Roadha Mihaaru

ރާއްޖެ އަށް ހުޅަނގު މޫސުން ފެށިއްޖެ؛ ދެކުނަށް ވިއްސާރަ!

ރާއްޖެ އަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިއުލާންކޮށްފި އެވެ.

ރާއްޖެ އަށް ހުޅަނގު މޫސުން ފެށިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

09 މެއި 2022

ރާއްޖެ އަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިއުލާންކޮށްފި އެވެ.

މެޓް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ އިއްޔެ ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް މެޓުން ބަލަނީ، ހާއްސަ މިންގަނޑެއްގެ ތެރެއިން، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭ ވެހޭ މިންވަރާއި އަދި ވައި ހުންނަ ބާރުމިނަށް ބަލައިގެންނެވެ. އާންމު ގޮތެއްގައި، ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނުން ކަމަށް މެޓުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބެލި މިންގަނޑު

- މި މަހު 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން.

- އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

- ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުން.

- އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ކަމަށް ބަލަނީ ޖެނުއަރީ މަހުން ފަށައިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ފެށޭ ކަމަށް ބަލަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި އަހަރުގެ އިރުވައި މޫސުމުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، މިދިޔަ މަހު ފަހުކޮޅުގައި ވިއްސާރަކުރި އެވެ. ނަމަވެސް، އެ ވިއްސާރަ މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެ އެވެ.

މިދިޔަ މަހު 17 ގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވުނު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އެރި ކަމަށް ވެސް މެޓުން އާންމުކުރި މައުލޫމާތުތަކުން ވަނީ އެންގިފަ އެވެ. އެ ދުވަހު ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ.

މުޅި ރާއްޖެ އަށް ވައިގަދަވެ، ގަނޑުގަދަވާނެތީ މެންދަމު 1:30 ވަންދެން މިހާރު ވެސް އޮތީ ހުދު ސަމާލު ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރުމިނުހައި ވައި ޖޭހެނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.