Roadha Mihaaru
ހީލަތުން ނެގި 18 މިލިއަން: އެކަކު ކުށްވެރިވެއްޖެ

ޝީޝާގެ ވެރިންގެ އެކައުންޓުން އޮޅުވާލައިގެން 18 މިލިއަން ނެގި މައްސަލަ: އެކަކަށް ކުށް ސާބިތުވެއްޖެ

15 އޯގަސްޓް 2022

ޝީޝާ ތިން ބެއިންގެ ޖޮއިންޓް އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ބަޔަކު ނެގި މައްސަލާގައި ސަލާމަތްވެފައިވާ މީހެއްގެ މައްޗަށް ހައި ކޯޓުގައި ކުށް ސާބިތުވެއްޖެ އެވެ.

ޝީޝާ ތިން ބެއިންގެ ޖޮއިންޓް އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ބަޔަކު ނެގި މައްސަލާގައި ސަލާމަތްވެފައިވާ މީހެއްގެ މައްޗަށް ހައި ކޯޓުގައި ކުށް ސާބިތުވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން 2011 ވަނަ ބަޔަކު 18 މިލިއަން ރުފިޔާ ނެގީ ފޯޖްކޮށްފައިވާ ސޮޔެއް ހިމެނޭ ލިޔުމެއް ބޭނުންކޮށްގެންނެވެ.

މިއީ ބޭންކަކަށް އޮޅުވާލައިގެން ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ފައިސާ ނެގި މިފަދަ ފުރަތަމަ މައްސަލަ އެވެ.

އެ މައްސަލާގައި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް ކުރި މަކަރާއި ހީލަތުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފޯޖް ލިޔުމެއް ބޭނުންކޮށްގެން ޝީޝާގެ ތިން ބެއިންގެ އެކައުންޓުން އެ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ ޝާހިދާއި އިތުރު މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތް ޖޮއިންޓް އެކައުންޓަކަށް ކަމަށެވެ. އަދި އެ އެކައުންޓަށް ފައިސާ ޖަމާވުމުން ތިން ފަހަރެއްގެ މަތިން އެތައް މިލިއަން ރުފިޔާއެއް އެ އެކައުންޓުން ނެގޭ ގޮތަށް ޗެކް ދޫކޮށް، އެ ފައިސާ ނަގާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޝާހިދާ އެކު ޖޮއިންޓް އެކައުންޓް ހުޅުވާފައިވާ ދެވަނަ މީހާގެ ހެކިބަހަށް ބަލާއިރު، އެ އެކައުންޓް ބޭނުން ނުކުރާތާ އެތައް ދުވަހެއް ފަހުން، އެ އެކައުންޓް ބޭނުން ކުރިޔަސް އެންމެ ރަނގަޅުތޯ ޝާހިދު، އޭނާއާ ސުވާލު ކޮށްފައިވެ އެވެ. އަދި ފަހުން އެ އެކައުންޓުން ފައިސާ ނެގޭ ގޮތަށް ޗެކްތަކެއް ލިޔެގެން ޝާހިދު އެ މީހާ ގާތަށް ދިއުމުން އޭގައި ސޮއިކުރީ ކަމަށް އެ މީހާ ބުނެފައިވާއިރު ދެން ހުރި ހެކިތަކުން ފެންނަ ކަންކަން ދިމާވާ ކަމަށް ހުކުމުގައިވެ އެވެ.

ޝާހިދާ ދެކޮޅަށް ހެކި ހުއްޓާ އޭނާ ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ އެއީ ދައުލަތުގެ ހެކިތަކަށް އިތުރު ބާރެއް ލިބޭ ފަދަ ހަރުދަނާ ގަރީނާއެއް: ހައި ކޯޓް

ހުކުމުގައިވަނީ އެ އެކައުންޓަށް ޖަމާވި ފައިސާ ބޭނުންކޮށްގެން ޝާހިދުގެ ލޯނުތަކެއް އަދާކުރި ކަމަށް އޭނާއާ އެކު އެކައުންޓް ހުޅުވާފައި އޮތް ދެވަނަ މީހާގެ ގާތު އޭނާ ބުނެފައިވާ ކަމަށެވެ. އަދި ޝާހިދުގެ އަމިއްލަ އެކައުންޓް ބޭނުން ނުކޮށް، ޖޮއިންޓް އެކައުންޓަށް އެ ފައިސާ ޖަމާކުރާ ސަބަބާ ބެހޭގޮތުން އެ މީހާ ސުވާލުކުރި ކަމަށް އެ މީހާގެ ހެކިބަހުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޝާހިދުގެ މައްޗަށް ހައި ކޯޓުން އިއްޔެ ހުކުމް އިއްވަނީ

ޝާހިދުގެ މައްޗަށް ހައި ކޯޓުން އިއްޔެ ހުކުމް އިއްވަނީ

ހުކުމުގައިވާ ގޮތުން ޝާހިދުގެ ޖޮއިންޓް އެކައުންޓަށް ފައިސާ ޖަމާވުމުން ޗެކްތަކެއް ދޫކޮށްގެން އެ ފައިސާ ޖަމާކުރީ ޑޮލަރު ގަތުމުގެ ނަމުގައި އެހެން މީހެއްގެ އެކައުންޓަށެވެ. އަދި އެ އެކައުންޓުން ނަގުދުކޮށް އެހެން މީހަކު ފައިސާ ނެގުމުން އޭނާއާ އެކު ޝާހިދު ފުރައިގެން ރާއްޖެއިން ބޭރަށް ދިޔައީ ކަމަށް ހުކުމުގައިވެ އެވެ.

