23 ޖޫން 2016
ހަނގުރާމަވެރި ހަތިޔާރު ގެންގުޅެން ގާނޫނު ހުއްދަ ނުކުރާ މީހަކު، ހަތިޔާރެއް ގެންގުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން އެފަދަ ހުއްދައެއް ނެތި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވާފައިވާތީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލާން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް އަދީބު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅެން ގާނޫނު ހުއްދަ ނުކުރާ މީހަކު، ހަތިޔާރެއް ގެންގުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން އެފަދަ ހުއްދައެއް ނެތި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވާފައިވާތީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލާން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް އަދީބު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.
އެއީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު (މޭޑޭ)، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު މުޒާހަރާއެއް ކޮށް މާލެ ތެރެ ހަލަބޮލި ކޮށްލުމަށް ތައްޔާރުވެފައި އޮތް ވަގުތެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ވައްޓައިލެވޭނެ ކަމަށް އެއް ބަޔަކު އުންމީދުކޮށްގެން ތިބި ދުވަހެވެ. އެ ދުވަހުގެ މުޒާހަރާގެ ކަންތައް ކުރިއަށް ދިޔަ އިރު، ސަރުކާރުން ވެސް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ދިޔައީ މުޒާހަރާ ފަނުފުލުން ދުއްވައިލުމަށެވެ. ހުރިހާ ވަޒީރުންނާއި ސިފައިންނާއި ފުލުހުންގެ އެހީގަ އެވެ.
އެޕްރީލް 30 ވަނަ ދުވަހުގެ ރޭ މެންދަންވެގެން އައި އިރު، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އުޅުއްވީ އޭނާ ދިރިއުޅުއްވާ ގ. ގޮމަށިގޭގެ އެޕާޓްމަންޓްގަ އެވެ. ރަށު ތެރޭގައި އުޅޭ އޭނާގެ އެކި އެކުވެރިންނަށް ގުޅުއްވައި، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް އޮޅުންފިލުއްވަމުން ގެންދެވި އެވެ. ބައެއް ރައްޓެހިން އެކި ވަގުތުތަކުގައި އެ އެޕާޓްމަންޓަށް އައިސް އަދީބާ އެކު ވަގުތު ހޭދަކޮށް މައުލޫމާތު ހިއްސާ ކުރަމުން ދިޔަ އެވެ. އަދި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ވެސް އަދީބު ދެއްވަ އެވެ.
އޭގެ ތެރެއިން ދެ ރައްޓެއްސަކަށް ގުޅުއްވައި އެ ގެ އަށް އައުމަށް އަދީބު އެންގެވި އެވެ. މެންދަމުގެ ވަގުތުގައި އެ ދެ މީހުން އައުމުން މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ އެ ދުވަހުގެ މުޒާހަރާ އާއި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާ ބެހޭ ގޮތުންނެވެ. އަދި ކަންކަން މާ ބޮޑަށް ގޯސްވާ ނަމަ އެކަން އެންގުމަށް އަދީބު އެދިވަޑައިގެންނެވި އެވެ.
ނަމަވެސް އަދީބު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް ވެރިކަން ނުވެއްޓޭނެ ކަމަށެވެ. އަދި ވެރިކަން ވެއްޓޭ ހިސާބަށް ހިނގައްޖެ ނަމަ، ބާރުގެ ބޭނުން ވެސް ކުރާނެ ކަން ދެއްކެވުމުގެ ގޮތުން، ކޮޓަރި ތެރެ އިން ދަބަހެއް ނެރުއްވައި އެ ދަބަހުގެ ތެރެއިން ކަޅު ކުލައިގެ ދެ ފިސްތޯލަ ނެންގެވި އެވެ. އަދި "ހާސް ނުވާށޭ، ތިމަންނަމެންނާ ހަމައަށް ނާދެވޭނެއޭ" އަދީބު ވިދާޅުވި އެވެ.
