Roadha Mihaaru
އެސްބީއައިގެ ފައިދާ 52 ޕަސެންޓް ދަށަށް

އެސްބީއައި މާލޭ ބްރާންޗްގެ ފައިދާ މިދިޔަ އަހަރު 52.6 ޕަސެންޓް ދަށަށް ހިނގައްޖެ

27 މެއި 2016

ރާއްޖޭގައި އެންމެ ދުވަސްވީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗަށް މިދިޔަ އަހަރު އިންޓަރެސްޓުން ލިބުނު އާމްދަނީ ދަށްވުމުން، ސާފު ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 52 ޕަސެންޓް ދަށްވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި އެންމެ ދުވަސްވީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗަށް މިދިޔަ އަހަރު އިންޓަރެސްޓުން ލިބުނު އާމްދަނީ ދަށްވުމުން، ސާފު ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 52 ޕަސެންޓް ދަށްވެއްޖެ އެވެ.

އެސްބީއައިގެ މާލޭ ބްރާންޗްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ބްރާންޗަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 327 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެ ބޭންކަށް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 623.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 296 މިލިއަން ރުފިޔާ އެވެ.

އެސްބީއައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލޯނުން އިންޓަރެސްޓް އަދި ފީގެ ގޮތުގައި ލިބިފައި ވަނީ 289.2 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ލިބިފައި ވަނީ 419.7 މިލިއަން ރުފިޔާ އެވެ. އެ ބްރާންޗަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިފައި ވަނީ 403 މިލިއަން ރުފިޔާ އެވެ. މިއީ 2014 ވަނަ އަހަރު ލިބުނު އަދަދަށް ވުރެ 98 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި ހިންގުމުގެ ހަރަދު ވެސް މިދިޔަ އަހަރު ވަނީ 70.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދިހަ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްބީއައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 127 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 147 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެ ބޭންކުން މިދިޔަ އަހަރު އިންކަމް ޓެކްސްގެ ގޮތުގައި ދެއްކި މިންވަރު ވެސް ވަނީ 27.5 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އޭގެ ކުރީ އަހަރު އިންކަމް ޓެކްސްގެ ގޮތުގައި 180 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އެސްބީއައި މާލޭ ބްރާންޗް ހުޅުވީ ފެބްރުއަރީ 1974، ގަ އެވެ.