Roadha Mihaaru
ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭ: އަދާލަތު ޕާޓީ

ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭނެ: އަދާލަތު ޕާޓީ

01 ޖުލައި 2017

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ އެކު، އެކަން ހިނގި ގޮތް ސާފުވެއްޖެ ކަމަށާއި އެހެންވެ ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ އެކު، އެކަން ހިނގި ގޮތް ސާފުވެއްޖެ ކަމަށާއި އެހެންވެ ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ފިސްތޯލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި އަދީބު ވިދާޅުވުމާ ގުޅިގެން، އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ގާނޫނީ ހަމަތަކުގެ މަތިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަންކަން ކުރުމަށް ފަހު ނާޒިމް ވަގުތުން ދޫކޮށްލުުމަށް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރާ އެކު ކުރިން އޮތް ނަމަވެސް ފަހުން އެ ކޯލިޝަނުން ވަކިވެ އިދިކޮޅު ފަރާތްތަކާ އެކު އިސްކޮށް މަސައްކަތް ކުރާ އަދާލަތު ޕާޓީން ބުނިގޮތުގައި މީގެ ކުރިން ވެސް ނާޒިމްގެ ދިފާއުގައި އެ ޕާޓީ ނިކުތީ މައްސަލައާ ގުޅުން ހުރި ކަށަވަރު މައުލޫމާތަށް ބަލާއިރު، ރޭވުމެއްގެ ދަށުން ނާޒިމް ޖަލަށް ލުމަށް ކުރި ކަމެއް ކަން އެނގޭތީ އެވެ.

"..ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެނެސް، 16 މާޗު 2015 ވަނަ ދުވަހު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުނު ގަރާރުން ބާރު ލިބިގެން، ހަމަ މަގުން ކަސިޔާރުވެފައިވާ ރައީސް ޔާމީންގެ ސަރުކާރު ހަމަ މަގަށް އެޅުވުމަށް، އަދާލަތު ޕާޓީއާ ދެމެދު ނުހަނު ބޮޑަށް ވާދަވެރިކަން އުފެދިފައިވަނިކޮށް، ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން މަސައްކަތް ފަށާ، ސަރުކާރާ ދެކޮޅަށް މިހާތަނަށް ރާއްޖޭގައި ކުރި އެންމެ ބޮޑު އިހުތިޖާޖުގައި އަދާލަުތު ޕާޓީ އިސްވެ އޮވެ، 1 މެއި 2015 ވަނަ ދުވަހު ކުރަން ޖެހުނު މުހިއްމު އެއް ސަބަބަކީ ވެސް މި މައްސަލާގައި އެއްވެސް ހަމައެއް އުސޫލެއް ނެތި އަނިޔާވެރިކަމާއެކު އަމަލުކުރަމުން ގެންދިއުން ކަމުގައި ފާހަގަކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ބުންޏެވެ.

އަދާލަތުން ބުނީ ނާޒިމްގެ މައްޗަށް ހިންގި ޝަރީއަތާއި އެ ޕާޓީއާ ގުޅުމެއް ނެތަސް އެ މަސައްކަތް ކުރަން މަޖުބޫރުވީ، ހައްގަކާ ނުލައި މީހަކު ހައްޔަރުކޮށް، ނުހައްގުން އަދަބު ދިނުމާއި ޖަމާއަތަކަށް ވެސް އަމާންކަން ކަށަވަރުނުވާ ހިސާބަށް ގައުމުގެ ކަންކަން ދާނެތީ ކަމަށެޗެ.

ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ނާޒިމްގެ ވަކީލުން ބުނާގޮތުން އޭނާގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެކެވެ. އޭނާ އެކަން ކުރި ކަމުގެ ހެކިން އެބަތިބި ކަމަށް ވެސް ނާޒިމްގެ ވަކީލުން ބުނެފައިވެ އެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ހެކިން ކޯޓަށް ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފިސްތޯލައިގެ މައްސަލާގައި ނާޒިމްގެ މައްޗަށް އައި ދިގު މުއްދަތުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރި ނަމަވެސް ޖޫން 26، 2016 ގައި އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން އެގޮތަށް ނިންމިއިރު، ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް އޭގެ ހަ ދުވަސް ކުރިން ފުލުހުން އޮތީ ހާމަކޮށްފަ އެވެ. އަދި ޑީއެންއޭގެ ރިޕޯޓު ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޮތީ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމުގައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންވެ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ލިޔުމުގައިވެ އެވެ.