Roadha Mihaaru

ވަރަށް ވިއްސާރަ، ރަނގަޅުވާނީ ދެ ދުވަހެއް ފަހުން

ރާއްޖޭގެ ބޮޑު ސަަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށް ގެއްލުންވެއްޖެ އެވެ.

ވަރަށް ވިއްސާރަ، ރަނގަޅުވާނީ ދެ ދުވަހެއް ފަހުން
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

29 މެއި 2019

ރާއްޖޭގެ ބޮޑު ސަަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށް ގެއްލުންވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވެ އެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ވެސް ބައެއް ރަށްރަށަށް ގެއްލުންތައްވި އެވެ. މި ވިއްސާރާގައި ބައެއް ހިސާބުތަކަށް ބާރަށް ގުގުރަ އެވެ.

ފުލުހުން ބުނި ގޮތުގައި ހދ. މަކުނުދޫ އަށް މިއަދު ކުރި ވިއްސާރާގައި ރަށު ސްކޫލު ފާރުމައްޗަށް ގަހެއް ވެއްޓި ބައެއް ގޭތަކުގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ.

އެ ރަށު ކައުންސިލަރު މުހައްމަދު ޝާކިރު "މިހާރު" އަށް ވިދާޅުވީ 10 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ. އަދި ހަދަމުން އަންނަ ގެއެއްގެ ފުރާޅެއްގެ ބޮޑު ބައެއް ނެއްޓުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަކުނުދޫގައި ގެއެއްގެ ފުރާޅަށް ގެއްލުންވެފައި -- ފޮޓޯ: ޕޮލިސް

މަކުނުދޫގައި ގެއެއްގެ ފުރާޅަށް ގެއްލުންވެފައި -- ފޮޓޯ: ޕޮލިސް

ޝާކިރު ވިދާޅުވީ ރަށުގައި ފެން ބޮޑުނުވި ނަމަވެސް ވައި ގަދަވުން ބައެއް ގަސްތައް ވެއްޓިފައިވާ ކަމަށެވެ.

"ރަށުގައި އިންދާފައި ހުރި ގިނަ ގަސްތަކަށް ގެއްލުންވެފައިވާ ކަމަށް ރައްޔިތުން ބުނޭ. ގޭގޭގައި އިންދާފައި ހުރި ދޮންކެޔޮ ގަސްތަކަށާއި ފަޅޯ ގަސްތަކަށް ގިނަ ގެއްލުންތަކެއް ވެފައިވާ ކަމަށް [ރައްޔިތުން ބުނި]،" އޭނާ ވިދާޅުވި އެވެ.

ވިއްސާރާގައި ކުރިމަތިވި ހާދިސާތަކުގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

މިއަދު މާލެ އަށް ވެސް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި ސިފައިން ވަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

މޫސުން ގޯސްވުމުން މެޓް އޮފީހުން ވަނީ ނ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެތަނުން ބުނި ގޮތުގައި މެންދުރު ފަހު 3:00 އާ ހަމަޔަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރައި ވައި ވެސް ގަދަ ވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ނެރެ ކޮށްފައިވާ ޓްވީޓް

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ މި ވަގުތު އެންމެ ވައިގަދަ ވާނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވައިގެ ބާރުމިން އާންމުކޮށް 15 މޭލާއި 23 މޭލުގެ ދެމެދުގައި ހުރި ނަމަވެސް، ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް މި ހަފުތާގައި ކުރި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެން ވެސް ބައެއް ގެތަކަށް އެކި ވަރުގެ ގެއްލުންތައް ވި އެވެ. ޑިޒާސްޓާ މެނޭޓްމަންޓް އޮތޯރިޓީން ބުނި ގޮތުގައި ތ. އަތޮޅުގެ 43 ގެއަކަށް ފެން ވަދެފައިވެ އެވެ.