Roadha Mihaaru
ރޭޒާ އިން ސްމާޓް މާސްކެއް ދައްކާލައިފި

ރޭޒާ އިން ސްމާޓް މާސްކެއް ދައްކާލައިފި

14 ޖެނުއަރީ 2021

އިލެކްޓްރިކް ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި ރޭޒާ އިން އެން95 ގެ ސްމާޓް މާސްކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިލެކްޓްރިކް ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި ރޭޒާ އިން އެން95 ގެ ސްމާޓް މާސްކެއް ދައްކާލައިފި އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދައްކައިލި މާސްކަށް ދީފައިވާ ނަމަކީ "ޕްރޮޖެކްޓް ހޭޒެލް" އެވެ. މާސްކް އަޅައިގެން އިންނަ އިރު މޫނުމަތީގެ ބޮޑު ބައެއް ފޮރުވިފައި އިންނާތީ ދައްކާ ވާހަކަ ތުންފަތަށް ގެންނަ އިޝާރާތުން ދޭހަވާން އުނދަގޫވުމާއި މޫނުމައްޗަށް އަންނަ ކުލަވަރު ވެސް ދެނެގަންނަން އުނދަގޫވާތީ ރޭޒާގެ ސްމާޓް މާސްކަކީ އެކަން ހައްލުކޮށްދޭނެ ފެންވަރު ރަނގަޅު، ބަލައިލަން ވެސް ވަރަށް ރީތިކޮށް ފަރުމާކޮށްފައިވާ މާސްކެކެވެ.

މި މާސްކް އުފައްދާފައި ވަނީ އަޅައިގެން ހުންނަ އިރު ފެން ވެސް ނުވަންނަ ގޮތަށް އަދި މާސްކްގައި ކޫރުން ވެސް ނޭޅޭ ކަހަލަ ރިސައިކަލްކޮށްފައިވާ ޕްލާސްޓިކެއް ބޭނުންކޮށްގެންނެވެ.

ރޭޒާ އިން ބުނި ގޮތުގައި "ޕްރޮޖެކްޓް ހޭޒެލް" މާސްކަކީ އެކްޓިވް ޑިސްކް-ޓައިޕްގެ ދެ ވެންޓިލޭޓަރާއި މާސްކް އަޅައިގެން ހުންނަ އިރު ލާ ނޭވާ ވެސް ފިލްޓަރުވާ ގޮތަށް އަދި ކާބަންޑައޮކްސައިޑް ވެސް ފަސޭހަ އިން ބޭރުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހުރިހާ ގޮތަކުން ވެސް ރައްކާތެރި އުފެއްދުމެކެވެ.

މިއީ އަޅައިގެން ހުންނަ އިރު އޭގެ ސަބަބުން ޖައްވުގެ ތެރޭގައި ހުންނަ އެއާބޯން ޕާޓިކަލްތައް 95 ޕަސަންޓަށް ފިލްޓަކޮށްދޭނެ އެއްޗެކެވެ. ނަތީޖާ އަކީ ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހާއި އެ ނޫން ވެސް ވައިރަސްތަކުން ރައްކާތެރިކޮށް ދިނުމެވެ.

މާސްކުގެ ވެންޓިލޭޓަރުތައް ނައްޓައިގެން ރިޗާޖް ވެސް ކުރެވޭނެ އެވެ. އަދި އެއް ވެންޓިލޭޓަރު ބަދަލުކުރަން ޖެހޭ ހާލަތްތައް ވެސް މާސްކުން އަންގައިދޭނެ އެވެ. އަދި ރޭޒާގެ މި ސްމާޓް މާސްކަކީ ކްރޯމާ އާރްޖީބީ ލެޑް ވެސް ހިމެނޭ ގޮތަށް މައިކްރޮފޯނާއި އެމްޕްލިފަޔާ ވެސް އެކުލެވޭ އެއްޗަކަށްވާތީ އަޅައިގެން އުޅުމަކުން މުއާމަލާތްކުރާކަށް އެއްވެސް ދައްޗެއް ނުވާނެ އެވެ.

ރޭޒާގެ ސްމާޓް މާސްކަކާ މޮޑެލްއެއް.

ރޭޒާގެ ސްމާޓް މާސްކަކާ މޮޑެލްއެއް.

"ޕްރޮޖެކްޓް ހޭޒެލް" ގެ ވާނުވާ މޮބައިލް އެޕަކުން ބެލޭނެ އެވެ.

މި މާސްކާ ބެހޭ ގޮތުން ރޭޒާގެ ތަރުޖަމާނު ވިދާޅުވީ މާސްކް ބާޒަރަށް ނެރޭނީ އަދިވެސް ވަރަށް ގިނަ ކަންކަން ބަލައި ޓެސްޓްކޮށްފަ އެވެ. އެކަމަކު "ޕްރޮޖެކްޓް ހޭޒެލް" އަށް އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޓް ޕްރިވެންޝަން (ސީޑީސީ) ގެ އިތުރުން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު މިނިސްޓްރޭޝަންގެ އެޕްރޫވަލްއެއް ނުލިބެ އެވެ.

އެހެންވެ މާސްކް ނެރޭނެ އިރަކާއި އަގާ ބެހޭ ގޮތުން ރޭޒާ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެ ކުންފުނިން "ޕްރޮޖެކްޓް ހޭޒެލް" ސިފަކުރަނީ ދުނިޔޭގެ އެންމެ "ސްމާޓް މާސްކް" ގެ ގޮތުގަ އެވެ.