން މިއަދު ބުނެފި އެވެ.

މިއަންމާގެ އަސްކަރިއްޔާ އިން މިއަދު ވަނީ ބަޣާވާތެއް ގެނެސް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އާއި ސިޔާސީ އެހެން ފަރާތްތައް ހައްޔަރުކޮށްފަ އެވެ. ސިފައިން ބަޣާވާތް ކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުން ގޮނޑި ކާމިޔާބުކޮށްފައި ވަނިކޮށެވެ. ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުން އެންއެލްޑީ ވަނީ 83 ޕަސެންޓް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ސިފައިން ވަނީ އިންތިޚާބުގެ ނަތީޖާއާ މެދު މައްސަލަ ޖައްސައި އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައިފަ އެވެ.

"ހަގީގީ މަލްޓި-ޕާޓީ ޑިމޮކްރެސީއާ އެއްގޮތަށް ހުރިހާ ޕާޓީތަކަށް ވެސް އިންސާފުވެރިކަމާ އެކު އަޅުގަނޑުމެން އިންތިޚާބު ބާއްވާނަން،" މިއަންމާ ސިފައިންގެ ފޭސްބުކް ޕޭޖުގައި މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިފައިން ބުނީ އެއް އަހަރު ފަހުން ބާއްވާ އިންތިޚާބުން މޮޅުވާ ޕާޓީއަކަށް ބާރުތައް ހަވާލު ކުރާނެ ކަމަށެވެ.

އަނެއްކޮޅުން ސޫކީ ވަނީ މިއަންމާގެ ރައްޔިތުން ބަޣާވާތާ ދެކޮޅު ހެދުމަށް ގޮވާލައްވައިފަ އެވެ. ބަޣާވާތް ގެނައުމަށް ފަހު ސިފައިން ވަނީ އެ ގައުމުގެ މުވާސަލާތީ ގިނަ ޚިދުމަތްތައް ކަނޑާލައިފަ އެވެ.

މިއަންމާގައި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް 2011 ވަނަ އަހަރު ގެންނަން ފެށުމުގެ ކުރިން އެ ގައުމުގައި ވެރިކަން ކުރީ ސިފައިންނެވެ. ނޮވެމްބަރު މަހު ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ ފަހުން ދެ ވަނަ އިންތިޚާބެވެ. ނޮވެމްބަރު 2015 ގައި މިއަންމާގައި ބޭއްވި އިންތިޚާބުން ސޫކީގެ އެންއެލްޑީ ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ނަމަވެސް ސޫކީ އަށް ވެރިކަމަށް ވަޑައިނުގެންނެވުނީ އެކަމަނާގެ ދެ ދަރިކަލުން ބޭރު ގައުމެއްގެ ރަށްވެހިކަން އޮންނާތީ އެވެ. ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ސްޓޭޓް ކައުންސެލާގެ ހައިސިއްޔަތުން މިއަންމާގެ ލީޑަރެއްގެ ގޮތުގައި ސޫކީ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު މިއަންމާ ސަރުކާރުން އަމަލު ކުރި ގޮތުން ސޫކީގެ އަގު ވަނީ މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ވެއްޓިފަ އެވެ.