Roadha Mihaaru
މި ތަށިން 20 ސިކުންތު ވަންދެން އަތް ދޮންނަންޖެހޭނެ

ވިހި ސިކުންތު ވަންދެން އަތް ދޮންނަން މަޖުބޫރުކުރުވާ ތައްޓެއް

11 މެއި 2020

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން އެންމެ ގިނައިން ކުރަން ޖެހޭ ކަމަކީ ވީހާ ވެސް ގިނައިން އަތްދޮވުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ސިއްހީ މާހިރުން ވެސް އަބަދު ހަނދާންކޮށްދެނީ އެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން އެންމެ ގިނައިން ކުރަން ޖެހޭ ކަމަކީ ވީހާ ވެސް ގިނައިން އަތްދޮވުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ސިއްހީ މާހިރުން ވެސް އަބަދު ހަނދާންކޮށްދެނީ އެ ވާހަކަ އެވެ.

ރަނގަޅަށް އަތް ދޮވުނު ކަމަށް ވާނީ ސައިބޯނިލައިގެން، އެންމެ މަދުވެގެން ވެސް 20 ސިކުންތައް އަތް ދޮވުމެވެ. މިކަމަށް ހާއްސަކޮށްގެން ގާނާގައި މިހާރު ވަނީ ސޯލާ އިން ހަކަތަ އުފައްދައިގެން މަސައްކަތްކުރާ ވަރަށް ތަފާތު ތައްޓެއް ތައްޔާރުކޮށް އެ ބޭނުން ކުރަން ފަށައިފި އެވެ.

މި ތަށީގެ މައިގަނޑު ބަޔަކީ ނުވަތަ އޮނިގަނޑަކީ ތެޔޮ އަޅާ ކަހަލަ ފީފާއެކެވެ. އަތް ދޮންނަ ތަށި އިންނަނީ އޭގެ މަތީގައި ހަރުކޮށް، އިސްކުރު ލައިފަ އެވެ. އިސްކުރުން ފެން ބޭރުކޮށްދެނީ ފީފާގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނެލުން އުފައްދާ ހަކަތައިންނެވެ. ތަށީގައި އިންނަ އިސްކުރި މަސައްކަތްކުރަނީ ހާއްސަ ސެންސައެއްގެ އެހީގަ އެވެ. އެހެންވެ ފެން ދޫކޮށް/ބާރުކުކުރާކަށް، އޭގައި އަތްލާކަށް ނުޖެހޭނެ އެވެ. އަތް އިސްކުރާ ދިމާއަށް ދިއްކޮށްލުމުން ފެން އޮހޭނެ އެވެ. އަދި އޭގައި އިންނަނީ ސައިބޯނި ވެސް އަތަށް އެޅޭ ގޮތަށް ވަކި އިސްކުރެއް ލައިފަ އެވެ.

މިއީ ވެސް ހަގީގަތުގައި މި ތަށީގައި ރައްކާތެރިކަމުގެ ގޮތުން ހުރި މުހިއްމު ފީޗާއެކެވެ. އަދި މީގައި އިންނަ ސެންސަރު އަދާކުރާ އެއް ދައުރަކީ މަދުވެގެން 20 ސިކުންތަށް އަތްދޮންނަން ލާޒިމުކުރުމެވެ. މާނަ އަކީ އަތުގައި އުނގުޅާ ސައިބޯނި ފެނުން ދޮވެވޭނީ މަދުވެގެން 20 ސިކުންތު ހަމަކޮށްފައިވާ ނަމަ އެވެ.

މި އުފެއްދުމުގެ ސިކުނޑި އަކީ ރިޗަޑް ކުވާޓެންގް އާއި އޭނާގެ ބޭބެ ޖޫޑް އޮޒޭއީ އެވެ. ރިޗަޑް ސީިއެންއެން އަށް ކިޔައިދިން ގޮތުގައި އެ މީހުން ބޭނުންވީ ވީހާ ވެސް ފަސޭހަކޮށް އަދި ގިނަގިނައިން މީހުން އަތް ދޮންނަން ހިތްވަރު ލިބޭ ކަހަލަ ތައްޓެއް އުފެއްދުމެވެ. އަދި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ބުންޏެވެ.

"ހުރިހާ ސާމާނެއް އެއްތަންކޮށް މީތި އުފައްދަން ނެގީ ގާތްގަނޑަކަށް ފަސް ދުވަސް." ރިޗަޑް، 32، ބުންޏެވެ.

އޭނާ ބުނީ މި ތަށި އުފައްދައި މީގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް އެނބުރެން ފެށުމާ އެކު ގާނާގެ ސަރުކާރުން އެ މީހުންނާ ގުޅައި އިތުރު ތަށި އުފެއްދުމަށް އެދިފައިވާ ކަމަށެވެ.

ގާނާ އެންވަޔަމަންޓް، ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަނުން މިހާރު މަސައްކަތް ކުރަނީ ރިޗަޑާއި އޭނާގެ ޓީމަށް އެހީ ދީގެން ގިނަ އަދަދެއްގެ ތަށި އުފައްދައި ގާނާގެ އެކި ސަރަހައްދުތައި ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ.