Roadha Mihaaru
މުޒާހަރާކުރުމުން މޮޑެލްއަކު ތިން އަހަރަށް ޖަލަށް

މުޒާހަރާއެއްގައި ބައިވެރިވި މިއަންމާގެ މޮޑެލްއަކު ތިން އަހަރަށް ޖަލަށް

29 ޑިސެމްބަރ 2021

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ ސިފައިން ގެނައި އަސްކަރީ އިންގިލާބުގައި ވެރިކަން ވައްޓާލުމުން، އެކަމާ ދެކޮޅަށް މުޒާހަރާކުރި މައްސަލައެއްގައި އެ ގައުމުގެ މަޝްހޫރު މޮޑެލް އަދި އެކްޓަރު ޕައިންގް ޓާކޯން ތިން އަހަރަށް ޖަލަށް ލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ ސިފައިން ގެނައި އަސްކަރީ އިންގިލާބުގައި ވެރިކަން ވައްޓާލުމުން، އެކަމާ ދެކޮޅަށް މުޒާހަރާކުރި މައްސަލައެއްގައި އެ ގައުމުގެ މަޝްހޫރު މޮޑެލް އަދި އެކްޓަރު ޕައިންގް ޓާކޯން ތިން އަހަރަށް ޖަލަށް ލައިފި އެވެ.

އިންގިލާބާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ފާޅުކަން ބޮޑުކޮށް ތަކުރާރުކޮށް ފާޑުކިޔަމުން ދިއުމާ ގުޅިގެން 25 އަހަރުގެ މޮޑެލް ހައްޔަކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު ސިފައިން ޕައިންގް ހައްޔަރުކޮށްގެން ގެންދިޔައީ އޭނާގެ ގެ ކައިރި ރެއިޑް ވެސް ކުރުމަށް ފަހު އެވެ. އޭނާ ހައްޔަރު ކުރިތާ ގާތްގަނޑަކަށް 10 މަސް ފަހުން ތިން އަހަރަށް ޖަލަށްލުމާ ގުޅިގެން އެކަން އިސްތިއުނާފު ކުރުމާ މެދު އާއިލާ އިން މިހާރު އަންނަނީ ވިސްނަމުންނެވެ.

މިކަމާ ބެހޭ ގޮތުން ޕައިންގްގެ ވަކީލު ކިން މައުން މީންޓް ވިދާޅުވީ ބޭއިންސާފުން ޖަލަށްލި މައްސަލަ އިސްތިއުނާފު ކުރުމާ މެދު އާއިލާ އިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ގިނަ ބަޔަކު ފޮލޯކުރާ އަދި މިއަންމާގެ އެންމެ ކާމިޔާބު 10 އެކްޓަރުންގެ ތެރޭގައި ވެސް ހިމެނޭ ޕައިންގް ތިން އަހަރަށް ޖަލަށްލި މައްސަލާގައި ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ކުރި ވަރުގަދަ މުޒާހަތަކުގައި އާންމުންގެ ތެރެއިން އެތައް ބަޔަކު މަރާލައި އެތައް ހާސް ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އޭގެ ތެރޭގައި 2019 ގައި ބޭއްވި "މިސް ޔުނިވާސް މިއަންމާ" ގެ ހަތަރު ވަނަ ހޯދި ތުން ޕަލާލް ޔަދަނާރް ވެސް ހިމެނެ އެވެ.

އަސްކަރީ އިންގިލާބާ ގުޅިގެން މިއަންމާގައި 1،170 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، ހައްޔަރުކުރި މީހުންގެ އަދަދު 7،350 އަށް ވުރެ ގިނަ އެވެ. އަދި ގިނަ ބަޔަކަށް ދައުވާތައް އުފުލައި، ބައެއް މީހުން ޖަލަށް ލާފައިވާ ކަމަށް އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ) އިން ބުންޏެވެ.