Roadha Mihaaru
ސުޕްރީމް ކޯޓުން ވެސް ޝީޝާ ތިން ބެއިންނަށް ކާމިޔާބު

ސުޕްރީމް ކޯޓުން ވެސް ޝީޝާ ތިން ބެއިންނަށް ކާމިޔާބު

12 ޖޫން 2018

ޝީޝާ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައި އެކައުންޓަކުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގި މައްސަލައިގައި މިހާތަނަށް ނުލިބި އޮތް 13 މިލިއަން ރުފިޔާ އަށް އެސްބީއައި އިން ޒިންމާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝީޝާ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައި އެކައުންޓަކުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގި މައްސަލައިގައި މިހާތަނަށް ނުލިބި އޮތް 13 މިލިއަން ރުފިޔާ އަށް އެސްބީއައި އިން ޒިންމާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ޝީޝާގެ ތިން ބެއިން ކަމަށްވާ އަހުމަދު ހަސަން މަނިކާއި އިބްރާހީމް ހުޝާމާއި ހުސައިން ހުޝާމްގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި ހުރި ޖޮއިންޓް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ނަގާފައިވަނީ 2011 ވަނަ އަހަރު އެވެ. ވަގު ލިޔުންތަކެއް ބޭނުން ކޮށްގެން ދެ ފަހަރެއްގެ މަތިން އެ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގައި، އެހެން އެކައުންޓަކަށް ވަނީ ޓްރާންސްފާ ކޮށްފަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ގެއްލުނު ފައިސާގެ ތެރެއިން އެހާތަނަށް ނުލިބި އޮތް 13.5 މިލިއަން ރުފިޔާއަކީ އެސްބީއައި އިން ޝީޝާ ތިން ބެއިންނަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ. ހައި ކޯޓުގެ އެ ހުކުމް އެސްބީއައި އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިއަދު ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ، އޮޅުވާލައިގެން ފައިސާ ނެގުމުގެ އެ މުއާމަލާތުގައި އެސްބީއައި އިން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ތިން ބެއިންގެ އެކައުންޓުން ދެ ފަހަރެއްގެ މަތިން އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރީ އެސްބީއައި އަށް ލިބުނު ދެ ފެކްސަކަށް ބިނާކޮށްގެން ކަމަށް ވާއިރު، އެ ފެކްސްގައިވާ ނަމާއި ސޮއި ދިމާ ނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެސްބީއައި އިން ފައިސާ ޓްރާންސްފާ ކުރީ އެ ކަންކަމަށް ސަމާލުކަން ދިނުމެއް ނެތި ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ފާހަގަ ކޮށްފައިވެ އެވެ.

ގެއްލުނު 18 މިލިއަން ރުފިޔާގެ އިތުރުން އެކަމުގެ ސަބަބުން ވިޔަފާރި އަށް ލިބުނު ގެއްލުމުގެ ބަދަލަށް އިތުރު 4.5 މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް ޝީޝާ ތިން ބެއިންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. ސަބަބަކީ ފައިސާ ގެއްލުނީ ތިން ބެއިންގެ އަމިއްލަ ނަމުގައި އޮތް އެކައުންޓަކުން ކަމަށް ވެފައި، އެ ފައިސާ ގެއްލުމުން ފަރުދީ ގޮތުން އެ ތިން ބެއިންނަށް ގެއްލުންތަކެއް ވެފައިވާ ކަން ހިސާބުތަކުން އެނގެން ނެތުމެވެ. އަދި ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަނީ ޝީޝާ ކުންފުނިން ކަމަށް ވާ އިރު، ކުންފުންޏާ ބެހޭ ގާނޫނު އޮތް ގޮތުން ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އޮންނަ ޝަހްސެއް ކަން ވެސް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މަކަރާއި ހީލަތުގެ އެ މައްސަލާގައި އެސްބީއައިގެ ބައެއް މުވައްޒަފުންނާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ ވެސް އުފުލި އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.