Roadha Mihaaru
ބޭންކުތައް ހުޅުވާލުމާ އެކު ކިޔޫތައް ދަމާލައިފި

ބޭންކުތައް ހުޅުވާލުމާ އެކު ކިޔޫތައް ދަމާލައިފި

02 އެޕްރީލް 2020

ބަންދު ތިން ދުވަހަށް ފަހު، މިއަދު ބޭންކުތައް ހުޅުވާލުމާ އެކު މުޅިން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ!ހުރިހާ ބޭންކެއްގެ ބޭރުގައި ކިޔޫތައް ދަމާލިއިރު، އެންމެން ވެސް މި ވަނީ ސޯޝަލް ޑިސްޓެންސިން ހަނދާން ނެތިފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބަންދު ތިން ދުވަހަށް ފަހު، މިއަދު ބޭންކުތައް ހުޅުވާލުމާ އެކު މުޅިން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ!ހުރިހާ ބޭންކެއްގެ ބޭރުގައި ކިޔޫތައް ދަމާލިއިރު، އެންމެން ވެސް މި ވަނީ ސޯޝަލް ޑިސްޓެންސިން ހަނދާން ނެތިފަ އެވެ.

ސަރުކާރު ބަންދު ވުމުގެ ސަބަބުން ބޭންކުތައް ހުޅުވަން ނިންމީ މި ހަފްތާގެ ހޯމަ އާއި ބުރާސްފަތި ދުވަހު އެކަންޏެވެ. ނަމަވެސް ހޯމަ ދުވަހު ބޭންކުތައް ހުޅުވުމުން ހިދުމަތް ހޯދަން ދިޔަ މީހުންނަށް ވުރެ މިއަދު ހިދުމަތް ހޯދަން އެއްވި މީހުންގެ އަދަދު އިތުރުކަން ފާހަގަ ކުރެވެ އެވެ. އޭގެ އެއް ސަބަބަކީ ލޯނުތައް ފަސްކުރުން މިއަދު ހުޅުވާލުމާއި ވަރަށް ގިނަ އަމިއްލަ މީސްމީހުންގެ މުސާރަތައް ވެސް މިއަދު ޖަމާކުރަން ޖެހުމެވެ. މީގެ އިތުރުން ބޭންކްތަކަށް އަމިއްލަ އަށް ގޮސްގެން ހޯދަން ޖެހޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

ބޭންކުތައް ހުޅުވުމުގެ އެއް ގަޑިއިރު ކުރިން ފެށިގެން ގިނަ ބަޔަކު ވަނީ ބޭންކުތަކުގެ ބޭރުގައި ކިޔޫ ހަދައިފަ އެވެ. މީހުން ކިޔޫ ހަދައިފައިވަނީ ހުރިހާ ބޭންކެއްގެ ވެސް ކަސްޓަމާ ސާވިސް ހިދުމަތް ދޭ ބްރާންޗުތަކުގަ އެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރާއި އެމްއައިބީގެ މައި އޮފީސް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯން ހިިމެނެ އެވެ.

އެންމެ ގިނަ ބަޔަކު އެއްވެފައިވަނީ ބޭންކް އޮފް ސިލޯން ކައިރިއަށެވެ. ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ މި ކިޔޫ ފޮރިން މިނިސްޓްރީ ބިލްޑިންއާ ހަމައަށް އެބައޮތެވެ. ހުރިހާ ބޭންކެއް ކައިރީގައި ވެސް މީހުން އެއްވެގެން ތިބީ ސޯޝަލް ޑިސްޓެންސަށް ބެލުމެއް ނެތި ކައިރި ކައިރީގަ އެވެ.

ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ އެތެރެއާއި ބޭރު ވެސް ވަނީ ފުރާލާފައި- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ އެތެރެއާއި ބޭރު ވެސް ވަނީ ފުރާލާފައި- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

ބައެއް މީހުން މާސްކް އަޅައިގެން ތިބި ނަމަވެސް މި ދަނޑިވަޅު ސޯޝަލް ޑިސްޓެންސް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ސޯޝަލް ޑިސްޓެންސަކީ ދެ މީހުންގެ ދޭތެރޭގައި އެންމެ ކައިރިވެގެން ވެސް ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ.

ބޭންކުތަކަށް މިއަދު އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މީހުން ގިނަ ވުމުގެ ސަބަބުން އެނބުރި ގެއަށް ގޮސްފަ އެވެ. މީގެ ތެރެއިން މީހަކު ބުނިގޮތުގައި މި ވަގުތު ބޭންކުތަކަށް ދިއުން އެންމެ ރަނގަޅީ ކޮންމެހެން ހިދުމަތް ހޯދަން ޖެހޭ މީހުންނެވެ. ނަމަވެސް އޮންލައިންކޮށް ހޯދޭ ހިދުމަތްތައް ހޯދުމަށް ވެސް މީހުން ކިޔޫގައި ޖެހިގެން ތިބި ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭން ކޮވިޑް-19 ގެ 19 ކޭސް ރާއްޖެއިން ފެނިފައިވާއިރު ހާލަތު ރަނގަޅުވަންދެން ގޭގައި ތިބުމަށާއި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މަގުމައްޗަށް ނުކުތުން ވެސް ވަނީ މަނާ ކޮށްފަ އެވެ. މި އެންގުމާ ހިލަފުވާ ކޮންމެ މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.