އެއީ އަދީބު ހަތިޔާރު ގެންގުޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ ކުރިން އެ އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް ހަމަ އެ ގޭ ތެރޭގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި ތަން އޭނާގެ ރައްޓެއްސަކަށް ފެނިފައިވެ އެވެ. އަދި ރެހެންދި ފްލެޓްގައި އަދީބު އުޅުއްވި އެޕާޓްމަންޓުގެ ތެރޭގައި ވެސް އަދީބު ފިސްތޯލައެއް ގެންގުޅުއްވި މަންޒަރު އޭނާގެ އެކުވެރިއަކަށް ފެނިފައިވެ އެވެ.
ސުވާލަކީ، އަދީބު ފިސްތޯލައެއް ގެންގުޅުއްވީ ކީއްކުރަން ހެއްޔެވެ؟ ފިސްތޯލަ ފަދަ ހަތިޔާރަކީ ވަކި ކަހަލަ ތަމްރީންތަކެއް ހަދައިގެން ނޫނީ ބޭނުން ނުކުރެވޭ އެއްޗަކަށް ވާއިރު، އަދީބަކީ ފިސްތޯލައިގެ ބޭނުން ހިފަން ފަރިތަ ބޭފުޅެއް ހެއްޔެވެ؟ މި ސުވާލަށް ޖަވާބެއް ދިނުމުގެ ކުރިން ތިރީގައި މިވާ ފޮޓޯ އަށް ބަލައިލަމާ ހިނގާށެވެ؟
އެމްއެންޑީއެފްގެ ރޭންޖު ހުޅުއްވައިދެއްވުމުގެ ގޮތުން އަދީބު އަމާޒަށް ފިސްތޯލަ ޖައްސަވަނީ. --ފޮޓޯ އަދީބުގެ ޓުވީޓް
މިއީ މެއި 1، 2014 ގައި ނަގާފައިވާ ފޮޓޯއެކެވެ. ތަނަކީ ސިފައިންގެ މަރުކަޒު ކަޅުތުއްކަލާ ކޮށްޓެވެ. އެއީ ސިފައިންގެ ސްޕެޝަލް ފޯސްގެ މެންބަރުން ފަރިތަކުރުންތަކުގައި ފިސްތޯލަ ޖަހަން ތައްޔާރުކުރި، "ނައިބުގޭ ޅަތުއްތު އިންޑޯ ޝޯޓް ރޭންޖް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތެވެ. އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދައުވަތަކަށް ވަޑައިގެން އެ ރޭންޖު ހުޅުއްވައިދެއްވީ އަދީބެވެ.
އެ ދުވަހު އަދީބު ކުރެއްވި ޓުވީޓެއްގައިވާ މި ފޮޓޯގައި އެ ފެންނަނީ ރޭންޖު ހުޅުއްވައިދެއްވުމަށް ފަހު، އަދީބު ފިސްތޯލަ ޖައްސަވާ މަންޒަރެވެ. އަދި އޭނާ ފިސްތޯލަ ޖެއްސެވި އަމާޒު ކައިރީގައި ހުއްޓިލައިގެން ހުންނެވި މަންޒަރެވެ. ފިސްތޯލަ ޖެއްސެވީ ވަޒަން ނާރާ ޖެކެޓެއް ވެސް ތުރުކުރައްވައިގެންނެވެ.
ނަމަވެސް އަދީބު ފިސްތޯލަ ޖައްސަވަން ފެއްޓެވުމާ އެކު، އެ ރަސްމިއްޔާތުގައި ބައިވެރިވި ގިނަ ސިފައިންނަށް ލިބުނީ ސިހުމެކެވެ. އެއީ ކީއްވެ ހެއްޔެވެ؟
"ފިސްތޯލަ އާއި އެ ނޫނަސް އެމޯ (އުންޑަ) ލައްވައިގެން ޖަހާ ބަޑިއަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައިން ޖެހޭނެ އެއްޗެއް ނޫން. ވަކި ކަހަލަ ތަމްރީންތަކެއް ބޭނުންވާނެ އެކަމަށް. އެތައް ދުވަހަކު ވަކި ތަމްރީންތަކެއް ހަދައިގެން ނޫނީ އަމާޒަށް ބަޑިއެއް ނުޖެހޭނެ،" ރޭންޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ މެމްބަރަކު ކިޔައިދިނެވެ.
"އަދީބު އެ ދުވަހު ފިސްތޯލަ ޖެހި ގޮތުން ހިޔެއް ނުވޭ އަލަށް ކުރި ކަމެއް ހެނެއް. އަޅުގަނޑުމެންގެ (ސިފައިންގެ) ތެރެއިން ވެސް ކޮންމެ ކޮންމެ މީހަކަށް އެހާ ފަރިތަކޮށް އެހާ އަމާޒުކޮށް ފިސްތޯލައެއް ވެސް ނުޖެހޭނޭ އަޅުގަނޑު ދަންނަވާނީ."
އެމްއެންޑީއެފްގެ ރޭންޖު ހުޅުއްވައިދެއްވައި އަމާޒަށް ފިސްތޯލަ ޖެއްސެވުމަށް ފަހު، އޭނާ ޖެއްސެވި ވަޒަންތައް އަރާފައިވާ ބޯޑު ކައިރީގައި މަޑުކޮށްލައްވައިގެން. --ފޮޓޯ އަދީބުގެ ޓުވީޓް
އެސްޕީޖީގެ އެހެން މެންބަރަކު ބުނި ގޮތުގައި އަދީބު އެ ދުވަހު ރޭންޖުގައި ފިސްތޯލަ ޖެއްސެވި އިރު، ތިން ހަތަރު ވަޒަން ސީދާ އަމާޒަށް ޖަހައިލި އެވެ. އަދި އެއީ ކުރިން ތަމްރީނުތަކެއް ހަދާފައިވާ މީހަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ބަޑިބޭސްތަކެއް ގޮއްވައިލުމުން ވަޒަން ނުކުމެންދާ ގޮތަށް ހަދާފައި ހުންނަ ފިސްތޯލަ އާއި ބަޑި ފަދަ އެއްޗެހި އަމާޒަށް ޖެހުން އުނދަގޫ ވަނީ، އޭގައިވާ ބަޑިބޭސްތައް ގޮވާ ވަގުތު އެ ހަތިޔާރަށް އަންނަ ބާރުގަދަ ޝޮކްގެ ސަބަބުން ކަމަށެވެ. އެ ޝޮކްގެ މައްޗަށް ގަދަވެގަނެ، ބޭނުންވާ އަމާޒަށް ވަޒަން ފޮނުވައިލެވޭނީ، އަތުގެ މުލައްދަނޑިއަށާއި ފިސްތޯލައިގައި ހިފާފައި ހުންނަ އިރު އަތުގެ ކުޑަހުޅަށް ވަކި ގޮތަކަށް ބާރުލައިގެންނެވެ. އަދި އެއީ ވަކި ކަހަލަ ތަމްރީންތަކެއް ހަދައިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
Had the Honor of opening the first Indoor Short Range for Elite Special Forces of MNDF, Congratulations @nazim7878 pic.twitter.com/SJObwQimIJ
— Ahmed Adeeb (@Ahmed_Adeeb) May 1, 2014
އެމްއެންޑީއެފްގެ ރޭންޖު ހުޅުއްވައިދެއްވުމަށް ފަހު އަދީބު ކުރެއްވި ޓުވީޓް
އެ ދުވަހު އަދީބު ފިސްތޯލަ ޖެއްސެވި މަންޒަރު ފެނުނު ސިފައިންގެ އެ ވާހަކަތަކަށް ބަލާއިރު، އަދީބަކީ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީން ހަދާފައިވާ ބޭފުޅެއްކަން ގަބޫލުކުރެވެ އެވެ. މި ކަންކަމަށް ބަލާއިރު، އަދީބު ފިސްތޯލަ ގެންގުޅުއްވާފައިވަނީ ހަމައެކަނި ބަޔަކަށް ބިރުދެއްކެވުމަށް ނޫން ކަން ވެސް އެނގެ އެވެ. އެހެންކަމަށްވާ ނަމަ، އަދީބުގެ ގޭގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ފިސްތޯލަ އާއި ވަޒަން ގެންގުޅޭނީ އޭގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ވެސް ކުރެއްވުމުގެ ބޭނުމުގަ އެވެ.
