Roadha Mihaaru
އެޗްޕީއޭ އިން ބާރުއަޅަނީ ކެމްޕޭން ވާޗުއަލްކޮށް ބާއްވަން

އެޗުޕީއޭ އިން ބާރުއަޅަނީ ކެމްޕެއިން ޖަލްސާތައް ވާޗުއަލްކޮށް ބާއްވަން

27 ޖެނުއަރީ 2021

އަންނަ އޭޕްރީލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ގިނަ މީހުން އެއްކޮށްގެން ކެމްޕެއިން ޖަލްސާތަކާއި އެއްވުންތައް ނުބާއްވައި އޮންލައިން ޕްލެޓްފޯމުތަކުން ކެމްޕެއިން ކުރަން އިންތިޚާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އޭޕްރީލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ގިނަ މީހުން އެއްކޮށްގެން ކެމްޕެއިން ޖަލްސާތަކާއި އެއްވުންތައް ނުބާއްވައި އޮންލައިން ޕްލެޓްފޯމުތަކުން ކެމްޕެއިން ކުރަން އިންތިޚާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނައިފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންތިޚާބު ބާއްވާއިރު، އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކަކަށް އަމަލުކުރަން އެ ގައިޑްލައިންގައި ވަނީ ލާޒިމުކޮށްފަ އެވެ. އިންތިޚާބު އިއްޔެ އިއުލާންކުރުމާ އެކު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިފަ އެވެ.

އެޗުޕީއޭ އިން އަދި އާއްމުނުކުރާ ގައިޑްލައިންގައި ބުނީ ތާއީދު ހޯދުމުގެ ހުރިހާ ހަރަކާތެއް ކެންޑިޑޭޓުން ކުރިއަށް ގެންދަން ވާނީ އެތަނުން އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ. މާނައަކީ މާލެ އިން މީހުން ގޮސް ރަށްރަށުގައި ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ކަށަވަރުވުމުންނެވެ.

މޮނިޓަރިންގައިވާ އެއްވެސް ރަށެއްގައި ގޭގެ އަށް ޒިޔާރަތްކޮށް، ކެމްޕެއިންކުރުން އެ ގައިޑްލައިންގައި އޮތީ މަނާކޮށްފަ އެވެ.

"ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިއުމަށްޓަކައި ގޭގެ އަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2 މީހުންނަށް ވުރެން ގިނައިން ނުދިއުން. މި ގޮތަށް ގޭގެއަށް ޒިޔާރަތްކުރާ އިރު ރައްކާތެރި ކަމުގެ ގޮތުން މާސްކު އެޅުން، އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުން، މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުން،" ގައިޑްލައިންގައިވެ އެވެ.

ގައިޑްލައިންގައި އެޗްޕީއޭ އިން ލަފާ ދީފައި އޮތީ ގޭގެ އަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު އިއްޔެ އިއުލާންކުރީ ޝެޑިއުލްކުރި ދެ ތާރީޚުގައި ވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި އިންތިޚާބު ނުބޭއްވި ލަސްވެފައި ވަނިކޮށެވެ. އިންތިޚާބަށް ޚާއްސަ އުސޫލްތަކެއް އެޗްޕީއޭ އިން ހަދާފައިވާ އިރު އެ އުސޫލްތަކަށް ތަބާވެ އިންތިޚާބު ބާއްވަން އުނދަގޫތަކެއް ހުރި ކަމަށް ކޮމިޝަނުން ބުނެ އެވެ.