Roadha Mihaaru
ޔޫވީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ވެލެންސިއާ އަށް

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ވެލެންސިއާ އަށް

07 ނޮވެމްބަރ 2016

އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކްލަބް ވެލެންސިއާ އިން މިރޭ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކްލަބް ވެލެންސިއާ އިން މިރޭ ހޯދައިފި އެވެ.

މިއީ އަށް އަހަރަށް ފަހު ވެލެންސިއާ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނީ 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލެވެ. މި ފަހަރުގެ އެފްއޭ ކަޕް ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ވެލެންސިއާ ނުކުންނާނީ މި މުބާރާތުގެ ފައިނަލުން މުޅިން އަލަށް ޖާގަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިރޭގެ މެޗަށް ވެލެންސިއާ ނުކުތީ އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު އެ ޓީމުގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޔުނައިޓެޑް ވިކްޓަރީ އަށް މި މެޗަށް ނުކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކުއާޓާ ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަަބަބުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ މި މެޗަށް ސަސްޕެންޑްވެފައިވުމެވެ.

މެޗު ފަށައިގެން ހަތް މިނިޓް ތެރޭގައި ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން އަލީ ހައިޝަމް ނަގައިދިން ބޯޅަ ވެލެންސިއާ އޭރިއާ ތެރެއިން ކޮކީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ކޮކީ އެ ބޯޅަ ފޮނުވާލިއިރު އޭނާ ހުއްޓުވުމަށް ވެލެންސިއާ ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޔުނައިޓެޑް ވިކްޓަރީގެ އަލީ ނިޔާޒް (ކ) ކައިރިން ވެލެންސިއާގެ ކަކާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީގެ އަލީ ނިޔާޒް (ކ) ކައިރިން ވެލެންސިއާގެ ކަކާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީޑުފުޅާކުރަން ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކުޅުންތެރިޔާ ކެރިކް އަންދްރޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ވެލެންސިއާ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު އޭރިއާ ބޭރުން ކެރިކް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ޔުނައިޓެޑް ވިކްޓަރީން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެން ފަށައިފަ އެވެ. އޭގެ ފައިދާ ނަގައި ވެލެންސިއާ އިން އެޓޭކް ރަނގަޅުކުރި އެވެ. ވެލެންސިއާގެ ފުރަތަމަ ހަމަލާ އެޓީމުން އުފެއްދީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ އޭރިއާ ތެރެއިން ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ޗިންޒީ ކަކާ ދިން ބޯޅަ ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ކަކާ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން ހަންސްލޭ އަވީލޯ ދިން ބޯޅައެއް ކަކާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަަނަ ހާފަށް ވެލެންސިއާ އިން ނުކުތީ ބަދަލަކާ އެކު އެވެ. އެ ޓީމުން ވަނީ ޔޫސުފް ރަމީޒްގެ ބަދަލުގައި ސަސްޕެންޝަންގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު އަކުރަމް އަބްދުލް ގަނީ (އަކޫ) ކުޅެން އަރުވައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ކަކާ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ކަކާ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކީ ވެލެންސިއާ އިންނެވެ. އެ ޓީމުން ވަނީ މި ހާފްގައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭ އެޓީމުގެ އަވީލޯ އާއި އަހުމަދު ރިލްވާން (ރިލޭ) ވަނީ ރަނގަޅު ދެ ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ދެ ބޯޅަ ވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

މި ހާފްގައި ޔުނައިޓެޑް ވިކްޓަރީ އަށް ލަނޑެއް ޖަަހައިދެން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެރިކް އަށެވެ. މެޗުގެ 75 ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ކެރިކް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.

ވެލެންސިއާ މޮޅު ކޮށްދިން ލަނޑު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ސަޑޭ އެވެ. ފަހަކަސް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަޑޭ މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އަވީލޯ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވެލެންސިއާ އެފްއޭ ކަޕް ފައިނަލެއްގައި އެންމެ ފަހުން ކުޅުނީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓާ ވާދަކޮށް 2-0 އިންނެވެ.