08 ނޮވެމްބަރ 2023
މުޅި ދުނިޔެ މިހާރު ގޮވަމުން އަންނަނީ، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިލުމަށެވެ. އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ އެމެރިކާ އިން ވެސް އިއްޔެ ގޮވާލާފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން ހަމަލާތައް މެދުކަނޑައިލުމަށެވެ.
މުޅި ދުނިޔެ މިހާރު ގޮވަމުން އަންނަނީ، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިލުމަށެވެ. އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ އެމެރިކާ އިން ވެސް އިއްޔެ ގޮވާލާފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން ހަމަލާތައް މެދުކަނޑައިލުމަށެވެ.
ނަމަވެސް އޮކްޓޫބަރު 11، 2023 ގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރެއްވި ހަނގުރާމައިގެ ކެބިނެޓުން ބުނަނީ، ހަނގުރާމަ ހުއްޓައިނުލާނެ ކަމަށެވެ. ހަނގުރާމައިގެ ކެބިނެޓްގައި ހިމެނެނީ ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޮއާފް ޣަލާންތު އާއި އިޒްރޭލު ސިފައިންގެ ކުރީގެ އެންމެ އިސް ވެރިޔާ އަދި މިހާރު ވަކި ވުޒާރާއެއް ނެތި ވަޒީރެއްގެ މަގާމުގައި ހުންނެވި، ބެނީ ގާންޓްޒް އެވެ.
ހަނގުރާމައިގެ ކެބިނެޓުން އިއްޔެ ބުނި ގޮތުގައި އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުމަކަށް އަންނާނީ ހަމާސް ޖަމާއަތުގެ ލީޑަޝިޕްގެ ވަސް ފޮހެލުމަށް ފަހު އެވެ. ވަކިން ޚާއްސަ ގޮތެއްގައި ހަމާސްގެ ޣައްޒާ ގޮފީގެ ސިޔާސީ އެންމެ އިސް ވެރިޔާ ޔަހްޔާ އައްސިންވާރުގެ ދުވަސް ދުއްވައިލުމަށް ފަހު އެވެ.
ޣައްޒާގައި ހުންނަވާ ހަމާސްގެ އެންމެ އިސް ލީޑަރުގެ މަގާމަށް ސިންވާރު އައްޔަންކުރީ 2017 ވަނަ އަހަރު އެވެ. އިޒްރޭލުން ގަބޫލުކުރާ ގޮތުގައި އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ ޔަހޫދީ ދައުލަތް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކުއްލި ހަމަލާގެ އިސް މޭސްތިރިއަކީ ސިންވާރެވެ.
އެހެންކަމުން، މިހާރު ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލާނީ، ހަމާސްގެ އިސް ހުރިހާ ވެރިން ދުނިޔެ އިން ނައްތާލައިފަ އެވެ. އޭގެ ތެރެއިން ވެސް އިޒްރޭލުން ފާހަގަކުރާ ކާލާ މަންނައަކީ ސިންވާރެވެ.
އިޒްރޭލުގެ ދާޚިލީ ޖާސޫސީ އިދާރާ ޝަބާކް (ޝިން ބެއިތު) އާއި ޚާރިޖީ ޖާސޫސީ އިދާރާ މޮސާޑް އަދި އަމަން (އަސްކަރީ ޖާސޫސީ އިދާރާ)ގެ އޭޖެންޓުން ސިންވާރަށް ބިސްމަޅި ދުއްވާތާ މިހާރު އެތައް އަހަރެކެވެ. އެކަމުގައި އިޒްރޭލަށް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ހައްޔަރުކޮށްގެން އެތައް އަހަރެއް ވަންދެން އިޒްރޭލުގެ ޖަލުތަކުގައި ގެންގުޅުނު އިރުވެސް، އޭނާގެ ދުވަސް ދުއްވައިނުލެވުނީތީ އެވެ.
އިޒްރޭލު ސިފައިންގެ ވަކިތަކުގައި ސިންވާރު އެންމެ ފުރަތަމަ ތާށިވީ 1982 ވަނަ އަހަރު އެވެ. ހަތަރު މަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި އެވެ. އޭގެ ފަހުން އަލް މަޖްދުގެ ނަމުގައި، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް މަސައްކަތް ކުރާ އަސްކަރީ ގޮތްޕެއް އުފެއްދުމުގެ ތުހުމަތުގައި 1985 ވަނަ އަހަރު ހައްޔަރުކޮށް އަށް މަސްދުވަހު ޖަލުގައި ބޭއްވި އެވެ.
އޭގެ ފަހުން ވެސް ސިންވާރުގެ އަމަލުތައް ހުއްޓައިނުލުމުން، އިޒްރޭލު ސިފައިން މެރުމުގެ ކުށުގައި 1988 ވަނަ އަހަރު ހައްޔަރުކޮށް، އުމުރަށް ޖަލަށް ލުމުގެ ހަތަރު ހުކުމް (100 އަހަރު) އިއްވައި ޖަލުގައި ހައްޔަރުކުރި އެވެ. އޭރު ސިންވާރުގެ އުމުރަކީ އެންމެ 26 އަހަރެވެ. އެހެންކަމުން، އެ ހުކުމްގައި ދެމިހުރި ނަމަ، އޭނާ މަރުވެގެން ދާނީ ވެސް އިޒްރޭލުގެ ޖަލުގަ އެވެ.
ސިންވާރު ޖަލުގައި ހުރި ނަމަވެސް، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅު ހަރަކާތްތައް ޣައްޒާގައި ހުއްޓުމަކަށް ނާދެ އެވެ. އޭގެ ތެރެއިން ޖޫން 25، 2006 ގައި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ހަމަލާ ވެގެން ދިޔައީ ސިންވާރު ހުރި ޖަލު ގޮޅީގެ ތަޅުދަނޑިއަށެވެ.
އެ ދުވަހު، ޣައްޒާގެ ދެކުނު ކޮޅުން އިޒްރޭލުގެ ތެރެއަށް ކޮނެފައި އޮތް ބިންގަރާހެއްގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ނުކުމެ، އިޒްރޭލު ސިފައިންގެ ޗެކް ޕޯސްޓަކަށް ކުއްލި ހަމަލާއެއް ދީ ސިފައިންގެ ދެ މީހަކު މަރައިލި އެވެ. އަދި ޒަޚަމްވި ސިފައިންގެ ދެ މީހުންގެ ތެރެއިން ގިލާދު ޝަލީތު ކިޔާ މީހަކު ހައްޔަރުކޮށް، ބިންގަރާހުގެ ތެރެއިން ޣައްޒާ އަށް ގެންގޮސް ރަހީނުކުރި އެވެ.
އެ ދުވަހުން ފެށިގެން، އޭނާ ހުރި ތަނެއް ހޯދައި މިނިވަންކުރުމަކީ، އިޒްރޭލު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އޭރު ވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ނަތަންޔާހޫ އިއުލާން ކުރެއްވި އެވެ. އިޒްރޭލުގެ ފިއްތުންތަކާ އެކު، ގިލާދު ހުރި ތަނެއް ހޯދުމަށް، އަރަބި ގައުމުތަކުންނާއި ހުޅަނގުގެ ގައުމުތަކުން، ރެޑް ކްރޮސް މެދުވެރިކޮށް ކުރި މަސައްކަތުން ވެސް ނަތީޖާއެއް ނުނެރެވުނެވެ.
ސިފައިންގެ އެންމެ މީހަކު އަސީރަކަށް ވުމުން އިޒްރޭލު ނޭވާ ހާސްވެގެން އުޅެން ފެށި އިރު، އޭރު ވެސް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ދެ ހާހެއްހާ މީހުން ހައްޔަރުކޮށްފައި ތިއްބެވެ. އޭގެ ތެރެއިން ވަރަށް މަދު މީހެއްގެ މައްޗަށް ނޫނީ ޝަރީއަތެއް ހިންގައި ހުކުމެއް އިއްވާފައި ވެސް ނެތެވެ.
ގިލާދު މިނިވަންކުރުމަށް ޚާއްސަ އިސްކަމެއް ދީގެން އިޒްރޭލުން ޣައްޒާގައި އަސްކަރީ ހަރަކާތްތައް ހިންގާތާ ފަސް އަހަރު ވެގެން ދިޔައިރު ވެސް، އޭނާގެ ނިޝާނެއް ނުފެނުމުން، އަސީރުން ބަދަލުކުރުމުގެ ވާހަކަތައް ފެށުމަށް އިޒްރޭލުން ނިންމި އެވެ. މިސްރާއި ޖަރުމަން ވިލާތް މެދުވެރިއަކަށް ވެގެން ހަމާސް އާއި އިޒްރޭލާ ދެމެދު ދެކެވުނު ވާހަކަތަކުގައި އެއްބަސްވެވުނީ، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންނާއި އިޒްރޭލުގެ އަރަބި ރައްޔިތުންގެ ތެރެއިން 1027 ގައިދީއަކު މިނިވަން ކުރުމުގެ ބަދަލުގައި ގިލާދު އިޒްރޭލާ ހަވާލު ކުރުމަށެވެ.
ހަމާސް އިން މިނިވަންކުރަން އެދުނު 1027 ގައިދީންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިންވާރުގެ ނަމެވެ. ގިލާދު ރަހީނުކޮށްފައި ހުންނަތާ ފަސް އަހަރާއި ހަ މަސް ފަހުން، އަދި ސިންވާރު ޖަލު ހުކުމް ތަންފީޒުކުރާތާ 22 އަހަރާއި މަސްތަކެއް ފަހުން، އޮކްޓޫބަރު 11، 2011 ގައި ހަމާސް އާއި އިޒްރޭލުން މިސްރުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސިންވާރު މިނިވަންކޮށް، ގިލާދު އިޒްރޭލާ ހަވާލުކުރި އެވެ.
ސިންވާރު މިނިވަންކުރުމަށް ފަހު އިޒްރޭލުން ދުށީ އޭނާއަކީ މިހާރު މާ ބޮޑު ނުރައްކަލެއް ނޫން ކަމަށެވެ. އަދި އުމުރުގެ ބާކީ ދުވަސްތައް އޭނާ ހޭދަކުރައްވާނީ، އިޒްރޭލުގެ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރި ވޭންތަކާ ބެހޭ ގޮތުން ފޮތްތައް ލިޔުއްވުމުގަޔާއި ޑައިރީ ލިޔުއްވުމުގައި ކަމަށެވެ.
ޖަލުގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި ސިންވާރު އެންމެ ބޮޑަށް އިސްކަން ދެއްވީ އިބްރީ ބަސް ދަސްކުރެއްވުމަށެވެ. އެ ގޮތުން ޖަލުގައި ތިބި އިބްރީ ބަސް ދަންނަ މީހުންގެ ފަރާތުން އެ ބަސް ދަސްކުރައްވައިގެން، އިބްރީ ބަހުން ހުރި ފޮތްތައް ވިދާޅުވުމުގައި ގިނަ ވަގުތު ހޭދަކުރެއްވި އެވެ. އެ ގޮތުން، އިޒްރޭލުގެ ސިޔާސީ ލީޑަރުން ކަމަށްވާ އިޒްރޭލުގެ ހަ ވަނަ ބޮޑުވަޒީރު މަނާހިމް ބޭގިން އާއި އިސްހާގް ރަބީން ފަދަ ބޭފުޅުންގެ ޒާތީ ސީރަތުތައް ވިދާޅުވި ކަމަށް ފައިނޭންޝަލް ޓައިމްސްގައިވެ އެވެ.
ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުން، ޖަލުގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި ސިންވާރުގެ އަމަލުތައް ހުރި ގޮތާއި އެހެން ގައިދީންނާ އެކުގައި އޭނާ ދެއްކެވި ވާހަކަތަކަށް ބުރަވެ، އިޒްރޭލުގެ ޖާސޫސީ އިދާރާ އިން ނިންމީ، އިޒްރޭލާ ދެކޮޅަށް ތެދުވުމުގެ ރޫހެއް ސިންވާރުގެ ކިބައިގައި ނެތް ކަމަށެވެ. އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ސިންވާރު މިނިވަންކުރުމަށް އިޒްރޭލުން ދެކޮޅު ނުހެދީ އެގޮތަށް ގަބޫލު ކުރެވުމުންނެވެ.
މިސްރުގެ ދީނީ ސިޔާސީ ޖަމާއަތް، އަލް އިޚްވާނުލް މުސްލިމޫން (މުސްލިމް ބްރަދަހޫޑް)ގެ ޣައްޒާ ގޮފީގެ ގޮތުގައި އެފެދުނު ހަމާސް ޖަމާއަތް، އަސްކަރީ ހަރަކާތްތަކަށް ދީލައިލުމުގައި ސިންވާރުގެ ދައުރު ބޮޑެވެ. 1980ގެ އަހަރުތަކުގައި ހަމާސްގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެކަކީ ސިންވާރެވެ.
