Roadha Mihaaru
ކޮރޯނާވައިރަސް ހުރިކަން އަންގައިދޭ މާސްކެއް ހަދަނީ

ކޮރޯނާވައިރަސް ހުރިކަން އަންގައިދޭ މާސްކެއް ހަދަނީ

18 މެއި 2020

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހުރިކަން އަންގައިދޭ ފޭސް މާސްކެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ސައިންޓުންސްތަކެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހުރިކަން އަންގައިދޭ ފޭސް މާސްކެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ސައިންޓުންސްތަކެއް ފަށައިފި އެވެ.

ހާވާޑް ޔުނިވަސިޓީ އާއި މެސެޗޫޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ޓީމަކުން ކުރަނީ މާސްކް އަޅައިގެން ހުންނަ މީހާ ނޭވާލައި ކެއްސައި އަދި ކިނބި އަޅާއިރު ބޭރުވާ ޑްރޮޕްލެޓްސްގައި ކޮރޯނާވައިރަސް ހުރި ނަމަ އެކަން އަންގައިދޭން، ފްލޮޒިރަންޓް ކުލައިން މާސްކް ދިއްލޭ ގޮތް ހެދުމުގެ މަސައްކަތެވެ. އެގޮތުން މާސްކްގައި ހާއްސަ ސެންސަތަކެއް ހުންނާނެ އެވެ.

މި މަސައްކަތްކުރާ ޓިމުން ބުނާ ގޮތުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މާސްކްގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގަ އެވެ. ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކާއި ކުރެވުނު މަސައްކަތްތަކަށް ބަލާ އިރު، ފެންނަނީ ވަރަށް އުންމީދީކޮށް ކަމަށް ބުންޏެވެ.

މި މަސައްކަތުގައި އެމްއައިޓީގެ ފަރާތުން އިސްކޮށް އުޅުއްވާ ބައޮއިންޖިނިއަރު ޖިމް ކޮލިންސް ވިދާޅުވި ގޮތުގައި އެ މީހުން އީޖާދުކުރާ މާކްސް ވެގެން ދާނީ އެބޯލާ އާއި ޒިކާ ފަދަ ވައިރަސްތައް ދެނެގުމަށް ބޭނުންކުރެވޭނެ އާލާތަކަށެވެ.

ކޮލިންސް ވިދާޅުވި ގޮތުގައި މި މާސްކްގެ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ މިހާރު މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނަ ކޮރޯނާވައިރަހާ ދެކޮޅަށް ޑޮކްޓަރުން ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. އަދި ކޮރޯނާވައިރަހަކީ ގައިންގަޔަށް ވަރަށް ފަސޭހަ އިން އަރާ ނުރައްކާތެރި ބައްޔަކަށްވާތީ މާސްކަކުން ބަލި ދެނެގަނުމަކީ ވަރަށް ރައްކާތެރި ގޮތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ މަސައްކަތުގެ ތެރޭގައި އަހަރެމެން މި އުޅެނީ. ވަރަށް އުންމީދީކޮށް މިކަން ފެންނަނީ،" ކޮލިންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު މާސްކްގެ ޓެސްޓްކުރަން ކުރިއަށް މަދު ހަފުތާތަކެއްގެ ތެރޭގައި ފެށޭނެ އެވެ.