Roadha Mihaaru
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ

އަދީބުގެ ޑީއެންއޭ ފެނުމުން، ނާޒިމްގެ ކުރީގެ ހުކުމަށް އަސަރު ކުރާނެ: ދައުލަތް

27 ނޮވެމްބަރ 2018

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އަސަރު ކުރާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އަސަރު ކުރާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ، ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް އައިސްފައިވާ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން މިއަދު ބޭއްވި ފުރަތަަ އަޑުއެހުމުގަ އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ހިނގަމުން ދިޔައިރު، ޑީއެންއޭ ރިޕޯޓް ހުށަނޭޅީ އޭރު އެ ރިޕޯޓް ލިބިފައި ނުވާތީ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޑީއެންއޭ ރިޕޯޓް ލިބުނީ ނާޒިމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިން ހިނގަމުން ދަނިކޮށް ކަމަށާއި އެކަމަކު ރިޕޯޓު ހުށަހަޅަން ބެލިއިރު، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ޑީއެންއޭގެ ތަހުލީލީ ރިޕޯޓް ސުޕްރީމް ކޯޓަށް އެ ދުވަސްވަރު ހުށަނޭޅުނީ ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ، ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ، ނާޒިމްގެ ޖަލު ހުކުމުގެ މައްސަލައިގައި އިންސާފުވެރި، އަދުލުވެރި ހުކުމެއް އިއްވައި ދިނުމަށެވެ. ނާޒިމްގެ ވަކީލުން އެދުނީ މައްސަލަ ބާތިލްކޮށް ދިނުމަށެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރީ، ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގަ އެވެ.

ނާޒިމްގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނީ، މިއީ އޭނާގެ ސިޔާސީ ހަޔާތް ބަރުބާދު ކުރުމަށްޓަކައި އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ހިންގި ކަމެއް ކަމަށެެވެ.

ނާޒިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ނާޒިމްގެ ކޮޓަރިން ފިސްތޯލާއި ތިން ވަޒަން ފެނިފައިވާއިރު، އެއީ ނާޒިމްގެ އަތުން ފެނުނު އެއްޗެއް ކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. ފިސްތޯލާއި ވަޒަން ފެނުނީ ނާޒިމްގެ ދަބަހުން ކަމަށް ވީ ނަމަވެސް އެ ދަބަހުން ވެސް ނާޒިމްގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ހަސަން ނާޝިދު ވިދާޅުވިގޮތުގައި، ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ނާޒިމްގެ މައްސަލަ ކުރިއަށް ގެންދިޔައިރު، ނާޒިމް ފްރޭމް ކޮށްފައިވާކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް ހުށަހަޅައިފައެއް ނެތެވެ. އަދި، ނާޒިމް ފްރޭމް ކޮށްފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން ވެސް ސާބިތު ކޮށްދީފައި ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނާޒިމްގެ ހުކުމުގެ މައްސަލަ މުރާޖައާ ކުރުމުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު އިއުލާން ކުރެއްވި އެވެ.

މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފް އަދި އަބްދުލް ޣަނީ މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ އާދަމް މުހައްމަދެވެ.