Roadha Mihaaru
ފައުޒާން ގެނބުނު ނެރު ބައްދަން ޕެޓިޝަނެއް

ފައުޒާން އޮޔާ ދަމައިގަތް ނެރު ބައްދަން ޕެޓިޝަނެއް

13 ޖެނުއަރީ 2021

ފުވަމުލަކުގެ މާނޭރެ ސަރަހައްދު މޫދުގައި އޮންނަ އޮއެ ބާރު ނެރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާތީ އެ ތަން ބަންދު ކުރުމަށް ގޮވައިލާ އަޑުގަދަވެ، ޕެޓިޝަނެއް ހަދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުވަމުލަކުގެ މާނޭރެ ސަރަހައްދު މޫދުގައި އޮންނަ އޮއެ ބާރު ނެރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާތީ އެ ތަން ބަންދު ކުރުމަށް ގޮވައިލާ އަޑުގަދަވެ، ޕެޓިޝަނެއް ހަދައިފި އެވެ.

މީގެ ކުރިން މަސްވެރިކަމަށް އުޅަނދުފަހަރު ނުކުންނަ ފުވަމުލަކު ފަރުމަތިން އަށް ނެރެއް ކޮނެފައި ވެ އެވެ. މީގެ އަހަރު ތަކެއް ކުރިން ވަނީ އޭގެ ތެރެއިން ހަތަރު ނެރެއް ބަންދުކޮށްފަ އެވެ. ނަމަވެސް ދެން ހުރި ސަރަހައްދުތަކަށް މީހުން މޫދަށް އެރި އުޅުމާއި އެހެން ގޮތް ގޮތުން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައި ބައެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ.

މި މައްސަލަ އަނެއްކާ ވެސް ހޫނުވީ، މިދިޔަ ހޮނިހިރު ދުވަހު މާނޭރޭ ސަރަހައްދަށް މޫދަށް އެރިއުޅުނު ކުޑަ ދެ އަންހެން ކުދިން ނެރާ ދިމާލުން އޮޔާ ބޭރަށް ދަމައިގަތުމުން ސަލާމަތް ކުރަން ދިޔަ އުމުރުން 17 އަހަރުގެ އަހުމަދު ފައުޒާން މަރުވުމާ ގުޅިގެނެވެ.

އެ މައްސަލަ ހޫނުވެ، ހަދާފައިވާ ޕެޓިޝަނުގައި ވަނީ އެ ނެރުތައް ބައްދާލައި އެ ސަރަހައްދު ބަންދު ކުރުމަށް ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. މިހާތަނަށް 2،000 އަށް ވުރެ ގިނަ ސޮއި އެ ޕެޓިޝަނަށް ވަނީ ލިބިފަ އެވެ. އެ ތައްޔާރު ކުރި މީހުން ވަނީ ފުވަމުލަކު ސިޓީ ކައުންސިލަށް ވެސް އެ ޕެޓިޝަން ހުށަހަޅައިފަ އެވެ.

ފުވަމުލަކު ނެރުތައް ބަންދު ކުރުމަށް އެ ރަށު ރައްޔިތުން ގޮވާލަމުން އަންނައިރު ސެޕްޓެމްބަރު 12، 2020 ގައި ސިޓި ކައުންސިލުން ވަނީ އެ މައްސަލަ ހައްލު ކުރުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

"މިހާރު" އަށް ލިބިފައިވާ އެ ސިޓީއާއެކު، ނެރު ބެއްދުމަށް ބޭނުންވާ ކުރެހުންތައް ވެސް އެ ތާރީހުގައި މިނިސްޓްރީ އަށް ވަނީ ފޮނުވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކައުންސިލް މެންބަރަކު ވިދާޅުވީ އޭރު ފޮނުވި ސިޓީތަކަށް ރައީސް އޮފީހުންނާއި ޕްލޭނިން މިނިސްޓްރީން ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. ވީ އެންމެ އަވަހަކަށް ކައުންސިލުން މާލެ އަށް ކުރާ ދަތުރުގައި މި މައްސަލަ ފާހަގަކޮށް، ހައްލު ކުރަން އެދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.