Roadha Mihaaru
ދެން އޮތީ ސްކްރީނުން ފޯނު ޗާޖުކުރުން!

ދެން އޮތީ ސްކްރީނުން ފޯނު ޗާޖުކުރުން!

27 ޖެނުއަރީ 2021

ކުރިއަށް އޮތް ތަނުގައި ސްމާޓްފޯނަށް އަންނާނެ މުހިއްމު އެންމެ ބޮޑު އެއް ބަދަލަކީ ސްކްރީނުން ފޯނު ޗާޖްކުރެވުމުން ކަމަށް ތަޖުރިބާކާރުންތަކެއް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ތަނުގައި ސްމާޓްފޯނަށް އަންނާނެ މުހިއްމު އެންމެ ބޮޑު އެއް ބަދަލަކީ ސްކްރީނުން ފޯނު ޗާޖްކުރެވުމުން ކަމަށް ތަޖުރިބާކާރުންތަކެއް ބުނެފި އެވެ.

ޕަވާ ސޯސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދެކުނު ކޮރެއާގެ އިންޗެން ނެޝަނަލް ޔުނިވަސިޓީގެ ޓީމަކުން ބުނެފައިވާ ގޮތުގައި ސްމާޓްފޯނުގެ ސްކްރީނުގައި އެކުލެވޭ "ނުފެންނަ" ސޯލާ ޕެނެލްތަކެއް މެދުވެރިކޮށް އަވީގެ ހަކަތައިން ފޯނު ޗާޖްކުރެވޭ ގޮތް ވުމަކީ ވަރަށް ބޮޑު ބަދަލަކަށް ވާނެ އެވެ. އެކަމަކު އެކަން ހަގީގަތަކަށް ހެދުމުގައި މި ވަގުތަށް އޮތް ހުރަކީ އެފަދަ ގޮތަކަށް ބޭނުންކުރެވޭނެ ބިއްލޫރި ހޯދުން ގޮންޖެހުމެއްގެ ގޮތުގައި އޮތުމާއި މިކަމަށް ބޭނުންވާ ޓެކްނޮލޮޖީ ވެސް ތަރައްގީކުރަން އުނދަގޫވުމެވެ. މިކަމަށް ބޭނުންވާ (ހަމަ ލޮލަށް ނުފެންނަ ޒާތުގެ) ސޯލާ ސެލް އޮޕޭކިއު އަކީ ސެމީ ކޮންޓަކްޓާ ލޭޔަރަކަށްވާން ޖެހެ އެވެ. ފޯނު ޗާޖްކުރަން ބޭނުންވާ އިރުގެ ހަކަތަ ދަމައިގަނެ، އެ ހަކަތަ ކަރަންޓަށް ބަދަލުކޮށްދޭނީ މީގެ ޒަރީއާއިންނެވެ.

އެކަމަކު މިއީ ކޮންމެ ވެސް ހިސާބެއްގައި ކާމިޔާބު ކުރެވިދާނެ ކަމެއްކަން އިންޗެން ޔުނިވަސިޓީގެ ޓީމުން ގަބޫލުކުރެ އެވެ.

މިކަމަކީ ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން ވެސް ހަގީތަކަށް ވާން ވަރަށް ބޭނުންވާ ހުވަފެނެކެވެ. މިހާރު ވެސް މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތަކުން އަންނަނީ އެޑަޕްޓަރަކީ "ކުރިމަގެއް ނެތް" އެއްޗަކަށްކަން ހާމަކޮށް ދެމުންނެވެ. އެއީ މި ފަހުން ނެރޭ ފޯނުތައް ޗާޖަރާ ނުލައި ނެރެގެންނެވެ.