ޝާހިދުގެ ހަނު ހުރުން އޭނާއާ ދެކޮޅަށް

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވާ ގޮތުން އެސްބީއައިއަށް ފޯޖްކޮށްފައިވާ ލިޔުންތަކެއް ފޮނުވީ ޝާހިދު ނޫން ކަމަށް އޭނާ ބުންޏަސް، އެކަން ސާބިތުކޮށްދެވޭ ފަދަ އެއްވެސް ހެއްކެއް ނުދެއްކެ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތައް އޭނާ ދެކޮޅަށް ހުއްޓާ، އޭނާ ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ އެއީ ދައުލަތުގެ ހެކިތަކަށް އިތުރު ބާރެއް ލިބޭ ފަދަ ހަރުދަނާ ގަރީނާއެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ހަނު ހުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވާތީ އެ ހައްގުގެ ބޭނުން ކުރެވޭނެ. ނަމަވެސް ތަހުގީގުން ހެކިތައް ހޯދައި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މުއްތަހަމާ ސުވާލު ކުރުމުން އެ ހެކިތަކުގެ މައްޗަށް ރައްދެއް ނުދީ ހަނު ހުރުމަކީ އެ ހެކިތަކުގެ ސައްހަކަމުގެ މައްޗަށް ޝަރީއަތުން ބުރަދަން ދޭންޖެހޭ ހަރުދަނާ ގަރީނާއެއް. މިއީ ގާނޫނުއަސާސީގައި ބުނާ ހަނު ހުރުމުގެ ހައްގު ހަނިކުރެވޭ ހަނިކުރެވުމެއް ނޫން،" އެ ހުކުމުގައިވެ އެވެ.

ދަށު ކޯޓުން ޝާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުގައި ދެއްކި އެއް ސަބަބަކީ ހަގީގަތް އޮޅުވާލައިގެން އެހެން މީހަކަށް ގެއްލުމެއް ދިނުމުގެ ގޮތުން އޭނާ ކުރި ކަމެއް ނެތް ބުނެ އެވެ. އެކަމަށް ރައްދު ދީ، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ "ވަރަށް ކަން ފަސޭހަކޮށް ބުނެފައިވާ ބުނުމެއް" ކަމަށެވެ.

ރުހުމުގައި ގޭގެއަށް ވަންނަން ކޯޓު އަމުރެއް ބޭނުމެއް ނުވާނެ

އަނެއް ސަބަބެއްގެ ގޮތުގައި ދަށު ކޯޓުން ދެއްކީ ޝާހިދުގެ ގެ ފާސްކުރުމަށް އެ ގެ އަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށް ވާތީ އެ ގެ އިން ހޯދި ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ އެ ގެ އަށް ފުލުހުން ވަނީ ޝާހިދުގެ ހުއްދައާ އެކު ކަމަށް ވާތީ އަމުރު ބޭނުން ނުވާނެ ކަމަށެވެ.

"ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ ވަނުން މަނާވަނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ނުރުހުމުގައި ވަންނަ ވަނުން. އެތަނެއްގައި ދިރިއުޅޭ މީހެއްގެ ރުހުމުގައި ވަންނަ ވަނުން ގާނޫނާއި ޝަރީއަތާ ޚިލާފެއް ނުވާނެ،" ހުކުމުގައިވެ އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އެ ގެއިން ހޯދި ހެކިތަކަކީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، އެ ގެ އަށް ނުވަދެ ހޯދި ހެކިތަކުން ވެސް ޝާހިދުގެ މައްޗަށް ކުށް ސާބިތުވެ އެވެ.

ޝީޝާގެ ތިން ހިއްސާދާރުން --- ފޮޓޯ/ޝީޝާ

ޝީޝާގެ ތިން ހިއްސާދާރުން --- ފޮޓޯ/ޝީޝާ

ޝާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިޔަސް، އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަރުހަލާ އޮންނާނީ ފަހުންނެވެ. އަދި އަދަބު ކަނޑައެޅެންދެން 10 ދުވަހަށް އޭނާ ބަންދުކުރަން ހައި ކޯޓުން އަމުރުކުރި އެވެ.

ޝާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމުމުގެ ކުރިން، ފައިސާ ޖަމާވި އޭނާގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓާ ގުޅޭގޮތުން ބައެއް މައުލޫމާތު ސާފުކުރަން އެ ބޭންކުގެ މުވައްޒަފުން ހައި ކޯޓަށް އިއްޔެ ހާޒިރުކޮށް، ސުވާލުކުރި އެވެ.

އޮޅުވާލުމުގެ މި ބޮޑު މައްސަލައަށް ފަހު ޝާހިދު 2012 ވަނަ އަހަރު ހައްޔަރުކުރީ ސްރީ ލަންކާގައި ހުއްޓާ އިންޓަޕޮލް ރެޑްނޯޓިސް ނެރެގެންނެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް މައްސަލާގައި ހައްޔަރުކުރި އެވެ. އެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތެއް ނުވެ އެވެ.

އެކައުންޓުން ފައިސާ ގެއްލުނު މައްސަލާގައި ޝީޝާ ތިން ބެއިން އެސްބީއައިއާ ދެކޮޅަށް ވެސް ދައުވާކުރި އެވެ. އަދި އެކައުންޓުން ގެއްލުނު ފައިސާގެ ތެރެއިން ނުލިބި އޮތް 13 މިލިއަން ރުފިޔާ އެސްބީއައިގެ ފަރާތުން އެ ތިން ބެއިންނަށް ދޭންޖެހޭނެ ކަމަށް 2018 ވަނަ ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.