Roadha Mihaaru
ކުށެއް ނުކުރަން، އަޅުގަނޑު މިނިވަންކޮށްދީ: ނާޒިމް

ކުށެއް ނުކުރަން، އަޅުގަނޑު މިނިވަންކޮށްދީ: ނާޒިމް

27 ނޮވެމްބަރ 2018

ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވެ ވީ އެންމެ އަވަހަކަށް އޭނާ މިނިވަންކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވެ ވީ އެންމެ އަވަހަކަށް އޭނާ މިނިވަންކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ނާޒިމްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓުން ނާޒިމާ އެއްކޮޅަށް މި މައްސަލަ ނިންމިޔަސް، ސުޕްރީމް ކޯޓުން އޭރު ނިންމީ ނާޒިމާ ދެކޮޅަށެވެ. އަދި، ހައި ކޯޓުން މި މައްސަލަ ނިންމީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް މުރާޖައާކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ނާޒިމް ވިދާޅުވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާ އަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ކުރި ދައުވާއެއް ކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އެކަމަކު، 25 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީކުރައްވާފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު އެއް ދުވަހެއްގެ ހެނދުނު ކޯޓަށް ގެނެސް، ރޭގަނޑު 11 ޖަހަންދެން ކޯޓުގައި ބޭންދީ. ނަމާދު ވަގުތަށް އޭރު މެދުކަނޑާލާނީ ޝަރީއަތް،" ހިޔާނާތާ ގުޅޭ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ހުންނަވައި ނާޒިމް ވިދާޅުވި އެވެ.

ކުރީގެ މެމްބަރު ނާޒިމް. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކުރީގެ މެމްބަރު ނާޒިމް. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިހާރު އަމަލުކުރާ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔައީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ހަފްތާއަކަށް ވެފައި ވަނިކޮށެވެ. ގާނޫނުލްއުގޫބާތު ވުޖޫދަށް އައި ނަމަ، އޭނާގެ މައްޗަށް ދައުވާ ނުކުރެވުނީސް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީނަލް ކޯޑު އައި ނަމަ، އަޅުގަނޑުގެ މައްޗަށް ހުކުމެއް ނާންނާނެ،" ދިއްގަރު ދާއިރާގެ މެމްބަރު ކަން ހަތަރު ދައުރު ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވަނީ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެ، މިނިވަންކޮށް ދިނުމަށް، މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އޭނާގެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ ދީދީ އެވެ.

ނާޒިމްގެ ހުކުމް ބާތިލްކުރަން އެދުނު މައްސަލައިގައި އޭނާގެ ވަކީލް ފަރީޝާ އަބްދުﷲ ވިދާޅުވީ، ނާޒިމްގެ މައްޗަށް ދައުވާ ކުރީ ސިޔާސީ ގޮތުން ނުފޫޒު އޮތް ބަޔަކު ބައިވެރިވެގެން ކަމަށެވެ. އެއީ ނުހައްގު ކުރިއެރުން ބޭނުންވާ ބަޔަކު ކުރި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އޭނާ ވިދާޅުވީ އެމީހުންގެ ބޭނުމަކަށް ވީ ނާޒިމް ސިޔާސީ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓުވައިލުން ކަމަށެވެ.

ނާޒިމްގެ ވަކީލްގެ ވާހަކަތަކަށް ރައްދު ދެއްވައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަޒީނާ ރިޔާޒް ވިދާޅުވީ، ސިޔާސީ ނުފޫޒު އޮތް ބަޔަކު ބައިވެރިވެގެން ކުރި ދައުވާއެއް ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވާ ނަމަ، ގާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ.

ނާޒިމްގެ ވަކީލް ފަރީޝާ ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން ނާޒިމްގެ މައްސަލަ އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ މުއްދަތަ ފަހަނައަޅައި ދިޔަ ފަހުންނެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް އެތައް ހައްގުތައް ގެއްލޭ ގޮތަށް ޝަރީއަތް ކޮށްފައިވާ ކަމަށް ފަރީޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން އޭރު ބެލީ ޕީޖީން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި ބަލައި ނިންމީ އެހެން މައްސަލައެއް ކަމަށެވެ. އެހެންވެ، ނާޒިމްގެ ވަކީލުން އެދިވަޑައިގެންނެވީ ނާޒިމާ ދެކޮޅަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް ދެއްވައި، ނާޒިމަކީ މައުސޫމް ބޭފުޅެއްގެ ގޮތުގައި ހުކުމްކޮށް ދެއްވުމަށެވެ.

