Roadha Mihaaru

މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖޭގެ ހުރިހާ ހިސާބަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ އެވެ.

މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

26 މެއި 2025

ރާއްޖޭގެ ހުރިހާ ހިސާބަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހު ހަތެއްގައި ކަމަށެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް އެ މޫސުން ފެށުނީ މި މަހު 12 ގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.

އެހެންވެ، މި އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ އަހަރަށް ވުރެ ހަތަރު ދުވަސް ފަހުންނެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު

ހުޅަނގު މޫސުން ފެށުނުކަން ޔަގީން ކުރުމަށް ދެ ގޮތަކަށް ބަލަ އެވެ. އެއީ ވާރޭ ވެހުނު މިންވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.

• މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެ އަށް ވުރެ ގިނައިން ވާރޭ ވެހި، އެ ހާލަތު ޖެހިޖެހިގެން ދެ ދުވަހަށް ދެމިގެންދިއުން

• ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ޖެހިގެންޖެހިގެން ދެ ދުވަހަށް ދެމިގެން ދިއުން

މި ފަހަރު ރާއްޖެ އަށް އިރުވައި މޫސުން ފެށުނީ ވެސް އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މާ ލަހުންނެވެ. އާންމުކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖެ އަށް އިރުވައި މޫސުން ފެށޭ ނަމަވެސް މިދިޔަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ރާއްޖެ އަށް 2023 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު 24 ގަ އެވެ. އަދި 2022 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.