އިޒްރޭލުގެ ޖަލުގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި ސިންވާރުގެ ކިބައިން ފެނުނު ނިޔަނެތި ކަމާއި މަޑުމައިތިރި ކަމުގެ ނިވަލުގައި އޮތީ، ޔަހޫދީ އަޅުވެތިކަމާ ދެކޮޅަށް އޭނާގެ ހިތުގައި އަނދަމުން ދިޔަ ޒަމާންވީ އަލިފާންގަނޑުގެ ގިނި ކަމެއް އިޒްރޭލުގެ ޖާސޫސުންނަކަށް ވެސް ނޭނގެ އެވެ. އެ ގިނީގެ ހޫނުކަން ފާޅުކުރި ނަމަ، މިއަދު ވެސް އޭނާ ހުންނެވީހީ އިޒްރޭލުގެ ޖަލުގަ އެވެ.
ނަމަވެސް 2011 ވަނަ އަހަރު އިޒްރޭލުގެ ޖަލުން ނުކުމެވަޑައިގެން ޣައްޒާ އަށް އެނބުރި ވަޑައިގަތުމާ އެކު، އިޒްރޭލުގެ ޖާސޫސީ ލޯތަކަށް ސިންވާރު އަނެއްކާ ވެސް ގެއްލުނެވެ. ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ ކޮންމެ ފަހަރަކު، އެކަމުގެ އިސް މޭސްތިރިއަކީ އޭނާ ކަން ހާމަކޮށްދެއްވައި ފާޅުގައި އިޒްރޭލަށް ގޮން ޖައްސަވަމުން ގެންދެވި އިރު ވެސް، އޭނާ އަތުލައިގަތުމުގައި އިޒްރޭލަށް ކާމިޔާބެއް ނުލިބެ އެވެ.
ޖަލުން ނުކުމެވަޑައިގެން ޣައްޒާ އަށް ފޯރުމާއެކު ހަމާސްގެ އެންމެ އިސް ސަފުން ފެންނަން ފެށި އެވެ. އަދި ފެބްރުއަރީ 13، 2017 ގައި ހަމާސްގެ ޣައްޒާ ގޮފީގެ ސިޔާސީ އިސް ވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރުން ވެގެން ދިޔައީ، އިޒްރޭލަށް ލިބުނު ކުއްލި ހައިރާން ކަމަކަށެވެ. އެހެންކަމުން އޭނާ އަވަހާރަކޮށްލުމަށް ސިއްރާއި ފާޅުގައި އިޒްރޭލުން މަސައްކަތް ފެށި އެވެ.
އެގޮތުން މެއި 15، 2021 ގައި، ޚާން ޔޫނުސްގައި ސިންވާރު ދިރިއުޅުއްވާ ގެއަށް އިޒްރޭލު ސިފައިން ރޮކެޓް ހަމަލާތަކެއް ދިނެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން މެއި 17 ވަނަ ދުވަހު ވަގުތުން ދުރަށް ދެއްކި އިންޓަވިއުއެއްގައި، "މި ތަނުން ނުކުމެގެން ގެއަށް ދާނީ ފައިމަގުގައި، އިޒްރޭލު ކުޅަދާނައިއްޔާ ކުރިއަށް އޮތް 60 މިނެޓްގެ ތެރޭގައި ތިމަންނަ މަރާލާ"ށޭ ވިދާޅުވެ އޭނާ އިޒްރޭލަށް ގޮންޖެއްސެވި އެވެ.
އެ އިންޓަވިއުއަށް ފަހު ފައިމަގުގައި ޣައްޒާގެ މަގުތަކުގައި ހިންގަވާފައި ވަޑައިގަންނަވަމުން އެތައް ބަޔަކާ އެކު ސެލްފީ ނަންގަވައި އުޅުއްވި އެވެ. ގަޑިއެއްހާއިރު ފަހުން ގެއަށް ވަޑައިގަތުމާ އެކު، އިޒްރޭލުގެ ލޯތަކަށް އަނެއްކާ ވެސް އޭނާ ގެއްލުނެވެ.
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން