Roadha Mihaaru
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް

އަދީބަށް ބޭރަށް ދެވޭނީ ދައުލަތުން ނެގި ފައިސާ އަނބުރާ ދައްކާފައި: ރައީސް

11 ޖުލައި 2017

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހްރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ މުއައްސަސާތަކުގައި އެދެމުންނެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބުގެ ބޭސްފަރުވާ އަށް އޭނާގެ ޚަރަދުގައި ރާއްޖެ އިން ބޭރުން ކިތަންމެ ބައިވަރު ޑޮކްޓަރުން ގެނަޔަސް އެންމެ ރަނގަޅު ކަމަށެވެ. އަދި އައިޖީއެމްއެޗުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އަދީބަށް ބޭސްކުރަން ހުއްދަ ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އަދީބަށް ބޭސްކުރުމަށް މަނަލެއް ނެތޭ. ހުރަހެއް ނެތޭ،" އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ނުވަތަ ސަރުކާރު ދޫކޮށްލާފައިވާ ވަޑައިގެންނެވި މަޖިލީހުގެ ބައެއް މެމްބަރުން، އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް އެމަނިކުފާނަށް މަޖުބޫރު ކުރައްވަމުން ގެންދެވި ކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލައިގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަދީބު ދާދި ފަހުން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން މިރޭ ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ވިދާޅުވީ އަދީބުގެ ސިޓީއާ ގުޅިގެން، ރައީސަށް ލިބިވަޑައިގަންނަވާ އެގްޒެކެޓިވް ބާރުގެ ދަށުން ނާޒިމް މިނިވަންކުރުމަށް ބައެއް މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަަމަވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޝަރުއީ ދާއިރާ އިން ނިންމާފައިވާ ކަންކަން، އެގްޒެކެޓިވް ބާރުގެ ބޭނުން ކުރައްވައިގެން ބަދަލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް(ވ) އަދި ކުރީގެ ނައިބު ރައީސް އަދީބު.-- މިހާރު ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް(ވ) އަދި ކުރީގެ ނައިބު ރައީސް އަދީބު.-- މިހާރު ފޮޓޯ

"އޭގެ އެއްވެސް ޖާއިޒް ކަމެއް ނުވަތަ ސައްހަ ކަމެއް ހުރެއްޖެ ކަމަށް ނާޒިމްގެ ލޯޔަރުންނަށް ގަބޫލު ކުރެވޭ ކަމަށް ވަންޏާ އެ ބޭފުޅުންގެ ކަމެއް އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަތުން އެއީ. އެއީކީ ރައީސް ޔާމީނަށް ކުރަންޖެހޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ނާޒިމްގެ މައްސަލަ އެންމެ ފުރަތަމަ ފެށުނު ހިސާބުން ފެށިގެން، އެމަނިކުފާނުގެ އަރިހަށް އެކަމުގައި ސިޔާސީ ބޭފުޅުން ވަޑައިގެން އެއީ "މައްސަލަ އަކަށް ނުހަދައި" ނިންމައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"[ނާޒިމްގެ މައްސަލަ] ތަހުގީގު ނުކުރާށޭ. ކޯޓަށް ނުފޮނުވާށޭ މިހެން ވިދާޅުވެ ސިޔާސީ ލީޑަރުން އަޅުގަނޑުގެ ކައިރިއަށް ވަޑައިގެންނެވި. އެއް ލީޑަރަކަށް ވުރެ ގިނަ ލީޑަރުން ވަޑައިގެންނެވި. ދެން އެކަން އަޅުގަނޑު ނުކުރީމާ އަޅުގަނޑާ ވަކިވެވަޑައިގެންނެވި ލީޑަރުން އެބަތިއްބެވި،" ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއް އެމަނިކުފާނާ ކުރުމަށް ފުރުސަތު ދެއްވި ނިއުސް ބްރީފިންގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައިސްފައިވާ ހުކުމުން އެމަނިކުފާނު މިނިވަންކުރުމަށް ވެސް ބައެއް ފަރާތްތަކުން އެދެ އެވެ. އެކަމަކު އެކަން ވެސް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ރައސް މަސީހް (ވ).---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ރައސް މަސީހް (ވ).---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެހެންވީމާ އަޅުގަނޑަށް ނުފުއްދޭ މިކަހަލަ ބޮޑެތި ޝަރުތުތައް ކުރިމަތިކޮށްފައި، އަޅުގަނޑާ އެކީގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަޅުގަނޑާ ވަކިވެވަޑައިގަތަސް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން، މަޖިލީހުގައި ތިއްބަވާ ޕީޕީއެމްގެ 15 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ނުކޮށްދެއްވޭ ކަންކަން ޝަރުތު ކުރުމަށް ފަހު، ކޯލިޝަނުން ބޭފުޅުން ވަކިވެވަޑައިގަތަސް ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ވެރިކަން ކުރަން ބޭނުންވަނީ ޝަރަފާއި އިއްޒަތާއި ކަރާމާތާ އެކީގައި. އަދި އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެ އަށް މިނިވަންކަމާއި އިސްތިގުލާލާ އެކީގައި ބޭރުގެ ނުފޫޒެއް ނެތި، ރާއްޖޭގެ ހުކޫމަތް ރާއްޖޭގެ މައްޗަށް ހިނގާ ގޮތަށް ވެރިކަން ކޮށްދޭން. އަޅުގަނޑެއް ބޭނުމެއް ނުވާނެ އަޅުވެތިކަމުގެ ތެރެއިން، ނިކަމެތިކަމުގެ ތެރެއިން ވެރިކަން ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މިއަދުވެސް އަޅުގަނޑު މިހުރީ އަޒުމާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ވެސް ކުރާނަން."