ދައުލަތުގެ ވަކީލް ޝަޒީނާ ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފް ނުކޮށް ލަސްވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި އޮތުމުންނާއި އޮފީސް ތެރޭގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު، އޮފީސް ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލެއް ޝަޒީނާ ނުދެއްވަ އެވެ.

ޝަޒީނާ ވިދާޅުވީ މަގުބޫލު ސަބަބެއް ދައްކައިފި ނަމަ، އަދި ސުޕްރީމް ކޯޓަށް ގަބޫލު ކުރެވޭ ނަމަ، މައްސަލައެއް އެ ކޯޓަށް ބަލައިގަތުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ވެސް ޝަޒީނާ ވިދާޅުވި އެވެ.

ނަމަވެސް، މައްސަލަ އިސްތިއުނާފް ނުކޮށް، ގިނަ ދުވަސްތަކެއް ހޭދަވިކަން ދައުލަތުގެ ވަކީލުން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންވެ، މައުޟޫއީ ގޮތުން ނާޒިމްގެ މައްސަލަ ނުބެލޭނެ ކަމަށް އޭނާގެ ވަކީލުން ދެއްކި ވާހަކަ ގަބޫލު ނުކުރައްވާ ކަމަށް ވެސް ދައުލަތުގެ ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި، ފެބްރުއަރީ 13، 2014 ގައި ނާޒިމްގެ މައްޗަށް ހުކުމް ކުރިއިރު، ޕްރޮސެކިއުޓާ ޖެނެރަލަކު ނެތެވެ. އަދި ޕީޖީއަކު އައްޔަން ކުރީ ޖުލައި 22، 2014 ގައި ކަމަށާއި ނާޒިމްގެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅީ އޭގެ މަހެއްހާ ދުވަސް ފަހުން ކަމަށް ވަކީލުން ވިދާޅުވި އެވެ. އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވެފައި ވަނީ ޖޫން 23، 2014 ގަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގައި އެހާ ލަސްވީ ކީއްވެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލަ ހުށަނޭޅި ލަސްވީ ދިރާސާ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ވެސް ދައުލަތުގެ ވަކީލުން ނުދެއްވަ އެވެ.

ނާޒިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ނާޒިމްގެ ޝަރީއަތަކަށް 14 ގަޑިއިރު ހޭދަވިއިރު، އެހާ އަވަސް މިނެއްގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ސަބަބުން ދިފާއުވުމަށް ނާޒިމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާ ކަމަށެވެ. ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލަ ސާބިތުވިއިރު، މައްސަލައިގެ އުންސުރުތައް ފުރިހަމަވާ ސަބަބުތައް ދައުލަތަށް ކިޔައި ދެވިފައި ނުވާ ކަމަށް ނޫރު ވިދާޅުވި އެވެ.

ހައި ކޯޓުގެ ހުކުމް، ޕީޖީން އިސްތިއުނާފް ނުކޮށް އެހާ ދިގުލައިގެން ދިއުމުގެ ސަބަބުން، އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ނާޒިމަށް ގަބޫލު ކުރެވުނު ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

އެހެންވެ، ނޫރު ވަނީ ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވީހާވެސް އަވަހަކަށް ނިހާއީ ހުކުމެއް އިއްވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނާޒިމްގެ މައްސަލައިގައި ދައުލަތުގެ ވަކީލުން ވެސް އެދިފައި ވަނީ ނާޒިމްގެ ވަކީލުންނާއި ދައުލަތުގެ ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް، އިންސާފުވެރި، އަދުލުވެރި ހުކުމެއް އިއްވަވައި ދެއްވުމަށެވެ.

ދެ ފަރާތުން މި މައްސަލައިގައި ދައްކަން ބޭނުންވާ ވާހަކަތައް ދައްކައި ނިމުމުން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަރީފް ވަނީ އަޑުއެހުންތައް ނިންމައިލިކަން އިއުލާން ކުރައްވައިފަ އެވެ. އަދި މައްސަލަ މުރާޖައާ ކުރުމުގެ މަރުހަލާގެ ތެރޭގައި ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވަން ބާއްވާ އަޑުއެހުން ކަމަށް ވިދާޅުވި އެވެ. އެކަމަކު، ހުކުމް އިއްވާނެ ދުވަހެއް އަރީފް ވިދާޅެއް ނުވެ އެވެ.