Roadha Mihaaru
ހާއްސަ ހުއްދައިގެ ދަށުން 3000 ދިވެހިން އިންޑިއާއަށް

އިންޑިއާގެ ބޯޑަރު ބަންދުކުރި ފަހުން 3،000 އަށް ވުރެ ގިނަ ދިވެހިން އެ ގައުމަށް ދަތުރުކޮޮށްފި

14 ޖެނުއަރީ 2021

ކޮވިޑް-19 ފެތުރޭތީ އިންޑިއާގެ ބޯޑަރު ބަންދުކުރި ފަހުން، އެ ގައުމުން ދޫކުރަން ފެށި ހާއްސަ ހުއްދައިގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ ދިވެހިން ދަތުރު ކޮށްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ އިންޑިއާގެ ބޯޑަރު ބަންދުކުރި ފަހުން، އެ ގައުމުން ދޫކުރަން ފެށި ހާއްސަ ހުއްދައިގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ ދިވެހިން ދަތުރު ކޮށްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޯޑަރުތައް އަދިވެސް އޮތީ ބަންްދުކޮށްފައި ކަމަށާއި ނަމަވެސް ބޭސްފަރުވާ އަށް އެ ގައުމަށް ދަތުރުކުރަން ދިވެހިންނަށް ހާއްސަ ހުއްދައެއް ދޫކުރަން ފެށީ ހައި ކޮމިޝަނުން ކުރި މަސައްކަތުން ކަމަށެވެ. އެގޮތަށް މަސައްކަތްކުރީ އެއީ އިންސާނީ ކަރާމާތާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް ވެސް ބުންޏެވެ.

ބޯޑަރު ބަންދުކުރި ފަހުން އިންޑިއާ އަށް ދަތުރުކުރަން ލިބުނު ހާއްސަ ހުއްދައިގެ ދަށުން އެ ގައުމަށް ފޮނުވި ދިވެހިންގެ ފުރަތަމަ ބެޗްގައި ހިމެނުނީ ހައި ކޮމިޝަނުން ބުނިގޮތުގައި ހާލު ދެރަ ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ހިމެނޭ ގޮތުން 37 މީހެކެވެ. އޭގެ ފަހުން ދަތުރުކުރި މީހުންނާ އެކު އިންޑިއާ އަށް ދަތުރުކުރި މީހުންގެ އަދަދު މިހާރު 3،000 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.

"...އަދި ރެގިއުލާ ވިސާ ބަންދު ކުރެވިފައިވާ މި ދަނޑިވަޅުގައި، ބަލި މީހުންނަށާއި އެހީތެރިންނަށް ވީ އެންމެ އަވަހަކަށް ވިސާ ފޯރުކޮށްދިނުމަށްޓަކައި ހައި ކޮމިޝަންގެ މުވައްޒަފުން ވަނީ އިތުރު ގަޑީގަ އާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ކެންޑިނޭޅި މަސައްކަތް ކޮށްފަ އެވެ،" ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

ހައި ކޮމިޝަނުން ބުނިގޮތުގައި، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި އެތައް ހާސް ދިވެހިންނަށް ބޭސް ފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރެވުނުކަމީ ރާއްޖެ އާއި އިންޑިއާގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ ވަރުގަދަކަމާއި ބަދަހިކަން ސާބިތުކޮށްދޭ ހެއްކެކެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން އިންޑިއާ އިން ރާއްޖެ އަށް ކޮށްދީފައިވާ އެހެން ގިނަ ކަންތައްތަކެއް ވެސް ބަޔާނުގައި ހިމަނާފައި ވެ އެވެ. އެގޮތުން 5.5 ޓަނުގެ ޒަރޫރީ ބޭސް ހަދިޔާކޮށްފައިވާ ކަމާއި ރާއްޖެއަށް ގެންނަން ޖެހުނު 6.3 ޓަނުގެ ބޭސް އެގައުމުގެ ސިފައިންގެ އެހީގައި ވައިގެ މަގުން ގެނެސްދިންކަން ފާހަގަކުރި އެވެ.

އޭގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޓަކަައި ސިއްހީ ހިދުމަތްތެރިންނަށާއި ސިވިލް ސާވިސް މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ބީސީޖީ ވެކްސިންގެ 2،400 ވައިލް ފޯރުކޮށްދިން ކަން މިއަދުގެ ބަޔާނުގައި ތަކުރާރުކުރި އެވެ.