އިންޗެން ޔުނިވަސިޓީގެ ޕްރޮފެސަރު ޖޫންޑޯންގް ކިމް އާއި އޭނާގެ ޓީމުން ބުނި ގޮތުގައި ސްކްރީނުން ފޯނު ޗާޖްކުރެވޭނެ ގޮތް ހަދަން ބޭނުންވާ މެޓީރިއަލް ހަގީގަތަކަށް ނެހެދޭ ނަމަ ބަދަލުގައި އެހެން ގޮތެއް ވެސް ހޯދިދާނެ އެވެ. އެގޮތުން ޓައިޓޭނިއަމް ޑިއޮކްސައިޑް ނުވަތަ ނިކެލް އޮކްސައިޑަކީ މިކަމަށް ބޭނުންކޮށްލެވިދާނެ އެއްޗެއް ކަމަށް ބުންޏެވެ.

ޓައިޓޭނިއަމް އޮކްސައިޑަކީ ތިމާވެއްޓާ ރައްޓެހި އަދި ވިހަ މާއްދާތައް ނުހިމެނޭނެ އެއްޗެކެވެ. މީގެ ސަބަބުން އަލްޓްރާ ވައިލެޓް ލައިޓް ދަމައިގަނެ، ފޯނު ސްކްރީނަށް އެޅޭ އައްޔާ އެކު ހަކަތަ ރައްކާކޮށް ދޭނެ ކަމަށް ކިމްގެ ޓީމުން ބުންޏެވެ. އަނެއްކޮޅުން ނިކެލް އޮކްސައިޑަކީ މިހާރު ވެސް ގިނަ އަދަދަކަށް ދުނިޔެއިން ލިބެން ހުރި މާއްދާއަކަށްވުމާއި އެއީ އޮޕްޓިކަލް ޓްރޭންޕޭރަންސީ އަށް ވަރަށް ފައްކާ އެއްޗެއްކަމުން އޭގެ ބޭނުން ވެސް ހިފިދާނެ ކަމަށް ޓީމުން ގަބޫލުކުރެ އެވެ.

މި އެއްޗެހި ބޭނުންކޮށްގެން އިންޗެން ޔުނިވަސިޓީގެ ޓީމުން މިހާރު ވަނީ ސޯލާ ސެލް ވެސް އުފައްދައިފަ އެެވެ. އެވެ. އެއީ ޓައިޓޭނިމް އޮކްސައިޑާއި ނިކެލް ސެމީކޮންޓާޒް އެކުލެވޭ ގޮތަށް ގްލާސް ސަބްސްޓްރޭޓާއި މެޓަލް އިލެކްޓްރޯޑް ބޭނުންކޮށްގެންނެވެ. އަދި މީގެ ދެވަނަ ފަށަލައަކަށް އިންނަ ސިލްވާ ނެނޯވަޔަރުތައް ދެވަނަ އިލެކްޓްރޯކޯޑެއްގެ ގޮތުގައި މަސައްކަތްކޮށްފެ އެވެ. ނަތީޖާ ފެންނަނީ ވަރަށް އުންމީދީކޮށެވެ.

އެގޮތުން ސޯލާ ސެލް އިން އަލި ވައްދައިދީ އެ ރައްކާކޮށްދެ އެވެ. އަދި އެ ސެލް އިންނަނީ ހަމަ ލޮލަށް ނުފެންނަ ގޮތަށެވެ. އަދި އޭގައި ރައްކާކުރާ އިރުގެ ހަކަތަ 2.1 ޕަސަންޓް ކަރަންޓަށް ބަދަލުކޮށްދޭކަން ހާމަވެފައިވެ އެވެ.

"މި މަސައްކަތް މިއޮތީ އަދި ވަރަށް ޅަފަތުގައި. އެކަމަކު މިއީ ކުރެވިދާނެ ކަމެއްކަން މިހާރު ވެސް އެބަ އެނގޭ. އޭގެ މާނަ އަކީ އަހަރެމެންގެ މި މަސައްކަތް އިމްޕޫރްވާކުރާ ވަރަކުން ބޭނުންވާ ނަތީޖާއާ ހަމައަށް ދެވިދާނޭ." ކިމް ވިދާޅުވި އެވެ.