Roadha Mihaaru
ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

25 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 25) - މަގާމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން ޗެލްސީގެ ކޯޗުކަމުން އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް މިއަދު ވަކިކޮށްފި އެވެ.

ލަންޑަން (ޖެނުއަރީ 25) - މަގާމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން ޗެލްސީގެ ކޯޗުކަމުން އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް މިއަދު ވަކިކޮށްފި އެވެ.

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. ލަމްޕާޑް ޗެލްސީ އަށް ކޯޗުކޮށްދިން ފަހު މެޗަކީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އިއްޔެ ލޫޓަން ޓައުން އަތުން 3-1 އިން މޮޅުވި މެޗުގަ އެވެ.

ލަމްޕާޑް ވަކިކުރަން ޗެލްސީން ނިންމި އެންމެ ބޮޑު ސަބަބަކީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ މެޗަކުންނެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 2-0 އިން ބަލިވިއިރު، ޗެލްސީ މި ވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބްގެ ވެބްސައިޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ސަބަބަކީ ލަމްޕާޑާ ގާތްގުޅުމެއް އޮތުމުގެ އިތުރުން އޭނާ ޗެލްސީ އަށް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާތީ އެވެ. ލަމްޕާޑްގެ ފެންވަރާ މެދު އެއްވެސް އިރެއްގައި ސުވާލު ނުއުފައްދާކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުތަކުގެ ނަތީޖާ ނުކުތްގޮތުން މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ޗެލްސީ އަށް އާ ކޯޗެއް ގެނައުން ކަމަށް ހުރިހާ ފަރާތަކަށް ގަބޫލުކުރެވިފައިވާ ކަމަށް އަބްރަމޮވިޗް ބުންޏެވެ.

ލަމްޕާޑަކީ 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން އެ ޓީމުން ވަކިކުރި 12 ވަނަ ކޯޗެވެ.

ޑާބީ ކައުންޓީން ކޯޗިން ކެރިއަރު ފަށައި ފަހުން ޗެލްސީއާ ހަވާލުވެ، ލަމްޕާޑް ފުރަތަމަ ސީޒަނުގައި އެއްވެސް ކުޅުންތެރިއަކު ސޮއިނުކުރެ އެވެ. އެއީ އޭރު ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް އަދަބުދީފައި އޮތުމުންނެވެ. ތިބި ޒުވާން ކުޅުންތެރިން ލައިގެން ލަމްޕާޑް ވަނީ ފުރަތަމަ ސީޒަނުގައި ރަނގަޅު މަސައްކަތްތަކެއްކޮށް ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައި އެފްއޭ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.

މި ސީޒަނަށް ޗެލްސީން ނުކުތީ މިދިޔަ އަހަރަށް ބަލާއިރު މުޅި ދުނިޔެއިން ވެސް ފުޓްބޯޅަ ކްލަބެއް ކުރި އެންމެ ބޮޑު ހަރަދުކޮށްގެންނެވެ. ޗެލްސީން ވަނީ މި ސީޒަން ފެށުމުގެ ކުރިން ހަތް ކުޅުންތެރިން ގެނައިރު، 220 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކޮށްފަ އެވެ. ލަމްޕާޑަށް މަގާމު ދެމެހެއްޓުމުގެ ޕްރެޝަރު ބޮޑުވި އެއް ސަބަބަކީ އެ ވަރުގެ ހަރަދެއްކުރުމަށް ފަހު ރަނގަޅު ނަތީޖާ ނުނެރެވުން ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ކޯޗުކަމާ ދެން ހަވާލުވާނީ މިދިޔަ މަހު ޕީއެސްޖީން ވަކިކުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ޗެލްސީން ޓުޗެލްއާ އެކު އެއްބަސްވެފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.