Roadha Mihaaru
މިޔަންމާގައި ހަތަރު މީހަކަށް މަރުގެ އަދަބު ދީފި

މިޔަންމާގެ އަސްކަރީ ސަރުކާރުން ހަތަރު މީހަކަށް މަރުގެ އަދަބު ދީފި

25 ޖުލައި 2022

މިޔަންމާގައި ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރުން، އެ ގައުމުގެ ޑިމޮކްރެސީ ހަރަކާތްތެރިންގެ ގޮތުގައި ފާހަގަކުރެވޭ އިސް ހަތަރު މީހަކު މަރާލައިފި އެވެ. މިއީ އެތައް އަހަރަކަށް ފަހު، އެ ގައުމުގައި މަރުގެ އަދަބު ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ.

މިޔަންމާގައި ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރުން، އެ ގައުމުގެ ޑިމޮކްރެސީ ހަރަކާތްތެރިންގެ ގޮތުގައި ފާހަގަކުރެވޭ އިސް ހަތަރު މީހަކު މަރާލައިފި އެވެ. މިއީ އެތައް އަހަރަކަށް ފަހު، އެ ގައުމުގައި މަރުގެ އަދަބު ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ.

މަރައިލި ހަތަރު މީހުންނަކީ، ގާނޫނީ ވަކީލު ފިޔޯ ޒޭޔާ ތޯ އާއި ލިޔުންތެރިޔާ އަދި ޑިމޮކްރެސީގެ ހަރަކާތްތެރިޔާ ކިޔީ މިން ޔޫ (ކޯ ޖިމީ) އާއި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގައި އިސްކޮށް ހަރަކާތްތެރިވާ މިޔޯ އައުންގް އާއި އައުންގް ތުރާ ޒޯ އެވެ. މިމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ ޓެރަރިޒަމްގެ ކުށްތަކެއް ކުރި ކަމުގެ ތުހުމަތު އަޅުވައި، އަސްކަރީ ކޯޓުގައި ޝަރީއަތް ކުރުމަށް ފަހު ކޯޓުން މަރުގެ ހުކުމް އިއްވުމުންނެވެ.

އެމީހުންގެ މައްޗަށް އަސްކަރީ ކޯޓުން މަރުގެ ހުކުމް އިއްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެމީހުންނަށް ލިބިގެންވާ އިސްތިއުނާފު ކުރުމުގެ މުއްދަތު، މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ހަމަވެފަ އެވެ. އެ ހުކުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޑު އުފުލަން ފެށުމުން، މަރުގެ ހުކުމް ތަންފީޒުކުރުން މަޑު ޖައްސައިލުމަށް ފަހު، އެމީހުން މަރައިލީ ކޮން ދުވަހު، ކޮން ގޮތަކަށް ކަމެއް، މިޔަންމާގެ އަސްކަރީ ސަރުކާރުން ނުބުނެ އެވެ.

މަރައިލި ހަތަރު މީހުންގެ އާއިލާތަކުން ބުނި ގޮތުގައި، އެމީހުން މަރައިލި ކަމުގެ ރަސްމީ އެއްވެސް ޚަބަރެއް އެ އާއިލާތަކަށް ނުލިބެ އެވެ. އެހެންކަމުން، އެމީހުންނާ މެދު ކަންތައް ކުރި ގޮތް އޮޅުން ފިލުވައިދިނުމަށް އެދި، އެ ހަތަރު މީހުންގެ އާއިލާގެ ބައެއް މެމްބަރުން ވަނީ ރަސްމީކޮށް މިޔަންމާ ސަރުކާރަށް ހުށަހަޅައިފަ އެވެ.

މިޔަންމާގައި މަރުގެ ހުކުމް އިއްވައި މަރައިލި ހަތަރު މީހުންގެ ތެރޭގައި ހިމެނޭކިޔޯ މިން ޔޫ

މިޔަންމާގައި މަރުގެ ހުކުމް އިއްވައި މަރައިލި ހަތަރު މީހުންގެ ތެރޭގައި ހިމެނޭކިޔޯ މިން ޔޫ

މީގެ ކުރިން މިޔަންމާގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ހާލަތްތަކުގައި، މަރައިލެވޭ މީހުންގެ ހަށިގަނޑުތައް އެމީހުންގެ އާއިލާތަކާ ހަވާލުކުރެ އެވެ. ނަމަވެސް މިހާރު ވެރިކަންކުރާ އަސްކަރީ ޖެނެރަލުން ނިންމާފައިވަނީ، ކޮން ގޮތަކަށް ކަމެއް ސާފުނުވާ ކަމަށް ވެސް، އާއިލާތަކުން ބުނެ އެވެ.

މިޔަންމާގައި މީގެ ކުރިން އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1988 ވަނަ އަހަރުގެ ތެރޭގަ އެވެ. މިދިޔަ 34 އަހަރުގެ ތެރޭގައި މިޔަންމާގައި މަރުގެ ހުކުމެއް ތަންފީޒުނުކޮށް އޮތުމަށް ފަހު، އަނެއްކާ ވެސް މަރުގެ ހުކުމް ތަންފީޒުކުރަން މިފެށީ، ސިފައިން އެ ގައުމުގެ ވެރިކަމާ ހަވާލުވުމަށް ފަހު އެވެ.

ރައްޔިތުން ވޯޓުލައިގެން ޑިމޮކްރެސީގެ ހަމަތަކުގެ މަތިން، މިޔަންމާގައި ގާއިމުކޮށްފައި އޮތް ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ސިފައިން ބަޣާވާތްކޮށް ވެރިކަން ވައްޓައިލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މިޔަންމާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީގެ ފަރާތުން ސްޓޭޓް ކައުންސެލާ އޮފް މިޔަންމާ (ބޮޑުވަޒީރު)ގެ މަގާމުގައި ހުންނެވި އަންގް ސަންގް ސޫކީގެ ވެރިކަން ވައްޓާލައި ސިފައިން އޭނާ ހައްޔަރުކުރީ ފެބްރުއަރީ 1، 2021ގަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ވެރިކަމަށް ފައި ނަގަން ފެށީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު އެ ގައުމުގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަންގް ސަންގް ސޫކީ ހައްޔަރުކުރުމަށް ފަހު، މިޔަންމާގެ އަސްކަރީ ސަރުކާރުން އޭނާގެ މައްޗަށް އެތައް ދައުވާއެއް އުފުލައި ޝަރީއަތް ހިންގި އެވެ.

މިހާރު ވެސް އެތައް ކުށެއްގެ ޝަރީއަތް ކުރިއަށް ތާވަލުކޮށްފައި އޮތް އިރު، އޭނާގެ މައްޗަށް މިހާތަނަށް 13 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވެ އެވެ. އެއީ ކޮރަޕްޝަންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމަކާއި، ހުއްދަ ނޫން މުވާސާލާތީ އާލާތްތަކެއް ގެންގުޅުމާއި ކޮވިޑާ ދެކޮޅު ފިޔަވަޅުތަކާ ޚިލާފުވުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމަކާއި، އިތުރު ތަފާތު ކުށްތަކުގައި ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.