Roadha Mihaaru
މިދިޔަ އަހަރު އެސްބީއައިއަށް ލިބުނު ފައިދާ ދަށްވެއްޖެ

އެސްބީއައިއަށް މިދިޔަ އަހަރު ލިބުނު ފައިދާ 109 މިލިއަން ރުފިޔާ ދަށްވެއްޖެ

01 މެއި 2018

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިދިޔަ އަހަރު ރާއްޖެ އިން ލިބުނު ފައިދާ 109.6 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިދިޔަ އަހަރު ރާއްޖެ އިން ލިބުނު ފައިދާ 109.6 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކުން އިއްޔެ އާއްމުކުރި އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 334.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އެ ބޭންކަށް 2016 ވަނަ އަހަރު 443.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްބީއައި މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ނަމަވެސް، ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ކޮންމެ އަހަރަކު ހޯދަނީ އެ ބޭންކުންނެވެ.

އެ ބޭންކަށް މިދިޔަ އަހަރު އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި ޖުމްލަ 415.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ލޯނުން އިންޓަރެސްޓާއި ފީގެ ގޮތުގައި ލިބުނު 327.1 މިލިއަން ރުފިޔާ ހިމެނެ އެވެ. އިންޓަރެސްޓް އިންކަމްއަކީ ބޭންކުން ދޫކުރާ ލޯނާއި އޯވަ ޑްރާފްޓް އަދި އެހެނިހެން ފެސިލިޓީތަކުން އިންޓަރެސްޓްގެ ގޮތުގައި ލިބޭ ފައިދާ އެވެ.

އެސްބީއައި އިން ހާމަކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 100 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ރާއްޖޭގައި ތިން ބްރާންޗް ހިންގާ ބޭންކުން ނެގި ލޯނުތައް ފައިސާ ނުދައްކައިގެން 23 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.