Roadha Mihaaru
ކަނޑު ގަދަވެ، ރާޅުތައް ބޮޑުވާނެތީ އިންޒާރެއް

މޫސުން ގޯސްވެ ކަނޑު ގަދަވެދާނެތީ ދަތުރުވެރިންނަށް އިންޒާރު

13 ޖެނުއަރީ 2021

ހއ. އިން ފެށިގެން ތ. އަތޮޅާ ދެމެދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގަދަ ވަޔާ އެކު ކަނޑު ވެސް ގަދަވެދާނެތީ، ކަނޑު ދަތުރުވެރިންނަށް، މެޓް އޮފީހުގެ އިތުރުން، އެމްއެންޑީއެފުން ވެސް ރައްކާތެރިވުމުގެ އިންޒާރެއް މިއަދު ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހއ. އިން ފެށިގެން ތ. އަތޮޅާ ދެމެދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގަދަ ވަޔާ އެކު ކަނޑު ވެސް ގަދަވެދާނެތީ، ކަނޑު ދަތުރުވެރިންނަށް، މެޓް އޮފީހުގެ އިތުރުން، އެމްއެންޑީއެފުން ވެސް ރައްކާތެރިވުމުގެ އިންޒާރެއް މިއަދު ދީފި އެވެ.

މެޓުން ވަނީ ހއ. ފެށިގެން މ. އަތޮޅަށް މިއަދު 12 އަށް އަދި ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މެންދުރު ފަހު ދޭކާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ އެ ގަޑިތަކުގައި އެ ސަރަހައްދުތަކަށް 25-15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި 40 މޭލަށް ވައި ގަދަވުމުގެ ފުރުސަތު އޮތް ކަމަށެވެ. މި ވަރަށް ވައި ޖެހޭ ކޮޅިގަނޑެއްގައި ކަނޑު އުޅަނދެއް ލައްވާލައިފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތުން ކައިރި އެވެ.

މެޓުން ލަފާކުރަނީ ވައި ގަދަވެ ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރާޅުތަކުގެ އުސްމިން 7-4 ފޫޓަށް އުފުލުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މިއީ ކަނޑު ދަތުރުތަކަށް ނުރައްކާ މިންވަރެއް ކަމަށް، ބެލެވެ އެވެ.

ކަނޑު މަތީގެ ހާދިސާތަކުގައި ވެސް މީހުންނާއި މުދާ ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު އުފުލަން ތައްޔާރުވެގެން ތިބޭ ދިވެހި ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި އެމްއެންޑީއެފުން އެދުނީ މި ދުވަސްވަރު ރޭގަނޑު ދަތުރުނުކުރުމަށެވެ.

މެޓް އިން މިއަދު ކުރި ޓްވީޓެއް

ދަތުރަށް ނުކުންނަ އުޅަނދުފަހަރުގައި ރައްކާތެރިކަމުގެ ހުރިހާ އާލާތެއް ހަމަކޮށް، ފިޔަވަޅުތައް އަޅާފައި ބަހައްޓަން ވެސް، އެމްއެންޑީއެފުން އެދެ އެވެ.

އެމްއެންޑީއެފުން ބުނީ ދަތުރަށް ފަށާއިރު ކޮންމެ އުޅަނދެއްގައި ވެސް ލައިފް ޖެކެޓާއި ފެން ހިންދާ ޕަމްޕާއި ސަލާމަތީ އެހެން ސާމާނު ހުންނަން ޖެހޭނެ ކަމަށެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގައިފި ނަމަ 191 އަށް ގުޅާ، ކޯސްޓް ގާޑަށް އަންގަން ވެސް އެމްއެންޑީއެފުން އެދެ އެވެ.