Roadha Mihaaru
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން އިންޑިއާގެ ޓީމު އަތުވެއްޖެ

05 ސެޕްޓެމްބަރ 2021

އިންޑިއާ އިން ދޭ ލޯނުގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް އެ ގައުމުން ފޮނުވި ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ދޭ ލޯނުގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް އެ ގައުމުން ފޮނުވި ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މި ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް އެ ގައުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ކެންސަރުގެ ފަރުވާ ދެމުން އަންނަ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ.

ޓީއެމްސީ އަކީ އިންޑިޔާގައި ކެންސަރު ބަލި ހުއްޓުވަން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުން އަންނަ އަދި ފަރުވާ ދިނުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގައި ކެންސަރާ ގުޅޭ ދިރާސާތައް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރު ކަމަށް ހައި ކޮމިޝަނުން ނެރު ނޫސްބަޔާނުގައި ވެ އެވެ.

"އޭޝިޔާގައި އެންމެ ކުރި ހޯދާފައިވާ މި ސެންޓަރާ ގުޅިގެން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލް ގާއިމު ކުރެވަކީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ،" އެ ބަޔާނުގައިވެ އެވެ.

ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނޭ، އިންޑިއާގެ ޓީމުން ވަނީ ލ. ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.

ހައި ކޮމިޝަނުން ބުނިގޮތުގައި، ކެންސަރު ހޮސްޕިޓަލް ގާއިމު ކުރަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި މަޝްރޫއުތަކެކޭ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް ގާއިމުކުރުމުގައި ވެސް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ. އަދި މި ލޯނު އަނބުރާ ދައްކަން ފަށަން ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާއިރު، އެ ހޮސްޕިޓަލުން ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވޭނެ އިންތިޒާމާއި ފަރުވާގެ އިތުރުން އެ ބަލީގެ މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ހިދުމަތް ވެސް ދޭނެ އެވެ. އަދި މި ހޮސްޕިޓަލް ހުޅުވުމުން މެޑިކަލް ޓުއަރިޒަމް ތައާރަފުކޮށް، ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލަވައިލަން ވެސް ވަނީ ނިންމައިފަ އެެވެ.

މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވާއިރު، 250 ދިވެހި މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުން އަދި ޓެކްނީޝަނުން ތަމްރީނުކުރާނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. މި ތަމްރީނުތައް ދިނުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ވެސް ބުންޏެވެ.

ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރަން ފުރަތަމަ ނިންމީ ހުޅުމާލޭގަ އެވެ. ނަމަވެސް، ރާއްޖޭގެ ސިއްހީ ހިދުމަތްތައް ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވިސްނާފައި ވާތީ މި ހޮސްޕިޓަލު ގަމަށް ބަދަލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް، އެ ގޮތަށް ވަނީ ފަހުން ނިންމައިފަ އެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ލިބެނީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. ނަމަވެސް ބޮޑެތި ތަހުލީލުތައް އަދި ބިލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަން ހަދައި، ބައެއް އޮޕަރޭޝަން ކުރަން އަދިވެސް ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.