Roadha Mihaaru
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ

ދެ ނާޒިމްގެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު އިއްވަނީ

13 ޑިސެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ލި މައްސަލައިގެ ހުކުމް މިއަދު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ލި މައްސަލައިގެ ހުކުމް މިއަދު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މަޖިލީހުުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ކުރީގެ މިނިސްޓަރު ނާޒިމްގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ރިވިއުކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ވަނީ ނިންމައިލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ އެ ދެ މައްސަލައިގެ ހުކުމް އިއްވުމެވެ.

އެ ދެ ބޭފުޅުންގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހަށެވެ.

އެ މައްސަލަ ނިމެންދެން އެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ސުޕްރީމް ކޯޓުން އަންގާފައިވަނީ އެ ދެ ބޭފުޅުން މިހާރު ތިއްބެވީ މިނިވަންކޮށެވެ.

ކުރީގެ މެމްބަރު ނާޒިމް 25 އަހަރަށް ޖަލަށްލާން 2015 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ އެޓޮލްސް މިނިސްޓްރީއަށް ދިދަތަކެއް ހޯދަން ކުރި އިއުލާނަކާ ގުޅިގެން ވަގު އެސްޓިމޭޓްތަކެއް ހުށަހަޅައިގެން އެ މަޝްރޫއު ކާމިޔާބުކުރި ކަމަށް ބުނެ ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާއަކާ ގުޅިގެންނެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ޖަލަށް ލާން ހުކުމްކުރީ އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އޭރު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އޭރު ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު، ދާދި ފަހުން އެ މައްސަލަ ނާޒިމްގެ ފަރާތުން އަލުން ރިވިއުކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމި އެވެ.

ކުރީގެ މެމްބަރު ނާޒިމާއި ކުރީގެ މިނިސްޓަރު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވި ޖަލު ހުކުމާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.