މޭޑޭގެ ރޭގައި ވެސް، އޭނާގެ ގޭގައި ގެންގުޅުއްވި ދެ ފިސްތޯލަ ދެ ރައްޓެއްސަކަށް ދައްކާފައި، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގޮތަށް "ހާސް ނުވާށޭ، ތިމަންނަމެންނާ ހަމައަށް (އިދިކޮޅު ފަރާތްތަކަށް) ނާދެވޭނެއޭ" އަދީބު ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ހަތިޔާރުގެ ބޭނުން ކުރުމުގެ ނިޔަތުގައި ކަމަށް ގަބޫލު ކުރެވިދާނެ އެވެ.
އޭގެ ފަހުން، މިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ މެންދަމު، އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ އެތައް އިރެއް ވަންދެން ބަލައި ފާސްކުރުމަށް ފަހު، ނުކުމެގެން ދިޔަ އެވެ. އޭގެ ދެ ދުވަސް ފަހުން ފުލުހުން ބުނީ ނާޒިމްގެ ގެ ބަލައި ފާސްކުރި އިރު، ނުރައްކާތެރި ހަތިޔާރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، ފުލުހުން އޭރު ވެސް ބުނަމުން އައީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގައި ހުރި އިނގިލީގެ ނިޝާން، ނާޒިމްގެ އިނގިލީގެ ނިޝާނާ ވެސް އަދި ނާޒިމްގެ އާއިލާގެ އެހެން މީހެއްގެ އިނގިލީގެ ނިޝާނާ ވެސް ދިމާނުވާ ކަމަށެވެ. ނަމަވެސް އެ ފިސްތޯލައިގައި ހުރީ ކާކުގެ އިނގިލީގެ ނިޝާނެއް ކަމެއް ފުލުހުންނަށް އޭރު ހޯދިފައެއް ނުވެ އެވެ.
ފިސްތޯލައިގައި ހުރީ ކާކުގެ އިނގިލީގެ ނިޝާނެއް ކަން ފުލުހުންނަށް އަދި "ނޭނގުނަސް" އެއީ ވެސް އަދީބު ގެންގުޅުއްވި ފިސްތޯލައެއް ކަން ފުލުހުން މިހާރު ދައްކާ ވާހަކަތަކުން އެނގެ އެވެ. އިއްޔެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ނާޒިމްގެ ގެ އިން ފެނުނު ފިސްތޯލައިން ހޯދުނު ޑީއެންއޭ، އަދީބުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.
އަދީބު، އޭނާގެ ގޭގައި ފިސްތޯލަ ގެންގުޅުއްވާފައިވާ ކަން ކޯޓުގައި ހެކިބަސް ދިން މީހުންގެ ހެކިބަހުން ވަނީ ސާބިތުވެފަ އެވެ. އަދި ސިފައިންގެ ރޭންޖުގައި ފަރިތަކަމާ އެކު އަމާޒަށް ފިސްތޯލަ ޖެއްސެވި ކަމަށް ބައެއް ސިފައިން ވަނީ ބުނެފަ އެވެ. އެހެންކަމުން އަދީބާއި ފިސްތޯލައާ ހުރި ގުޅުން ވަރަށް ބޮޑެވެ. އަދި އެއީ މުޖްތަމައަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށް ނުބުނެވޭނެ ހެއްޔެވެ؟
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭ: އަދާލަތު ޕާޓީ