Roadha Mihaaru
އެސްބީއައި އިން ރާއްޖޭގައި ހިދުމަތް ދޭތާ 47 އަހަރު

އެސްބީއައި އިން ރާއްޖޭގައި ހިދުމަތް ދޭތާ 47 އަހަރު

04 ފެބުރުއަރީ 2021

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި ހިދުމަތް ދޭތާ 47 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި ހިދުމަތް ދޭތާ 47 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އެ ބޭންކުގެ ބްރާންޗެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ ފެބްރުއަރީ، 4 1974ގަ އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ހުޅުވި ކޮމާޝަލް ބޭންކެއްގެ ބްރާންޗެވެ.

އެސްބީއައި އިން ބުނި ގޮތުގައި އެ ބޭންކުން ވަނީ މިދިޔަ 47 އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެހެންވެ ދިވެހިންގެ މެދުގައި އެ ބޭންކަށް އޮންނަ އިތުާރު ބޮޑުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ފާއިތުވި އަހަރަކީ އެސްބީއައި އަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. އެގޮތުން، ކޮވިޑްގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކޮށްފައިވާއިރު އެ ބޭންކުގެ މާލޭގެ ބްރާންޗު ހުންނަ އިމާރާތުގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވި އެވެ. ނަމަވެސް މިހާލަތުގައި ވެސް ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދެވުނީތީ ފަހުރުވެރިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެސްބީއައި އިން ވަނީ ރާއްޖޭގައި ދެމުން އަަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު އެ ބޭންކުގެ ރާއްޖެއަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ. "އެސްބީއައި ޔޯނޯ މޯލްޑިވްސް" މި އެޕަކީ ކޮވިޑް-19ގެ ސަބަބުން ގޭގައި ތިބެގެން ހިދުމަތް ހޯދުމަށް އެ ބޭންކުން ތައާރަފުކުރި އެޕެކެވެ.